Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޖުޑީޝަރީ

ޤާނޫނުގެ ދުސްތޫރިއްޔަތުކަން ކަށަވަރުކުރުން، ކޯޓުުތަކުގެ އިޚުތިޞާޞީ ބާރެއް

ދުސްތޫރީ ޤާނޫން ނުވަތަ ޤާނޫން އަސާސީއަކީ އޭގައި ދައުލަތުގެ ބާވަތާއި ދައުލަތުގެ ބާރުތަކާއި އެބާރުތަކުގެ މިންވަރުތަކާއި ވާޖިބުތަކާއި އެކުލެވިގެންވާ ގޮތްތަކާއި ޢާންމު ފަރުދުންގެ އަސާސީ ޙައްޤުތަކާއި އެފަރުދުންގެ ވާޖިބުތައް ބަޔާންކޮށްފައިވާ ޤާނޫނެވެ.
މިޤާނޫނަކީ ދައުލަތުގެ އެންމެ އިސް ޤާނޫނެވެ. ނުވަތަ މައިގަނޑު ޤާނޫނެވެ. މިޤާނޫނުގެ އަސާސީ ޞިފަތައް ޤާނޫނީ ޢިލްމުވެރިން ތަފްޞީލުކޮށް ބަޔާންކޮށްދެއްވާފައިވެއެވެ. އެހެންކަމުން ޤައުމުގެ ދާޚިލީ އެންމެހާ ޤާނޫނެއް ބިނާކުރެވިގެންދާނީ މިޤާނޫނާ ފުށުނާރާނެ ގޮތެއްގެ މަތީންނެވެ. ދުސްތޫރީ ޤާނޫން ނުވަތަ "ކޮންސްޓިޓުއުޝަނަލް ލޯ"އަށް ޤާނޫން އަސާސީއެވެ ކިޔެނީ މިހެންވެގެންކަމުގައި ޝެއިޚު މޫސާ ފަތުޙީ އޭނާގެ ޤާނޫނަށް މަގެއް އެފޮތުގައި ބަޔާންކުރައްވާފައިވެއެވެ.

އެންމެކުރުކޮށް ދުސްތޫރީ ޤާނޫނަކީ ކޮބައިކަން ބުނެދޭނަމަ ދެންނެވޭނީ ދުސްތޫރީ ޤާނޫނަކީ ޤައުމެއް އެއަސާސްތަކުގެ މައްޗަށް ބިނާވެގެންދާ އަސާސްތަކާއި ޤައުމުގައި ދިރިއުޅޭ ފަރުދުންގެ ދިރިއުޅުން ތަންޡީމުކުރާ އަސާސީ ޤަވާޢިދުތަކުގެ މައްޗަށް އެކުލެވިގެންވާ ދައުލަތުގެ ޤާނޫންތަކުގެ މަޞްދަރެވެ.

ޢާންމުކޮށް ދުސްތޫރީ ޤާނޫނު ބަޔާންކޮށްދޭނީ ދެކަމެއް

1- ފުރަތަމަކަމަކަށް ދައުލަތަކީ ކޮން ދައުލަތެއްކަން ބަޔާންކޮށްދިނުމެވެ. އެއީ، ރަސްކަމެއްކަމުގައިވާނަމަ، ނުވަތަ ޖުމްހޫރިއްޔަތެއްކަން ނުވަތަ ރިޔާސީ ނިޒާމަކަށް ހިގާ ޤައުމެއްކަން، ނުވަތަ ބަރުލަމާނީ ނިޒާމެއްކަން ބަޔާންކޮށްދިނުމެވެ. ނޫނީ އެދައުލަތަކީ މިނިޒާމް އެކުވެފައިވާ މަސްހުނި ދައުލަތެއްކަން ބަޔާންކުރުމެވެ.

2- ދެވަނަކަމަކީ، ދައުލަތުގެ ބާރުތަކާއި އެބާރުތަކުގެ ޙުދޫދުތަކާއި ޒިންމާތައް ބަޔާންކުރުމެވެ. އަދި އެބާރުތައް ހިގަންޖެހޭނެ ގޮތްތައް ތަފްޞީލުކޮށް ބަޔާންކުރުމެވެ.

ދައުލަތުގެ މައިގަނޑު ތިންބާރު

މި ޒަމާނުގެ ޤައުމިއްޔަ ދައުލަތްތައް (ނޭޝަން ސްޓޭޓްސް) ދުސްތޫރީ ގޮތުން ތަރުތީބުކުރަނީ މައިގަނޑު ތިން ބާރެއްގެ މައްޗަށެވެ. އެ ތިން ބާރަކީ އަންނަނިވި ބާރުތަކެވެ.

