ޤާނޫނުތައް ހަދަނީ ރައްޔިތުންނަށް ލުއިފަސޭހަކުރަންކަމަށާއި ބަލާއާއި މުސީބާތް ޖައްސަން ނޫންކަމަށް ރައްޔިތުން މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.
ބޮންޑެ މިފަދައިން ވިދާޅުވީ ރާއްޖޭގައި އަލަށް އުފަންވާ ކުދިން ހަތް ދުވަހުގެ ތެރޭގައި ރަޖިސްޓަރީ ނުކޮށްފި ނަމަ، 10،000ރ. އިން ޖޫރިމަނާ ކުރުމަށް އެކުލަވާލި ބިލު ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކުރުމާއި ގުޅިގެންނެވެ.
މިކަމާއި ގުޅިގެން ބޮންޑެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ފިޔަވަޅު އެޅިޔަސް އަދި ޕާޓީން ވަކިކުރިޔަސް މިފަދަ ރަހުމްކުޑަ ބޮޑެތި ޖޫރިމަނާ ފާސްކުރަން ވޯޓު ނުދެވޭނެކަމަށެވެ.
މިކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ގާނޫނު ހަދަނީ ލުއިފަސޭހަކުރަން ކަމަށާއި ރައްޔިތުންނަށް ބަލާ އާއި މުސީބާތް ޖައްސަން ނޫންކަމަށެވެ.
ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް މުއިއްޒު ހުށަހެޅި އުފަންވުމާއި މަރުވުން ރަޖިސްޓަރީ ކުރުމާއި އުފަންދުވަހުގެ ސެޓްފިކެޓް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމާބެހޭ ބިލު މަޖިލީހުން މިއަދު ފާސްކުރީ 52 މެންބަރުންގެ ތާއީދާއެކުއެވެ.
މީީގެ އިތުރުން ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިން ވިހާ ކުދިން، އެ ގައުމެއްގައި އުފަންވި ކަމުގެ ރަސްމީ ލިޔުމާ އެކު، ރާއްޖެ އެނބުރި އަންނަ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ރަޖިސްޓަރީ ކުރަން ހުށަހަޅަން ޖެހޭނެ ކަމަށް އެ ބިލުގައި ބުނެއެވެ.