Wednesday 7th Dec 2022
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވޯލްޑް ކަޕް

ސާބިއާ ބަލިކުރި މެޗުގައި ނޭމާ އަށް އަނިޔާވެ ބްރެޒިލަށް ހާސްކަން

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ޖީގައި ރޭ 0-2 އިން ސާބިއާ ބަލިކުރި މެޗުގައި ބްރެޒިލްގެ ތަރި ނޭމާ އަށް އަނިޔާވެ ހާސްކަމާ ކުރިމަތިލާން ޖެހިއްޖެ އެވެ.

މިދިޔަ އަހަރުތަކުގައި އަނިޔާގެ ސަބަބުން ކްލަބާއި ގައުމުގައި ނޭމާ އަށް މުހިއްމު ގިނަ މެޗުތަކެއް ގެއްލުނެވެ. 2014 ވަނަ އަހަރު އަމިއްލަ ގައުމުގައި އޮތް ވޯލްޑް ކަޕްގެ ސެމީ ފައިނަލް މެޗުގައި ނޭމާ އަށް ނުކުޅެވުނީ އަނިޔާގެ ސަބަބުންނެވެ. އެ މެޗުން ޖަރުމަނު އަތުން ބްރެޒިލް ބަލިވީ 7-1 ގެ ލަދުވެތި ނަތީޖާއަކުންނެވެ. އޭގެފަހުން 2018 ވަނަ އަހަރުގެ ވޯލްޑް ކަޕާ ނޭމާ ކުރިމަތިލީ އަނިޔާ އިން ރަނގަޅުވިތާ މާ ގިނަ ދުވަސްތަކެއް ނުވެ އެވެ.

މިފަހަރުގެ ވޯލްޑް ކަޕަށް ނޭމާ ނުކުތީ އަނިޔާ އިން ސަލާމަތްވެ ރަނގަޅު ފޯމެއްގަ އެވެ. އެކަމަކު ރޭގެ މެޗުގެ 80 ވަނަ މިނެޓުގައި އަނިޔާގެ ސަބަބުން ނޭމާ ބަދަލުކުރަން ޖެހުނެވެ. ނޭމާގެ ކަކުލު ހުޅަށް އަނިޔާވީ ސާބިއާގެ ނިކޮލާ މިލެންކޮވިޗް ޖެހި ޓެކުލަކުންނެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި ނޭމާގެ ކުޑަހުޅު ވަނީ ވަރަށް ބޮޑަށް ދުޅަވެފަ އެވެ. މެޗު ނިމުނު ގަޑީގައި ބެންޗުގައި އިން ނޭމާގެ މޫނުމަތިން ފެނުނީ މާޔޫސްކަމެވެ.

ބްރެޒިލުން ބުނީ ނޭމާގެ އަނިޔާ މިއަދު އިތުރަށް ބަލާނެ ކަމަށެވެ. ކޯޗު ޓީޓޭ ބުނީ ނޭމާ މި ވޯލްޑް ކަޕްގައި ފެންނާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ. ނޭމާގެ އަނިޔާގެ ސީރިއަސްކަން އެނގޭނީ މިއަދު ހަދާ ޓެސްޓުތަކަށް ފަހު އެވެ.

ރޭގެ މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެވެ. ސާބިއާ އިން މުޅި މެޗުގައި ވެސް ދިޔައީ ޑިފެންސް ކުރަމުންނެވެ. އެކަމަކު ބްރެޒިލްގެ ވަރުގަދަ އެޓޭކުތައް ދެވަނަ ހާފުގައި އެޓީމަށް ނުހުއްޓުވުނެވެ.

މެޗުގައި ބްރެޒިލްގެ ދެ ގޯލު ވެސް ޖެހީ ރިޗާލިސަން އެވެ. ފުރަތަމަ ގޯލު ރިޗާލިސަން ޖެހީ 62 ވަނަ މިނެޓުގަ އެވެ. އޭރިޔާ ތެރެއަށް ހުރަސްވި ބޯޅަ ނޭމާ ވަނީ ހުށިޔާރުކަމާ އެކު ގޯލަށް ވައްދާލާފަ އެވެ. 73 ވަނަ މިނެޓުގައި ރިޗާލިސަން ދެވަނަ ގޯލު ޖެހީ ވިނީޝަސް ޖޫނިއާ ދިން ބޯޅައަކުންނެވެ. ކޮންޓްރޯލް ކުރުމަށް ފަހު ރިޗާލިސަން އެއްފަހަރުން ޖަހައި ވައްދާލި މި ގޯލަކީ މިފަހަރުގެ މުބާރާތުގައި މިހާތަނަށް ފެނުނު އެންމެ މޮޅު އެއް ގޯލެވެ.

ވޯލްޑް ކަޕްގައި މިރޭ ކުޅޭނީ ގްރޫޕް އޭ އަދި ގްރޫޕް ބީގެ މެޗުތަކެވެ. ތިނެއް ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ގްރޫޕް ބީގައި ހިމެނޭ ވޭލްސް އާއި އީރާން އެވެ. ހައެއް ޖަހާއިރު ފަށާ މެޗުގައި މުބާރާތް ބާއްވާ ގަތަރު ނުކުންނާނީ ސެނެގޯލްއާ ދެކޮޅަށެވެ. މިއީ ގްރޫޕް އޭގެ މެޗެކެވެ. ނުވައެއް ޖަހާއިރު ގްރޫޕް އޭގެ ނެދަލެންޑްސް އާއި އިކުއެޑޯ ވާދަކުރާއިރު މިރޭ ކުޅޭ ފަހު މެޗުގައި 12 ޖަހާއިރު އިންގްލެންޑާ އެމެރިކާ ވާދަކުރާނެ އެވެ.

މި ލިއުމާއި ގުޅޭ