ހ. ތަޝްރީޢީ ބާރެވެ. ނުވަތަ ޤާނޫނުތައް އެކުލަވައިލުމުގެ ބާރެވެ. މިބާރުގެ ޒިންމާއަކީ ޤާނޫނު އެކުލަވައިލުމެވެ. އަދި ޤާނޫންތައް ހަރުދަނާ މިންގަނޑުތަކެއްގެ މައްޗަށް ބިނާކުރުމެވެ. އެއާއެކު، ދައުލަތް ހިންގުމުގެ ބައެއް ނިޒާމުތަކުގައި މިބާރަކީ ސަރުކާރު ޒިންމާދާރުކުރުވުމުގެ މަސްއޫލިއްޔަތު އުފުލުމުގެ ބާރެވެ.

ށ. ތަންފީޒީ ބާރެވެ. (އެގްޒަކްޓިވް ބާރެވެ.) މިބާރަކީ މަތީގައި ބަޔާންކުރެވުނު ބާރުތަކުން އެކުލަވައިލާ ޤާނޫންތައް ދައުލަތުގެ މައްޗަށް ހިންގުމެވެ. އަދި ރައްޔިތުންނަށް ޚިދުމަތްދިނުމުވެ. އަދި ދައުލަތުގެ ޢާންމު އޮފީސްތައް ހިންގުމެވެ.

ނ.ޤަޟާއީ ބާރެވެ. ނުވަތަ ޙުކުމްކުރުމުގެ ބާރެވެ. އިނގެރޭސި ބަހުން ދައްވާނަމަ، ޖުޑީޝަރީއެވެ. މިބާރަކީ ހުށަހެޅޭ އެކިބާވަތުގެ ޤަޟިއްޔާތައް ފައިސަލާކޮށް އެފަދަ މައްސަލަތަކުގައި ޙުކުމްކުރާ ބާރެވެ. އެގޮތުން ޖިނާއީ ޢަދުލުގެ ނިޒާމާއި މަދަނީ ޙައްޤުތައް ރައްކާތެރިކުރާނީ މިބާރުންނެވެ. އަދި އިސްވެދެންނެވުނު ދެބާރުގެ މެދުގައި ބާރުތައް ތިލަފަތް ހަމަގޮތެއްގައި ބެހިގެންދޭތޯ ބަލާނީވެސް މިބާރުންނެވެ. (ޤާނޫނަށް މަގެއް/ އަލްއުސްތާޛު މޫސާ ފަތުޙީ ޞަފްޙާ 41، 42)

ތިންބާރު ވަކިކުރުމުގެ މަބްދައު އެންމެ ފުރިހަމައަށް ފެންނަމުންދާ އެއްދައުލަތަކީ ރިޔާސީ ނިޒާމް ދުނިޔެއަށް ތަޢާރަފުކޮށް އެނިޒާމް އެންމެ ފުރިހަމައަށް ތަޠްބީޤުކޮށް ތަންފީޒުކުރަމުންގެންދާ ދުނިޔޭގެ އެންމެ ބާރުހުރި ދައުލަތްކަމުގައި ޔުނައިޓެޑް ސްޓޭޓުސް އޮފް އެމެރިކާއެވެ.

އެމެރިކާގެ ސެނެޓަށް ޤާނޫނު ހެދުމުގެ ފުރިހަމަ ބާރުތައްވަނީ ލިއްބައިދީފައެވެ. ހަމައެއާއެކު މިބާރުވެރިކަން އެހެން އެއްވެސް މުއައްސަސާއަކާ ޙަވާލުކުރުން މަނާކުރުމަށްޓަކައި "ނާއިބެއް ލިބިނުގަނެވޭނެކަން ބަޔާންކުރާ މަބްދައެއް ތަޢާރަފުވެގެން ދިޔައެވެ. 1998 ވަނަ އަހަރުގައި ހިގައިދިޔަ

(Clinton v city of new York) ކޭހުގައި ޤާޟީން ނިންމަވާފައިވާ ނިންމެވުމުގެ އަސާސަކީ މިދެންނެވި މަބްދައެވެ. އެމަބްދައަކީ: non delegation doctrine އެވެ. ދިވެހިރާއްޖޭގެ ދުސްތޫރަށް ބަލާއިރުވެސް ބާރުތައް ވަކިވެފައިވާ ނިޒާމް ފެންނަމުން އެބަދެއެވެ. އެހެނީ މިރާއްޖޭގައި ތަންފީޒުކުރެވެމުންދާ ދިވެހި ޖުމްހޫރިއްޔާގެ ޤާނޫން އަސާސާ (2008)ކީ ރިޔާސީ ނިޒާމުގެ މަބްދައުގެ މައްޗަށް ބިނާކޮށް ހެދިފައިވާ ޤާނޫން އަސާސީއެކެވެ.

ދުސްތޫރީ ޤާނޫނުގެ ބާވަތްތައް:

ދުސްތޫރީ ޤާނޫންތައް އުފެދޭ ގޮތަށް ބަލާއިރު މައިގަނޑު ގޮތެއްގައި ދުސްތޫރީ ޤާނޫންތައް ބެހިގެންވަނީ ތިންބަޔަކަށްކަން ޝައިޚު މޫސާ ފަތުޙީ ފާހަގަކުރައްވާފައިވެއެވެ. އެއީ:

ހ. ރައްޔިތުންނަށް ދޭ ހަނދިޔާއެއްގެ ގޮތުގައި ވެރިމީހާ ނުވަތަ ޙާކިމާގެ ފަރާތުން ޤާނޫން އަސާސީ އުފެދިގެންއަންނަ ޤާނޫން އަސާސީއެވެ.

