ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރަށް ޓުވިޓަރގައި އަމާޒުވަމުންދާ ފާޑުކިޔުންތަކާއި އެކު އޭނާގެ ދިފާއުގައި ދަރިފުޅު މިޒްނާ ޝަރީފު ނިކުންނަވައިފިއެވެ.
މިޒްނާ އަކީ ދިވެހިރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ނައިބު ސަފީރެވެ. މެމްބަރު ޝަރީފަކީ ވަރަށް ބޮޑަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދިފާއުގައި ވާހަކަ ދައްކަވާ ބޭފުޅެކެވެ. ޝަރީފަށް މިފަހުން އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވަނީ ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑުކުރުން ދިފާއުކޮށް ޝަރީފު ދައްކަވަމުން ގެންދަވާ ވާހަކަތަކާއި ގުޅިގެންނެވެ.
ޓުވިޓަރގައި ބައެއް މީހުން ވަނީ ޓެކްސް ބޮޑުކުރުމުން ފައިދާ ވަނީ ޝަރީފުގެ ދަރިކަނބަލުން ފަދަ ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ފަރާތްތަކަށް ކަމަށެވެ. އެ ވާހަކަތަކާއި ގުޅިގެން ޝަރީފު ވަނީ ވަރަށް ކޯފާ އިސްވެ ގިނަގުނަ ވާހަކަތައް ދައްކަވާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު 50 މީހުން ގަތުލުކޮށްލަން އުޅުނުކަމަށްވެސް ވިދާޅުވިއެވެ.
ޝަރީފުގެ މިވާހަކަތަކާއި ގުޅިގެންވެސް ގިނަ ބައެއްގެ ފާޑުކިޔުން ޝަރީފަށް އަމާޒުވިއެވެ. އަދި އެފަދަ ނުރައްކާތެރި ކަމެއް ރައީސް ނަޝީދު ރޭއްވެވި އިރު ޝަރީފު އޭރު އެކަމާ ގުޅިގެން އެއްޗެކޭ ނުބުނީ ކީއްވެތޯ ސުވާލުކުރިއެވެ. މީގެ އިތުރުން އެމްއެމްޕީއާރުސީ ގެ ލާރި ޝަރީފަށް ލިބުނުކަމަށް ތުހުމަތުކޮށް އެވާހަކަތައްވެސް ބައެއް ފަރާތްތަކުން ދެއްކިއެވެ.
ޝަރީފު ހޫނު ފެނަށް ވެއްޓުމުން، މިޒްނާ ވަނީ ޝަރީފަށް ފާޑުކިޔާ މީހުންނަކީ ސިކުނޑީގެ އުނިކަމެއް ހުންނަ މީހުން ކަމަށް ބުނެ އެ ފަރާތްތަކަށް ރައްދުދީފައެވެ. އަދި އެ އާއިލާއިން ވަނީ ވަރަށް ގިނަ ކަންކަން ތަހައްމަލުކޮށްފައި ކަމަށާއި މިއީ އެއްވެސް ކަމެއް ނޫންކަމަށް ބުނެފައިވެއެވެ.
" މިއީ ސިޔާސީ ކަންކަމުގައި ހަމަ އިތުރު ދުވަހެއް" މިޒްނާ ބުނެފައިވެއެވެ.
ޝަރީފުގެ ދިފާއުގައި މިޒްނާ މިގޮތަށް ވާހަކަ ދެއްކުމުން ވަރަށް ގިނަ މީހުން ވަނީ ޓުވިޓަރގައި މިޒްނާއަށް ފާޑުކިޔާފައެވެ. މިގޮތުން އަހަރެއްތެރޭ މިޒްނާއަށް 2.4 މިލިއަން ރުފިޔާ ދައުލަތުން ހަރަދުކުރާ ކަމަށާއި، ޝަރީފުގެ ނުފޫޒުން ސިޔާސީ މަޤާމެއް ލިބުނީމައި ފަހުރުވެރިވާނެ ނޫންތޯ މީހަކު ސުވާލުކޮށްފައިވެއެވެ.
މީގެ ކުރިން "ދިޔަރެސް" އިން ވަނީ މިޒްނާއަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި ސަރުކާރުން ހަރަދުކުރާ މިންވަރު ހާމަކޮށްފައެވެ. އެކަމާއި ގުޅިގެންވެސް މަވޯޓާ ޝަރީފް ވަނީ ވަރަށް ބޮޑަށް ކޯފާއިސްވެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވާފައެވެ.