ފިހާރަތަކުން ވިޔަފާރިކުރާ ފަރާތްތަކަށް ދޫކުރާ ކޮންމެ ޕްލާސްޓިކު ކޮތަޅަކުން 2 ރުފިޔާގެ ފީއެއް ނަގަން ޖެހޭ ގޮތަށް ކުނި މެނޭޖު ކުރުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން ކޮމަންޑޫ ދާއިރާގެ މެމްބަރު މުހައްމަދު ރާޝިދު (ރާޑޯ) މަޖިލީހަށް ހުށަހެޅި މި ބިލު ފާސްކުރުމަށް 54 މެމްބަރުން ވޯޓެއް ދެއްވިއެވެ. މި ބިލް ތަސްދީޤު ކުރާތާ 4 މަސް ހަމަވާ ދުވަހުން ފެށިގެން އެއް ފަހަރު ބޭނުންކޮށްފައި އެއްލާލެވޭ ޕްލާސްޓިކު ކޮތަޅަކުން ދެ ރުފިޔާގެ ފީއެއް ނަގައި ކަސްޓަމަރަށް ދޫކުރާ އިންވޮއިސްގައި އެ ފީގެ އަދަދު ހިމަނަންވާނެއެވެ.
މި ޤާނޫނާއި ހިލާފުވާ ފަރާތްތައް 5000 ރުފިޔާ އާއި 50،000 ރުފިޔާ އާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެ ޖޫރިމަނާ ދައްކަން ޖެހޭނީ "މޯލްޑިވްސް ގްރީން ފަންޑް" އަށެވެ.
މި އިސްލާހާއި އެކު މުދަލާއި ހިދުމަތުގެ އަގު ބޮޑުވާނެ ކަމަށް ލަފާކުރެވެއެވެ. ސަރުކާރުން ވަނީ އަންނަ އަހަރު ޖީއެސްޓީވެސް 6 އިންސައްތައިން 8 އިންސައްތައަށް ބޮޑުކޮށްފައެވެ. އެކަމުގެ ސަބަބުން ތަކެތީގެ އަގު އުފުލޭނެ ކަމަށް މަރުކަޒީ ބޭންކުންވެސް ވަނީ ބުނެފައެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 42 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު ބަޖެޓު ހަރަދު ފޫބައްދަން ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުކޮށްފައިވާތީ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.