ށ. ރައްޔިތުންނާއި ޙާކިމާ ދެމެދުގައި ވެވޭ އެއްބަސްވުމެއްގެ ސަބަބުން އުފަންވެގެން އަންނަ ދުސްތޫރީ ޤާނޫނެވެ.

ނ. ރައްޔިތުން އެމީހުން އަމިލައަށް އެމީހުންގެ އަމިއްލަ ނަފްސުތަކަށް ނަގައިދޭ ޤާނޫނު އަސާސީއެވެ.
ޤާނޫން އުފެދޭ ގޮތަށް ބަލާއިރު ޤާނޫނުތައް ބެހިގެންވަނީ މައިގަނޑުގޮތެއްގައި އިސްވެދިޔަ ބާވަތްތަކަށެވެ. އަދި އުސްތާޛު މޫސާ ފަތުޙީ ދެކެވަޑައިގަންނަވާ ގޮތުގައި ޤާނޫން އަސާސީތަކުގެ ތެރެއިން އެންމެ ފުރިހަމަ ޤާނޫނު އަސާސީއަކީ ތިންވަނަ ބާވަތުގެ ޤާނޫން އަސާސީއެވެ. ނުވަތަ އެބާވަތުގެ ދުސްތޫރެވެ.

ދެން އޮތީ ބަދަލުއައުމާއި ނައުމުގައި ދުސްތޫރީ ޤާނޫންތައް ބެހިގެންވަނީ ދެބާވަތަކަށެވެ. އެއީ ވިލުންތެރި ޤާނޫނާއި ހަރު ޤާނޫނެވެ.

ވިލުންތެރި ދުސްތޫރު:

ވިލުންތެރި ދުސްތޫރަކީ އިންގެރޭސި ބަހުން ދަންނަވާނަމަ ފްލެކްސިބަލް ކޮންސްޓިޓުއުޝަންއެވެ. އެފަދަ ދުސްތޫރަކީ އެއަށް ބަދަލުގެނައުމަށް މާގިނަކަންތައްތަކެއް ކުރުމެއްނެތި އާދައިގެ ޤާނޫނަކުން ބަދަލުގެނެވޭނެ ދުސްތޫރެވެ. އިނގެރޭސީންގެ ދުސްތޫރަކީ މިފަދަ ދުސްތޫރެކެވެ. އެހެންކަމުން އިނގެރޭސި ޕާލިމަންޓުން ފާސްކުރާ ޤާނޫނެއް، ދުސްތޫރުގެ މާއްދާއަކާ ތަޢާރުޟުވެއްޖެނަމަ، ދުސްތޫރުގެ މާއްދާ އެޤާނޫނާ އެއްގޮތަށް ބަދަލުވެގެންދެއެވެ. އެހެންކަމުން ޕާލިމަންޓުން ފާސްކުރާ ޤާނޫނެއް ދުސްތޫރާ އެއްގޮތްތޯ ބެލުމަކީ މިފަދަ ދުސްތޫރުތައް ލިބިފައިވާ ޤައުމުތަކުގެ ޤާނޫނީ އޮނިގަނޑުގައި ހިމެނޭނެކަމެއްނޫނެވެ.

ހަރު ދުސްތޫރު:

މިފަދަ ދުސްތޫރަށް އިނގެރޭސިބަހުން ކިޔަނީ ރިޖިޑް ކޮންސްޓިޓުއަޝަނެވެ. އެއީ ޤާނޫނަކުން އެއަށް ބަދަލު ނުގެނެވޭ އަދިކިއެއްތަ އެއަށް ބަދަލެއް ގެނައުމަށްޓަކައި އާދަޔާ ޚިލާފު ޚާއްޞަ ކަންތައްތަކެއް ކުރަންޖެހޭ ދުސްތޫރެކެވެ. ރައްޔިތުންގެ މަޖިލިހުން ފާސްކުރާ އާދައިގެ ޤާނޫނަކުން މިފަދަ ދުސްތޫރެއްގެ މާއްދާއަކަށް ނުވަތަ ބަޔަކަށް ބަދަލެއް ނުގެނެވޭނެއެވެ. އަދި ޤާނޫން އަސާސީއަށް ބަދަލެއް ގެންނަން ބޭނުންވާނަމަ އެކަމަށް ކަނޑައެޅިފައިވާ ވަކި އިޖުރާއާތުތަކެއް ކަނޑައްތުކޮށްގެން މެނުވީ އެބަދަލެއް ނުގެނެވޭނެއެވެ. އަޅުގަނޑުމެން ރާއްޖޭގެ ޤާނޫންއަސާސީއަކީ މިފަދަ ޤާނޫން އަސާސީއެކެވެ.

