ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ކަންކަން ނުބެލުމުގެ ނުވަތަ ނޭނގުމުގެ ފައިދާ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ނަންގަވަމުން ގެންދަވާކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އަސާސީ ކަންކަމަށް ހަރަދުކުރަން ބޭނުންވާ ފައިސާ މިހާރު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވްގައި ނެތް ކަމަށާއި ރާއްޖެ ބަނގުރޫޓުވެދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިދިޔަ ހަފްތާގައި ވިދާޅުވި އެވެ
އެކަމަކު މިނިސްޓަރު އަމީރު އެ ހަފްތާގައި ވިދާޅުވީ ރާއްޖެ ބަނގުރޫޓުވާ ވާހަކައަކީ، ސިޔާސީ ބޭނުމުގައި ސަރުކާރު ބަލިކަށިކޮށް, ސަރުކާރުން ހޯދަމުންދާ ކުރިއެރުންތައް ފަނޑުކޮށްލުމުގެ ބޭނުމުގައި ދައްކާ ވާހަކަތަކެއް ކަމަށެވެ.
އެކަމާ ގުޅުވައި ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވްގެ ތަފާސްހިސާބުތަކާއެކު ކުރެއްވި ޓުވީޓެއްގައި ސައީދު ވިދާޅުވީ ރިޒާވްގައި ދެ މަހުގެ ކާޑާއި އަސާސީ މުދާ ގަންނާނެ ބޭރު ފައިސާ ނެތް ވާހަކަ ބުނަނީ ތަފާސްހިސާބުތަކުން އެގޮތަށް ފެންނާތީ ކަމަށެވެ.
އެގޮތުން ސެޕްޓެމްބަރު 22 ގެ ނިޔަލަށް ބޭނުންކުރެވޭ ގޮތަށް ރިޒާވްގައި ހުރީ 184 މިލިއަން ޑޮލަރެވެ.
"މިއީ މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ކުރިކަމެއްނޫން. ރައީސްއަށް ކަންކަން ނުބެލުން ނުވަތަ ނޭނގުމުގެ ފައިދާ ފިނޭންސް މިނިސްޓަރު ދަނީ ހިތުހުރި ވަރަކަށް ނަގަމުން! މިއީ އިދިކޮޅު ސިޔާސީވުންތޯ؟" ސައީދު ވިދާޅުވި އެވެ.