Wednesday 7th Dec 2022
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކްރިސްޓިއާނޯ ރޮނާލްޑޯ

ފަސް ވޯލްޑް ކަޕްގައި ގޯލު ޖަހައި ރޮނާލްޑޯ އެންމެ އުހަށް

ޖެހިޖެހިގެން ފަސް ވޯލްޑް ކަޕްގައި ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިއާގެ ޝަރަފް ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ލިބިއްޖެ އެވެ.

ރޮނާލްޑޯ މި ޝަރަފް ހޯދީ މިރޭ ވޯލްޑް ކަޕްގައި ގާނާއާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖަހައިގެންނެވެ. ޕޯޗުގަލް އިން މިރޭގެ މެޗު ކާމިޔާބުކުރީ 3-2 އިންނެވެ. ލިބުނު ޕެނަލްޓީއަކުން ރޮނާލްޑޯ މެޗުގައި ކާމިޔާބުކުރީ ފުރަތަމަ ގޯލެވެ.

ރޮނާލްޑޯ ގޯލު ޖެހި ވޯލްޑް ކަޕް މުބާރާތްތަކަކީ 2006، 2010، 2014، 2018 އަދި 2022 އެވެ. ރޮނާލްޑޯގެ ފަހަތުން ހަތަރު ވޯލްޑް ކަޕްގައި ލަނޑު ޖަހާފައިވާ ކުޅުންތެރިންނަކީ ލިއޮނެލް މެސީ އާއި ޖަރުމަނުގެ މިރޮސްލާވް ކްލޯސާގެ އިތުރުން ބްރެޒިލްގެ ޕެލޭ އަދި ޖަރުމަނުގެ ކުރީގެ ކުޅުންތެރިޔާ އުވޭ ސީލާ އެވެ.

2018 ވަނަ އަހަރުގެ މުބާރާތް ނޫން ކޮންމެ މުބާރާތެއްގައި ރޮނާލްޑޯ ޖެހީ އެއް ގޯލެވެ. ފަސް ވޯލްޑް ކަޕްގައި ރޮނާލްޑޯ މިހާރު ވަނީ އަށް ގޯލު ޖަހައިފަ އެވެ. މި ހުރިހާ ގޯލެއް ވެސް ޖަހާފައިވަނީ ގްރޫޕް ސްޓޭޖުގަ އެވެ.

2006 ވަނަ އަހަރު ރޮނާލްޑޯ ގޯލު ޖެހީ އީރާން ކޮޅަށެވެ. 2010 ވަނަ އަހަރު ސައުތު އެފްރިކާގައި އޮތް ވޯލްޑް ކަޕްގައި ރޮނާލްޑޯ ވަނީ އުތުރު ކޮރެއާ ކޮޅަށް ގޯލު ޖަހައިފަ އެވެ. 2014 ވަނަ އަހަރު ގްރޫޕް ސްޓޭޖުގައި ގާނާ ކޮޅަށް ގޯލު ޖެހި އެވެ. މިރޭގެ ގޯލާ އެކު ރޮނާލްޑޯ ގާނާ ކޮޅަށް ވޯލްޑް ކަޕްގައި ޖެހި ގޯލުގެ އަދަދު ދެއަކަށް އެރީ އެވެ.
ރޮނާލްޑޯ އެންމެ ގިނަ ގޯލު ޖެހީ 2018 ވަނަ އަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕްގަ އެވެ. އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ހަތަރު ގޯލު ޖެހިއިރު ވަރުގަދަ ސްޕެއިން ކޮޅަށް ހެޓްރިކް ހެދި އެވެ. ދެން ލަނޑު ޖެހީ މޮރޮކޯ މެޗުގަ އެވެ. އެކަމަކު ދެވަނަ ބުރުން ކެޓުމުން އެ މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ޕޯޗުގަލް އަށް ގެއްލުނެވެ.

މިފަހަރުގެ މުބާރާތަކީ ޕޯޗުގަލްއާ އެކު ރޮނާލްޑޯ ނުކުތް ބައިނަލްއަގްވާމީ 11 ވަނަ މުބާރާތެވެ. ޕޯޗުގަލްއާ އެކު ރޮނާލްޑޯ ވަނީ 2016 ވަނަ އަހަރުގެ ޔޫރޯ އާއި 2019 ވަނަ އަހަރު ޔޫއެފާ ނޭޝަންސް ލީގު ކާމިޔާބުކޮށްފަ އެވެ.

ފަސް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ ކާމިޔާބު ކެރިއަރުގައި ރޮނާލްޑޯ އަށް މިހާރު މަދުވަނީ ވޯލްޑް ކަޕް ތައްޓެކެވެ. ވޯލްޑް ކަޕްގައި ޕޯޗުގަލްއާ އެކު ރޮނާލްޑޯ އަށް އެންމެ ކުރިއަށްދެވުނީ 2006 ވަނަ އަހަރު އެވެ. އެފަހަރުގެ މުބާރާތުގައި ޖަރުމަނު އަތުން ޕޯޗުގަލް ކެޓީ ސެމީ ފައިނަލުގަ އެވެ.

މި ލިއުމާއި ގުޅޭ