ޤާނޫނުގެ ދުސްތޫރިއްޔަތު ކަނޑައެޅުން:

އިސްވެ ބަޔާންކުރެވުނު ބާވަތްތަކުގެ ދުސްތޫރުތަކުގެ ތެރެއިން ވިލުންތެރި ދުސްތޫރެއް ލިބިފައިވާ ޤައުމުތަކުގައި ޕާލިމަންޓުން ފާސްކުރާ ޤާނޫންތައް ކޮންމެހެން ޤާނޫން އަސާސީއާ އެއްގޮތްވާކަށް ނުޖެހެއެވެ. އެހެންކަމުން އެފަދަ ޤައުމުތަކުގައި ޤާނޫންތަކުގެ ދުސްތޫރިއްޔަތު ކަނޑައަޅައި ޔަޤީންކުރުމަކީ ކުރަންޖެހޭކަމެއްނޫނެވެ.

ދުސްތޫރުތަކުގެ ތެރެއިން ޤާނޫނުތައް އެދުސްތޫރަށް ތަބާވުން ލާޒިމްވެގެންވަނީ، ރިޖިޑް ނުވަތަ ހަރު ދުސްތޫރެވެ. ސަބަބަކީ އެފަދަ ދުސްތޫރަށް ބަދަލުގެނައުމަކީ ޚާއްޞަވަކި ނިޒާމެއްގެ ދަށުން ކުރެވޭ އުދަގޫ ދަތި އިޖުރާއާތުތަކެއް އެކަމުގައި އެކުލެވިގެންވާކަމެކެވެ.

ޤާނޫންތަކުގެ މައްޗަށް ދުސްތޫރު އިސްކުރުމުގެ ފިކުރަކީ ޤަދީމީ ޔޫނާނުގެ ފަލްސަފާވެރިންގެ ކިބައިގައި އޮތް ފިކުރެއްވެސްމެއެވެ. އެކަން އެގެނީ އޮރޮސްޓަސް އޭނާގެ "ސިޔާސާ" ނަމަކަށް ކިޔުނު ފޮތުގައި ބަޔާންކޮށްފައިވާކަންކަމުންނެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި ދައުލަތުގެ އެންމެ އަސާސީ ޤަވާޢިދުތަކަކީ، އާދައިގެ ޤާނޫނަކުން ބަދަލުކޮށް ގޮތްގޮތް ހެދިގެންވާނެ ޤަވާއިދުތަކެއްނޫނެކަމަށެވެ. މިކަމުން އެގެނީ ޤާނޫން އަސާސީގެ ފިކުރާއަކީ އެއްވެސް ޙާލެއްގައި މިޒަމާނުގެ ފިކުރެއްނޫންކަމެވެ.

ކޮންމެއަކަސް މިހާރު މިޒަމާނުގެ ދައުލަތްތައް މިކަމުގައި މައިގަނޑު ގޮތެއްގައި ބެހިގެންވަނީ ދެބާވަތަކަށެވެ. އެދެބާވަތަކީ:

ހ. ޤާޟީއަށް އެޙައްޤު ލިއްބައިދީފައިވާ ދައުލަތްތަކެވެ.

ށ. ޤާޟީންނަށް އެޙައްޤު ލިއްބައިނުދީ އެހެން ކޮންމެވެސް ނިޒާމަކުން ޤާނޫނުގެ ދުސްތޫރިއްޔަތުކަން ކަނޑައަޅާ ދައުލަތްތަކެވެ.

ނ. ޤާނޫނުގެ ދުސްތޫރިއްޔަތު ބަލަންނުޖެހޭ ދައުލަތްތަކެވެ.

ނ.ގައި އެވާ ޤާނޫނުގެ ދުސްތޫރިއްޔަތު ބަލަން ނުޖެހޭ ދައުލަތްތަކަކީ އެދައުލަތްތަކުގެ ދުސްތޫރު ވިލުންތެރި ދުސްތޫރެއްކަމުގައި ހިމެނޭ ދައުލަތްތަކެވެ. މިސާލަކަށް އިނގެރޭސިވިލާތެވެ. އެފަދަ ދައުލަތްތަކުގައި ކޮންމެ ޤާނޫނަކީވެސް އެއްވެސް ޚާއްޞަ މަރުޙަލާއެއް ކަނޑައްތުކުރުމެއްނެތި ޢާންމު ޤާނޫނެއްގެ އެހީގައި ދުސްތޫރަށް ބަދަލުގެނެވޭނެއެވެ. އެހެންކަމުން ދުސްތޫރަކީ އެއްގޮތަކަށް ދެމިއޮންނަ ދުސްތޫރެއްކަމުގައިނުވެއެވެ.

