ވޯލްޑް ކަޕްގައި މިރޭ ގާނާ އަތުން 2-3 އިން ބަލިވެ ދެކުނު ކޮރެއާ އަށް އަނެއް ބުރަށް ދިއުމުގެ ފުރުސަތު ހަނިވެއްޖެ އެވެ.
ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އުރުގުއޭއާ ވާދަކޮށް ދެކުނު ކޮރެއާ ވަނީ 0-0 އިން އެއްވަރުކޮށްފަ އެވެ. މިއަދުގެ މެޗުން ބަލިވިއިރު ގްރޫޕުގެ ފަހު މެޗުގައި ދެކުނު ކޮރެއާ ނުކުންނާނީ ޕޯޗުގަލްއާ ދެކޮޅަށެވެ. އެ މެޗުގައި ޕޯޗުގަލް ބަލިކުރުން ނޫން ގޮތަކަށް ދެކުނު ކޮރެއާ އަށް ނެތެވެ.
ވާދަވެރި ކުޅުމެއް ފެނުނު މެޗުގައި ދެޓީމުގެ ފަރާތުން ވެސް ފެނުނީ އެޓޭކިން ކުޅުމެކެވެ. މެޗުގެ ފުރަތަމަ ދެ ގޯލު ޖެހީ ގާނާ އިންނެވެ. ފުރަތަމަ ގޯލު 24 ވަނަ މިނެޓުގައި ޖެހީ މުހައްމަދު ސަލިސޫ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޒުވާން ތަރި މުހައްމަދު ކުޑޫސް ވަނީ ގާނާ އަށް ލީޑު ފުޅާކޮށްދީފަ އެވެ.
ދެކުނު ކޮރެއާ އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ދެވަނަ ހާފުގައި މޮޅަށް ކުޅެ ގާތްގާތުގައި ޖެހި ދެ ލަނޑުންނެވެ. 58 ވަނަ މިނެޓާއި 61 ވަނަ މިނެޓުގައި މި ދެ ގޯލު ވެސް ކާމިޔާބުކޮށްދިނީ ޖޯ ގުއެ-ސުން އެވެ.
ދެކުނު ކޮރެއާ އިން އެއްވަރު ކުރުމަށް ފަހު ވެސް ވަނީ މޮޅަށް ކުޅެ ގާނާ އަށް ޕްރެޝަރު ކޮށްފަ އެވެ. އެކަމަކު 68 ވަނަ މިނެޓުގައި ލިބުނު ފުރުސަތެއްގެ ބޭނުންހިފައި ކުޑޫސް ވަނީ ގާނާ އަށް އަލުން ލީޑު ނަގައިދީފަ އެވެ. އޭރިޔާ ތެރެއަށް ހުރަސްވި ބޯޅަ ކުޑޫސް ގޯލަށް ވައްދާލީ ތިރިތިރިން ޖަހަ އެވެ. ކުޑޫސް އަކީ މި ސީޒަނުގައި އަޔަކްސްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެކެވެ.
ގާނާ އިން ދެވަނަ ފަހަރަށް ލީޑު ނެގުމަށް ފަހު ސަމާލުކަންދިނީ ޑިފެންސަށެވެ. މެޗުގެ ފަހުކޮޅު ދެކުނު ކޮރެއާގެ މުޅި ޓީމު ކުޅުނީ ކުރިއަށް ޖެހިގެންނެވެ. މި ހާފުގެ ފަހު 10 މިނެޓާއި އިތުރު ވަގުތުގެ ގޮތުގައި ކުޅުނު 10 މިނެޓުގައި ދެކުނު ކޮރެއާ އިން ނުރައްކާތެރި ހަމަލާތަކެއް އުފެއްދި އެވެ. އެކަމަކު ގާނާ ޓީމުގެ ޑިފެންޑަރުންނާއި ގޯލްކީޕަރު ލޯރެންސް އަޓީ ޒިގީ ވަނީ ހަމަލާތައް ހުއްޓުވުމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.
މި ގްރޫޕުގެ އެއްވަނައިގައި އޮތް ޕޯޗުގަލް އާއި ދެވަނައިގައި އޮތް ގާނާ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. އުރުގުއޭ އާއި ދެކުނު ކޮރެއާ އަށް ލިބިފައިވަނީ ޕޮއިންޓެކެވެ. މިގްރޫޕުގައި މިރޭ ދަންވަރު ޕޯޗުގަލް ނުކުންނާނީ އުރުގުއޭއާ ދެކޮޅަށެވެ.
ވޯލްޑް ކަޕްގައި މިރޭ ނުވައެއް ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ބްރެޒިލް އާއި ސްވިޒަލެންޑެވެ. މި ދެޓީމު ވަނީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވެސް ވާދަކޮށްފަ އެވެ. އެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.