Friday 3rd Feb 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސީރިޔާ

ސޫރިޔާގެ ކުރުދީ ކޭމްޕުތަކުގައި ތިބި ދިވެހިން ބިރުވެރިކަމެއްގައި، އެދެނީ އަނބުރާ ގެނެސްދިނުން

ތުރުކީ އަސްކަރިއްޔާއިން ހިންގާ އަސްކަރީ އޮޕަރޭޝަނުގެ ސަބަބުން ސޫރިޔާގެ އިދުލިބުގައި ކުރުދީ ހަނގުރާމަވެރިން ހިންގާ ކޭމްޕުތަކުގައި ތާށިވެފައި ތިބި ދިވެހިންނަށް ބިރުވެރިކަން ކުރިމަތިވެފައިވާކަމަށް އެތަނުގައި ތިބި ބައެއް މީހުންގެ އާއިލާތަކުން ބުނެފިއެވެ.

ކުރުދީންގެ ކޭމްޕުތަކުގައި ތިބި ދިވެހިންގެ ތެރެއިން ގިނަ މީހުންނަކީ އަންހެނުންނާއި ކުޑަކުދިންކަމަށް އެ މީހުންގެ އާއިލާތަކުން ބުނެއެވެ. އެގޮތުން އުމުރުން 1 އަހަރުން ދަށުގެ ތުއްތުކުދިންނާއި މައިން އެ ކޭމްޕުތަކުގައި އުޅެނީ ވަރަށް ހާލުގައިކަމަށް އެ މީހުންގެ އާއިލާތަކުން މައުލޫމާތު ދެއެވެ.

ތުރުކީގެ އިސްތަންބޫލުގެ މަގެއްގައި ބޮމެއް ގޮއްވާލައިގެން ދިން ނުރައްކާތެރި ހަމަލާއަށްފަހުގައި ތުރުކީންވަނީ ސޫރިޔާއާއި ޢިރާޤުގައި ހަރަކާތްތެރިވާ ކުރުދީ ހަނގުރާމަވެރި ޖަމާއަތްތަކުގެ އަމާޒުތަކަށް ހަމަލާދޭން ފަށާފައެވެ. މިއިން ބައެއް ހަމަލާތައް އިދުލިބުގައި ކުރުދީން ހިންގާ ކޭމްޕުތަކަށްވެސް އަމާޒުވެފައިވާކަމަށް އެ ތަނުގައި ތިބި ދިވެހިންނާ ހަވާލާދީ އާއިލާތަކުން ބުނެއެވެ.

ސޫރިޔާއަށް ދިއުމަށްފަހު ކުރުދީންގެ ކޭމްޕުތަކުގައި ތާށިވެ އަނބުރާ ޤައުމަށް އާދެވޭނެ ގޮތެއް ނެތިފައި ތިބި ދިވެހިން އެދެނީ ވީހާވެސް އަވަހަކަށް އަނބުރާ ޤައުމަށް އައުމަށެވެ. އެތަނުގައި ތިބޭ މީހުން ނިސްބަތްވާ ޤައުމުތަކުން އެ މީހުން އަނބުރާ ފޮނުވުމަށް އެދުމުން ކުރުދީން އެކަމުގެ އިންތިޒާމުތައް އަންނަނީ ހަމަޖައްސައިދެމުންނެވެ.

އެގޮތުން އޮސްޓްރޭލިއާ އުޒްބެކިސްތާން އަދި ކެނަޑާ ފަދަ ޤައުމުތަކުންވަނީ އެ ކޭމްޕުތަކުގައި ތިބި އެ ޤައުމުތަކުގެ މީހުން އަނބުރާ ޤައުމަށް ގެންގޮސްފައެވެ. "އެމީހުން އެގެންދަނީ އެތަނުގައި ތިބި އެ ޤައުމުތަކުގެ ރައްޔިތުން. އަހަރުމެންގެ ސަރުކާރުންވެސް މަސައްކަތްކޮށްފިނަމަ މިކަންކުރެވޭނެ،" ކުރުދީ ކޭމްޕެއްގައި ހުރި އަންހެނެއްގެ އާއިލާގެ މެންބަރަކު ބުންޏެވެ.