ށ.ގައި ބަޔާންކޮށްފައިވަނީ ޝަރުޢީ މަޙުކަމާއެއް މެދުވެރިނުކޮށް ޤާނޫނުގެ ދުސްތޫރިއްޔަތު ޔަޤީންކުރާ ނިޒާމުގެ ވާހަކައެވެ. މިފަދަ ގޮތެއްގައި ޤާނޫނުގެ ދުސްތޫރިއްޔަތު ޔަޤީންކުރާ އެއްދައުލަތަކީ ފަރަންސޭސިވިލާތެވެ. އެދައުލަތުގައި ޕާލިމަންޓުން ފާސްކުރާ ޤާނޫނުގެ ދުސްތޫރިއްޔަތާމެދު ފާޑުކިޔުމަކީ ދުސްތޫރުން މަނާކޮށްފައިވާކަމެކެވެ. އެހެންކަމުން ކޮންމެވެސް އެހެންގޮތަކުން ޤާނޫނުގެ ދުސްތޫރިއްޔަތު ޔަޤީންކުރެއެވެ. ހަމައެފަދައިން ޤާނޫނުގެ ދުސްތޫރިއްޔަތާމެދު ސުވާލުކުރުމަކީ ކުށެއްކަމަށް ކަނޑައަޅައި އެކަމުގެ ޢުޤޫބާތްވެސް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

ޝަރުޢީ ކޯޓުތަކަށް މިބާރުވެރިކަން ދީފައިވާ ދައުލަތްތަކުގައި އެކަން ޙަވާލުކޮށްފައިވަނީ ސަބަބުތަކަށްޓަކައެވެ.

ޤާޟީންނަށް މިޙައްޤު ދީފައިވާ ދައުލަތްތައް:

ޤާޟީންނަށް މިޙައްޤު ދީފައިވާ ދައުލަތްތަކުގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ ޔުނައިޓަޑް ސްޓޭޓްއޮފް އެމެރިކާއެވެ. މިދައުލަތުގައި މިޙައްޤު ދީފައިވާ މިންވަރުގެ ސަބަބުން ވަރަށް ގިނަ ޤާނޫނީ މާހިރުންގެ ޢާންމު ޢިބާރާތެއްކަމުގައިވެފައިވެއެވެ. "އެމެރިކާ އޮންނާނީ ޤާޟީންގެ ސަރުކާރުގެ އަމުރުގެ ދަށުގައެވެ."

19ވަނަ ޤަރުނުގެ ފަހުކޮޅުން ފެށިގެން އައިސް ވިހިވަނަ ޤަރުނު ނިމެންދެންވެސް އެމެރިކާ މީހުން ތަޖުރިބާކޮށްފައިވަނީ މިނިޒާމެވެ. އެމެރިކާގައި ޤާޟީންނަށް މިމައްސަލައިގައި 3 ވަސީލަތެއް ބޭނުންކުރެވޭނެއެވެ.

އެތިންވަސީލަތަކީ: އަންނަނިވި ތިންވަސީލަތެވެ.

ހ. ދަފްޢުގެ ވަސީލަތް:

ފެޑެރަލް ކޯޓެއްގައި ނުވަތަ ސްޓޭޓް ކޯޓެއްގައިވެސް ޤާޟީއަށް ޤާނޫނެއްގެ އެއްވެސް މާއްދާއެއް ދުސްތޫރާ ޚިލާފުވާކަން އެގޭނަމަ، އެމާއްދާއަކާ އެއްގޮތަށް ޙުކުމް ނުކުރުމުގެ ޙައްޤު ލިބިގެންވެއެވެ. އެހެންނަމަވެސް މިނުރައްކާތެރި މައްސަލަތަކުގައި ދަށު ކޯޓުތަކުން ނިންމާ ނިންމުންތަކަކީ އެންމެ ފަހުގެ ނިންމުމެއް ނޫނެވެ. އަދި ކިއެއްތަ މަތީ ކޯޓުތަކުގައި މިމައްސަލަތަކާމެދު ބަޙުސްކުރުމުގެ ފުރުޞަތު ހުޅުވިފައި އޮންނާނެއެވެ. ފަހަރުގައި މަތީ ކޯޓުން މިމައްސަލައިގައި ނިންމާފައިވާ ނިންމުމަކީ ރަނގަޅު ބަލައިގަނެވޭ ނިންމުމެއްކަމުގައި ބަލައިފާނެއެވެ.

މިވަސީލަތަކީ އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވެމުން އަންނަ ވަސީލަތެވެ. މިވަސީލަތުގެ ބޭނުމަކީ ޤާޟީންނަށް ޣައިރު ދުސްތޫރީ ޤާނޫނަކަށް ތަބާނުވުމުގެ އިޚުތިޔާރު ހޯދައިދިނުމެވެ. އެހެންކަމުން މިވަސީލަތުން ޤާނޫން ބާޠިލުކަމުގައި ކަނޑަ ނޭޅޭނެއެވެ.

