ވިލާތުގެ އިއްތިހާދުގެ ބަރުލަމާނުން ރަޝިޔާއަކީ ޓެރަރިޒަމް ސްޕޮންސާކުރާ ދައުލަތެއްކަމަށް ކަނޑައަޅައި ރަޝިޔާއިން ޔޫކުރެއިނުގެ މަދަނީ ވަސީލަތްތަކަށް ދެމުންދާ ހަމަލާތަކަކީ އިންސާނީ ޙައްޤުތަކާ ބެހޭ ބައިނަލްއަޤުވާމީ މުއާހަދާތަކާ ޚިލާފު ހަމަލާތަކެއްކަމަށް ބުނެފިއެވެ.
ބުދަދުވަހުގައި ޔޫރަޕުގެ ބަރުލަމާނުން ނިންމި ނިންމުމަށް ޔޫކުރެއިނުގެ މަސްއޫލުވެރިން މަރުހަބާ ކިޔާފައިވެއެވެ. ޔޫކުރެއިނުން އަންނަނީ ރަޝިޔާއަކީ ޓެރަރިސްޓު ދައުލަތެއްކަމަށް ކަނޑައެޅުމަށް ޔޫރަޕަށާއި ނޭޓޯއަށް ވަރަށް ބޮޑަށް ބާރުއަޅަމުންނެވެ.
މި ނިންމުމާ ގުޅިގެން ޔޫކުރެއިނުގެ ޚާރިޖީވަޒީރު ޑިމީޓްރޯ ކުލޭބާ ވިދާޅުވީ ރަޝިޔާއަކީ ޓެރަރިސްޓު ދައުލަތެއްކަން ޔޫރަޕުގެ ބަރުލަމާނުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އަދި ސިޔާދަތު ލިބިގެންވާ ދައުލަތްތަކާ ދެކޮޅަށް ޓެރަރިޒަމުގެ އަމަލުތައް ހިންގުމުގެ ތާރީޚެއް ރަޝިޔާގައި އޮތްކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންނަމަވެސް ޔޫރަޕުގެ ބަރުލަމާނުން ރަޝިޔާއަކީ ޓެރަރިސްޓު ދައުލަތެއްކަމަށް ކަނޑައެޅި ކަނޑައެޅުމަކީ އެ މައްޗަށް ޤާނޫނީ އެއްވެސް ނަތީޖާއެއް ބިނާވާނެ ކަމެއް ނޫނެވެ.
އެގޮތުން ޓެރަރިޒަމަށް ވާގިވެރިވާ ދައުލަތްތަކުގެ ލިސްޓެއް ޔޫރަޕިއަން ޔޫނިއަނުން މަރުކަޒީ ގޮތެއްގައި ނުބަލަހައްޓައެވެ. އަދި އެފަދަ ދައުލަތްތަކާ ދެކޮޅަށް ފިޔަވަޅުއެޅުމުގެ އިންތިޒާމުތަކެއްވެސް އެ ޖަމްއިއްޔާގެ ތެރޭގައި ހަމެޖެހިފައި ނެތެވެ.
އަދި އެ އިއްތިހާދުގައި ބައިވެރިވާ 27 ޤައުމުގެ ޚާރިޖީ ސިޔާސަތު އެކަށެއެޅުމުގައި ވިލާތުގެ އިއްތިހާދުގެ މާބޮޑު ބާރެއް ނެތުމާއެކު، އެ އިއްތިހާދުގެ ބަރުލަމާނުން ނިންމި ނިންމުމަކީ އެމައްޗަށް އެ ޤައުމުތަކުން އަމަލުކުރުން ލާޒިމުވާނެ ނިންމުމެއް ނޫނެވެ.
އެހެންކަމުން މުހައްލިލުން ދެކެވަޑައިގަންނަވާ ގޮތުގައި ވިލާތުގެ ބަރުލަމާނުން ނިންމާފައިވާ ނިންމުމަކީ ރަޝިޔާއިން ޔޫކުރެއިނުގައި ހިންގަމުންދާ އަމަލުތައް ރަމްޒީ ސިފައެއްގައި ކުށްވެރިކުރި ކުރުމެކެވެ.