ހަނގުރާމަވެރި ސަރަހައްދުތަކަށް ދާ މީހުން އަނބުރާ އައުމުން އެ މީހުންނަށް ބޭނުންވާ ރިހިބިލިޓޭޝަން ޕްރޮގުރާމުތައް ހިންގައި އަނބުރާ މުޖުތަމަޢަށް ނެރުމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު މިހާރުވަނީ އެކުލަވައިލާފައެވެ. ނަމަވެސް ސޫރިޔާގެ އިދުލިބުގައި ތާށިވެފައި ތިބި މީހުން އަނބުރާ ގެންނަން އަދި އެއްވެސް މަސައްކަތެއްނުކުރާކަމަށް ސޫރިޔާގައި ތާށިވެފައި ހުރި ކުޑަކުއްޖެއްގެ އާއިލާގެ މެންބަރަކު ބުންޏެވެ.

"މިދައްކަނީ ދިވެހިންގެ ވާހަކަ. ކުޑަކުޑަ ކުދިން ވަރަށް ހާލުގައި އެތިބީ. އެކުދިން ހިމާޔަތްކުރުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ދިވެހި ދައުލަތުގެ ޒިންމާއެއް،" އޭނާ ބުންޏެވެ. އޭނާ ބުނި ގޮތުގައި މިކަމުގައި އަލިމަގެއް ފެނޭތޯ ސަރުކާރުގެ އެކި އިދާރާތަކުގައި އާދޭސްކުރާތާ އެތައް ޒަމާނެއްވެއްޖެއެވެ. ނަމަވެސް އަދި މިހާތަނަށް އެދެވޭ ޖަވާބެއް އޮތީ ނުލިބިއެވެ.

އިތުރަށް އޭނާ ބުނީ ކުރުދީ ކޭމްޕުތަކުގައި ތާށިވެފައި ތިބި ދިވެހިން އަނބުރާ ގެނައުމާ ގުޅޭ ގޮތުން ވާހަކަދެއްކުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ ބައްދަލުކުރަން އެދި އާއިލާތަކުން ސިޓީއެއް ރައީސް އޮފީހަށް ފޮނުވިތާ އެތައް ދުވަހެއްވެފައިވާއިރު އަދި އެ ސިޓީއަށް އެ އޮފީހުން އެއްވެސް ޖަވާބެއް ނުލިބޭ ކަމަށެވެ.

އޭނާ ބުނި ގޮތުގައި އެންމެ ފަހުން މިކަމުގައި ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲއާ ބައްދަލުކުރުމުން އެތަނުގައި ތާށިވެފައިވާ މީހުން އުޒްބެކިސްތާން މެދުވެރިކޮށް ރާއްޖެއަށް ގެނައުމުގެ ހުރިހާ އިންތިޒާމުތަކެއް ހަމަޖައްސާފައިވާކަމަށް ވިދާޅުވެފައިވާ ކަމަށެވެ. އަދި ރައީސް ހުއްދަދެއްވުމާއެކު އެ މަސައްކަތްކުރެވޭނެ ކަމަށް އިމްރާން ވިދާޅުވިކަމުގައިވެސް އޭނާ ބުންޏެވެ.

"އެތަނުގައި ގިނައީ ކުޑަކުދިން. 1 އަހަރުން ފެށިގެންގޮސް 15 އަހަރާ ދެމެދުގެ ކުދިން. އެ ކުދިން އެ ހާލަށް ދޫކޮށްލުމަކީ ދިވެހި ދައުލަތުން ދިވެހި ރައްޔިތުންނާމެދު އިހުމާލުވުން،" އޭނާ ބުންޏެވެ.

މި ލިއުމާއި ގުޅޭ