މިޙުކުމުގައި ކޯޓުން ނިންމާނީ އެކޯޓުގެ ކުރިމަތީގައި އެޤާނޫނުގެ އެބަޔަކީ ނުވަތަ ކަނޑައެޅިފައިވާ ވަކި މާއްދާތަކަކީ ތަބާވާންޖެހޭ، އެއަށް ޢަމަލުކުރުން ލާޒިމުވެގެންނުވާ މާއްދާއެއްކަމަށެވެ. އެހެންކަމުން އެހެން ކޯޓަކުން އެނޫންގޮތަކަށް ނުވަތަ ފުރަތަމަ ކޯޓުން ކުރި ޙުކުމާ ފުށުއަރާ ގޮތަކަށް ޙުކުމްކުރުމަކީ ނޭކަށޭނެކަމެއްކަމުގައި ނުވާނެއެވެ.

ށ. ކޯޓު އަމުރުގެ ވަސީލަތް:

މިވަސީލަތުގައި ކޮންމެވެސް ފަރާތަކުން ކޯޓަށް ގޮސްގެން، ވަކި ޤާނޫނަކަށް ނުވަތަ ޤާނޫނެއްގެ ބައަކަށް ޢަމަލުކުރުން ދައުލަތުގެ ވަކި މުވައްޒަފަކަށް މަނާކުރުމެވެ. އެއީ އެޤާނޫން ނުވަތަ ޤާނޫނުގެ އެބައި ދުސްތޫރާ ޚިލާފުވެފައިވާތީއެވެ. މިފަދައިން ކޯޓުން އަމުރެއް ނެރެއްޖެނަމަ، އެއަމުރަކަށް ފުރިހަމައަށް ކިޔަމަންވުމަކީ ދައުލަތުގެ ކޮންމެ މުވައްޒަފަކަށް މަޖުބޫރުކަމެކެވެ. އެއީ އިސްތިއުނާފުގެ މަރުޙަލާއަށް ގޮސް އެއަމުރު އެއަށްވުރެ މަތީ ކޯޓަކުން ބާޠިލުނުކުރާހާ ހިނދަކުގައެވެ.

ނ. ތަޤުރީރީ ޙުކުމްކަނޑައެޅުމުގެ ވަސީލަތް:

މިވަސީލަތަކީ ކަނޑައެޅިގެން ވަކި ޤާނޫނެއް ދުސްތޫރާ ޚިލާފުކަމަށް ޙުކުމްކުރުމުގެ ވަސީލަތެވެ. އެހެންނަމަވެސް މިޙުކުމުގެ ސަބަބުން ޤާނޫނު ބާޠިލުވެގެން ނުދާނެއެވެ. މިޙުކުމަކީ ހަމައެކަނި ކޯޓުގެ ޝަޚްޞީ ރައުޔަ ފާޅުކުރުމެވެ.

މިއުޞޫލަށް 1918މ.ވަނަ އަހަރުން ފެށިގެން މިއަދާހަމައަށްވެސް އެމެރިކާގައި މިވަސީލަތް ބޭނުންކުރަމުން އާދެއެވެ. އެހެންނަމަވެސް ޤާނޫނީ ބާރުވެރިކަން މިނިޒާމަށް ލިބުނީ 1938ގައި ކޮންގްރެސްއިން ފާސްކޮށްފައިވާ ޤާނޫނަކުންނެވެ.

މިބުނެވުނު ވަސީލަތްތައް ބޭނުންކޮށްގެން ޤާނޫނެއް ބާޠިލުކުރުމުގެ ބާރުވެރިކަން އެއްވެސް ކޯޓަކަށް ލިބިފައިނުވެއެވެ. އެހެންނަމަވެސް ފެޑެރަލް ސްޕްރީމް ކޯޓުން، ޤާނޫނަކަށް ޢަމަލުކުރުމުން މަނާވެގެންފިނަމަ އެޤާނޫނެއްގެ ދުސްތޫރިއްޔަތު ގެއްލިގެން ދެއެވެ. އަދި އެޤާނޫނަކަށް ދަށު ކޯޓުތަކުން ޢަމަލުކުރުމަކީ ނާދިރުކަމެކެވެ. މިސަބަބަށްޓަކައި އުސްތާޛު މޫސާ ފަތުޙީ ވިދާޅުވެފައިވަނީ ފެޑެރަލް ސްޕްރީމް ކޯޓަށް ޤާނޫނު އުވައިލުމުގެ ބާރު ލިބިފައިވާކަމަށެވެ.

