ޤާނޫނު އަސާސީއާ ޚިލާފަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އަދަދަށްވުރެ އިތުރަށް ސަރުކާރުން އެކި ކަންކަމަށް ޚަރަދުކޮށްފައިވާކަން ހާމަވެއްޖެއެވެ.
ޤާނޫނު އަސާސީގެ 96 ވަނަ މާއްދާގެ (ނ)ގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުން ހުއްދަ ލިބިގެންމެނުވީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައިވާ މިންވަރަށްވުރެ އިތުރަށް ޚަރަދުކޮށްގެންނުވާނެ ކަމަށެވެ.
ފިނޭންސް މިނިސްޓްރީން ހަފުތާއަކު އެއްފަހަރު އާންމުކުރާ ދައުލަތުގެ ބަޖެޓުގެ ހިސާބުތަކަށް ބަލާއިރު މިހާތަނަށް ސަރުކާރުންވަނީ 1 ބިލިއަން ރުފިޔާއަށްވުރެ ގިނަ ފައިސާ ބަޖެޓުގައި ފާސްކުރި މިންވަރަށްވުރެ އިތުރަށް ޚަރަދުކޮށްފައެވެ.
އާންމުކޮށް ސަރުކާރުތަކުން ކަންކުރާ ގޮތަކީ ދައުލަތުގެ ބަޖެޓުގައި ފާސްކުރި މިންވަރަށްވުރެ ޚަރަދު ބޮޑުވާނަމަ ކުރިއާލާ ސަޕްލިމަންޓަރީ ބަޖެޓެއް ހުށަހަޅައި ފާސްކޮށްގެން ޚަރަދުކުރުމެވެ. ނަމަވެސް ސަރުކާރުން މިފަހަރު އެކަން ނުކޮށް މަޖިލީހުގެ ރުހުމެއް ހޯދުމަކާނުލައި ބަޖެޓުކުރި މިންވަރަށްވުރެ ބޮަޑަށް ޚަރަދުކޮށްފައިވެއެވެ.
އެގޮތުން އިދާރީ އަދި ހިންގުމުގެ ޚަރަދުތަކަށް 13.2 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައި އޮތް ނަމަވެސް 14.4 ބިލިއަން ރުފިޔާ އިދާރީކަންކަމަށް މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ޚަރަދުވެފައިވާކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ފާހަގަވެއެވެ.
އަދި ތަރައްޤީގެ މަޝްރޫޢުތަކާއި އިންވެސްޓުމެންޓު އައުޓްލޭސްއަށް 891.2 މިލިއަން ރުފިޔާ ޚަރަދުކުރަން ފާސްކޮށްފައިވާއިރު މިހާތަނަށް 1.4 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ސަރުކާރުން ލޯނުގެ ގޮތުގައި ދިނުމަށް 100 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވަނިކޮށް 503 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ.
އޭގެ އިތުރަށް ފައިނޭންސް ހޯދުމަށާއި އިންޓަރެސްޓުގެ ޚަރަދަށްވެސް 36 މިލިއަން ރުފިޔާ ބަޖެޓުގައި ފާސްކުރި މިންވަރަށް އިތުރަށް ޚަރަދުކޮށްފައިވެއެވެ.
އެންމެ ބޮޑު އެއްޗެއް ބަޖެޓާ ޚިލާފަށް ހޭދަކޮށްފައިވަނީ ސަރުކާރުން ދޭ އެހީއާއި ސަބްސިޑީއަށެވެ. އެގޮތުން ޖުމަލަ 4.8 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައިވަނިކޮށް އެކަމަށް 7.4 ބިލިއަން ޚަރަދުކޮށްފައިވެއެވެ. އެއީ ބަޖެޓުކުރި މިންވަރަށްވުރެ 2.6 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.
ސަރުކާރުންވަނީ އަންނަ އަހަރުގެ ބަޖެޓާއެކު މި އަހަރު އިތުރަށް 5.8 ބިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ބުނެ ސަޕްލިމަންޓަރީ ބަޖެޓެއް ހުށަހަޅާފައެވެ. އެ ބަޖެޓާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި އެމަނިކުފާނަށް ތާއީދުކުރައްވާ އެމްޑީޕީގެ މެންބަރުންނާއި އިދިކޮޅުގެ މެންބަރުންވަނީ، މަޖިލީހަށް ހުށަހެޅުމެއް ނެތި ބަޖެޓުގައި ކަނޑައަޅާފައިވާ މިންވަރަށްވުރެ އިތުރަށް ސަރުކާރުން ޚަރަދުކޮށްފައިވާކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ނަމަވެސް މަޖިލީހަށް ފޮނުއްވި ސިޓީއެއްގައި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުވަނީ އެ ވާހަކަތައް ދޮގުކުރައްވައި މަޖިލީހުން ފާސްކުރި ބަޖެޓުގެ އިތުރަށް ޚަރަދުނުކުރައްވާކަމަށް ވިދާޅުވެފައެވެ.