ދިވެހިރާއްޖޭގައި ޤާނޫނުގެ ދުސްތޫރިއްޔަތު ބެލުން:

ދިވެހިރާއްޖޭގެ ކޯޓުތަކުގެ އިޚުތިޞާޞުގެ އެންމެ މުހިއްމު ބައަކީ ޤާނޫންތަކުގެ ދުސްތޫރިއްޔަތު ކަނޑައެޅުމެވެ. ދިވެހިރާއްޖޭގެ ޤާނޫން އަސާސީތަކުގެ ތެރެއިން 2008ވަނަ އަހަރު ތަޞްދީޤުކުރެވުނު ޤާނޫން އަސާސީއަކީ އެންމެ ފުރަތަމަ ފަހަރަށް އެފަދައިން ޤާނޫނުގެ ދުސްތޫރިއްޔަތު ކަށަވަރުކުރުމުގެ ވާހަކަ ބަޔާންކުރާ ދުސްތޫރެވެ. މިހާރު ރައްޔިތުން މަޖިލީހުން ހަދާ ހުރިހާ ޤާނޫންތަކާއި އެޤާނޫންތަކުން ބާރު ލިބިގެން ހަދާ ހުރިހާ ޤަވާޢިދުތަކެއްވާންވާނީ ދުސްތޫރީ ޤާނޫންތަކެއް އަދި ޤަވާޢިދުތަކެއް ކަމުގައެވެ. އެކަން ޔަޤީންކުރާނީ ކޯޓުންނެވެ.

އެމެރިކާގައި ޤާނޫނުގެ ދުސްތޫރިއްޔަތުކަން ޔަޤީންކުރަން ބޭނުންކުރާ ހުރިހާ ވަސީލަތްތައް ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގެ ތެރޭގައި ބޭނުންކުރެވޭނެއެވެ. އެކަން ވަރަށް ސާފުކޮށް ޤާނޫން އަސާސީން އެގެއެވެ.

ޙުކުމްކުރުމުން މަނާވެގަތުން:

ޝަރުޢީ ކޯޓެއްގެ ޤާޟީއަކަށް ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް ދުސްތާރާ ޚިލާފުކަމަށް ފެނިއްޖެނަމަ، އެފަދަ ޤާނޫނަކަށް ނުވަތަ ޤާނޫނުގެ އެފަދަ ބަޔަކަށް ކިޔަމަންނުވުމުގެ ފުރިހަމަ އިޚުތިޔާރާއި ބާރު ލިބިފައިވެއެވެ.

ޤާނޫން އަސާސީގެ 144ވަނަ މާއްދާގެ ހ.ގައި ބުނެފައިވަނީ ކޮންމެ ކޯޓަކަށްމެ އެކޯޓުގެ އިޚުތިޞާޞުގެ ތެރޭގައި ޤާނޫނެއްގެ ތެރެއިން ދުސްތާރާ ޚިލާފުވާމިންވަރު ބާޠިލުކަމުގައި ކަނޑައެޅޭނެއެވެ.

އެހެންނަމަވެސް ދުސްތޫރާ ޤާނޫނެއް ޚިލާފުވޭތޯ ބެލުމާއި އެކަމުގައި ގޮތެއް ކަނޑައެޅުމަކީ ޝަރުޢީ ކޯޓުތަކުގެ ތެރެއިން ސްޕްރީމް ކޯޓާއި ހައިކޯޓުގެ އިޚުތިޞާޞުގައި ހިމެނޭކަމެކެވެ. އެކަން ޤާނޫން އަސާސީގެ 143ވަނަ މާއްދާގެ ހ.ގައި ބަޔާންވެފައިވެއެވެ. އެމާއްދާ ބުނަނީ: "ރައްޔިތުން މަޖިލީހުން ފާސްކުރާ ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއްވިޔަސް ޤަނޫނު އަސާސީއާ ޚިލާފުވޭތޯ ބެލުމާއި، އެފަދަ މައްސަލަތަކުގައި ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ ހައިކޯޓަށާއި ސްޕްރީމް ކޯޓަށެވެ."

މިމާއްދާތަކުގައި އެބުނާވާހަކަތަކުގެ މާނައަށް ވިސްނައިލުމުން އެގެނީ ޤާނޫނެއް ބާޠިލުކަމުގައި ކަނޑައެޅުމުގައި ބާރުވެރިކަން ލިބިފައިވާ ފަރާތަކީ ހައިކޯޓާއި ސްޕްރީމް ކޯޓުކަމުގައެވެ. އެހެންނަމަވެސް ދަށު ކޯޓުތަކުގެ އިޚުތިޞާޞުގެ ތެރޭގައި ބަލަމުންދާ މައްސަލައެއްގައި ޤާނޫނެއްގެ ބައެއް ނުވަތަ ޤާނޫނެއް ދުސްތޫރާ ޚިލާފުވާކަން ޔަޤީންވެ ސާބިތުވެއްޖެނަމަ އެފަދަ ޤާނޫނަކަށް ނުވަތަ ޤާނޫނުގެ ބަޔަކާމެދު ގޮތް ކަނޑައެޅުމުގެ ބާރު ލިބިފައިވެއެވެ. އެހެންކަމުން ދިވެހި ރާއްޖޭގައި ޝަރުޢީ ކޯޓުތަކަށް ޤާނޫން ހަދާ ބާރުގެ މައްޗަށް ބާރުވެރިކަމެއް ލިބިފައިވެއެވެ.

އަދި ޤާނޫން އަސާސީއާ ޚިލާފު ޤާނޫނެއް ނުވަތަ ޤާނޫނުގެ ބައެއް އުވައިލެވިގެން ދާއިރު އެކަމާގުޅިގެން ކުރަން ޖެހޭކަންތައްތައް ޤަނޫނު އަސާސީގެ 144ވަނަ މާއްދާގެ ށ.ގައި ބަޔާންކޮށްފައިވެއެވެ.

ކޯޓުތަކުން ޤާނޫންގެ ދުސްތޫރިއްޔަތު ކަނޑައެޅުމުގެ ބޭނުން:

އާއެކެވެ. ޤާނޫނެއްގެ ދުސްތޫރިއްޔަތު ކަނޑައެޅުމަކީ ކޮންމެހެން ކޯޓުން ކުރަން ޖެހޭކަމެއްކަމުގައިވާކަށް ނުޖެހެއެވެ. އެހެންނަމަވެސް އެފަދައިން ނިންމާފައިވާ ދައުލަތްތަކުގައި އެގޮތަށް އެކަން ކަނޑައަޅާފައިވަނީ ސަބަބަކަށްޓަކައެވެ.

އެއީ ސިޔާސީ ބޭނުންތަކުން ޤާނޫންތައް މިންޖުވުމެވެ. އެހެނީ ޕާލިމަންޓުތައް ހިނގަމުންދަނީ ސިޔާސީ އޮއިވަރުތަކުގެ ތެރޭގައެވެ. އެއްވެސް ޙާލެއްގައި ޤާނޫނީ ޢިލްމުލިބިފައިވާ ހުނަރުވެރިންގެ މައްޗަށް އެކުލެވޭ މަޖިލީހެއްކަމުގައި އެމަޖިލިސް ވާކަށް ނުޖެހެއެވެ.

ތަޖުރިބާއަށް ބަލާއިރު ގިނަ ފަހަރުގައި ސިޔާސީ ނިންމުންތަށް ނިމޭ ތަނެއްކަމުގައި މަޖިލިސްވާތީ، ސިޔާސީ ކުލަވަރު ޤާނޫންތަކުގައި ޖެހިގެންދެއެވެ. އެހެންނަމަވެސް ކޯޓުތަކުގައި ތިއްބަވާ ޤާޟީންނަކީ ވަކި އިޚުތިޞާޞެއްގެ ވެރިބައެކެވެ. އެމީހުންނަކީ ޤާނޫނީ މާހިރުންނެވެ. ޤާނޫން ދަންނަ މީހުންނެވެ.

ވަރަށްގިނަ ފަހަރަށް ތިން ބާރުވަކިވެފައިވާ ނިޒާމެއްގައި ކޯޓުތަކުން ޤާނޫން ހަދާ މަޖިލީހުގެ މައްޗަށް ބާރު ފޯރުވުމަކީ އެއްވެސް ޙާލެއްގައި މައްސަލައެއްނޫނެވެ. އެހެނީ ޤާނޫން ހަދާ މަޖިލީހުގެ އިޚުތިޞާޞަކީ ޤާނޫން އެކުލަވައިލުމެވެ. ކޯޓުން ކުރާހާވެސް ކަމަކީ އެފަދަ ޤާނޫންތަކުގެ ޞައްޙަކަމާއި ބާޠިލުކަންބަލަނީއެވެ. އަދި ޞައްޙަނޫން ޤާނޫންތައް އުވައިލަނީއެވެ. މިއީ ފާރަވެރިވުމުގެ ހަމައެކެވެ. އެހެންކަމުން ތިންބާރުގެ މެދުގައި އޮންނަ ފާރަވެރިވުމުގެ އެއްއުޞޫލެވެ.

ދުސްތޫރަކީ ދައުލަތުގެ މައި އަސާސެވެ. ހުރިހާ ބާރެއްވެސް، ކަންކަން ތަންޒީމުކުރާނީ ދުސްތޫރުގައި ބަޔާންވެފައިވާ ގޮތަށެވެ. އެކަމުގައި ޚިލާފެއްނެތެވެ. އެހެންކަމުން ދުސްތޫރުގެ ބާރުވެރިކަން ރައްކާތެރިކުރުމަކީ ޝަރުޢީ މަޙުކަމާތަކުގެ ޒިންމާއެކެވެ.

ޤާނޫނުގެ ދުސްތޫރިއްޔަތު ކަނޑައެޅުމަކީ ސީދާ ގޮތުގައި ދުސްތޫރުގެ ބާރުވެރިކަން ޙިމާޔަތްކުރުމެވެ. އެއީ ދައުލަތުގެ ޝަރުޢީ ބާރުން ކުރަން ޖެހޭނެކަމެއްކަމުގައި މިޒަމާނުގެ ޤާނޫނީ މާހިރުންގެ ޖުމްހޫރު ބޭފުޅުން ދެކެވަޑައިގަންނަވައެވެ
މި ލިއުމާއި ގުޅޭ