Wednesday 7th Dec 2022
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވޯލްޑް ކަޕް

ރޮނާލްޑޯގެ ރެކޯޑް ގޯލާ އެކު ޕޯޗުގަލް އިން ގާނާ ބަލިކޮށްފި

ފީފާ ވޯލްޑް ކަޕްގައި މިރޭ ކްރިސްޓިއާނޯ ޖެހި ރެކޯޑް ގޯލާ އެކު ޕޯޗުގަލް އިން ގާނާގެ މައްޗަށް 3-2 އިން ކުރި ހޯދައިފި އެވެ.

ރޮނާލްޑޯ ޖެހި ގޯލާ އެކު އޭނާ ވެފައިވަނީ ފަސް ވޯލްޑް ކަޕްގައި ގޯލު ޖެހި ހަމައެކަނި ކުޅުންތެރިޔާ އަށެވެ. ރޮނާލްޑޯ ގޯލު ޖެހީ 2006، 2010، 2014، 2018 އަދި 2022 ވަނަ އަހަރު އެވެ. މި ފަސް މުބާރާތުގައި މިހާތަނަށް ރޮނާލްޑޯ ވަނީ އަށް ގޯލު ޖަހައިފަ އެވެ.

މެޗުގެ ފުރަތަމަ ގޯލު ލިބުނު ޕެނަލްޓީއަކުން ރޮނާލްޑޯ ވައްދާލީ 65 ވަނަ މިނެޓުގަ އެވެ. މިއީ ރޮނާލްޑޯ އަށް ގާނާގެ ކުޅުންތެރިއަކު ފައުލް ކުރުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.

ޕެނަލްޓީން ލީޑު ނެގުމުގެ ކުރިން ފުރަތަމަ ހާފުގައި ވެސް ރޮނާލްޑޯ ގޯލަށް ބޯޅަ ވައްދާލި އެވެ. އެކަމަކު ގޯލަށް ފޮނުވާލުމުގެ ކުރިން ގާނާގެ ކުޅުންތެރިއަކަށް ފައުލް ކުރުމުން ރެފްރީ އެ ގޯލު ގަބޫލެއްނުކުރި އެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ގާނާ އިން އެއްކޮށްހެން ކުޅުނީ ޑިފެންސްގައި ތިބެގެންނެވެ. އެޓީމުން ބޮޑަށް ބެލީ ޕޯޗުގަލް އަށް ލިބޭ ފުރުސަތުތައް މަދުކުރާށެވެ. އެކަމަކު ރޮނާލްޑޯ ދެވަނަ ހާފުގައި ލީޑު ނެގުމާ އެކު މެޗުގެ އޮއިވަރު ބަދަލުވި އެވެ.

ގާނާ އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ 73 ވަނަ މިނެޓުގަ އެވެ. މި ލަނޑު ބޮލުން އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އަންދްރޭ އަޔޫ އެވެ. ގާނާ އިން އެއްވަރުކުރިތާ ފަސް މިނެޓު ފަހުން ޕޯޗުގަލް އިން އަލުން ލީޑު ނެގި އެވެ. ބްރޫނޯ ފެނާންޑޭސްގެ އެހީގައި މި ގޯލު ކާމިޔާބުކޮށްދިނީ ޔާއޯ ފީލިކްސް އެވެ.

ޕޯޗުގަލްގެ ތިންވަނަ ލަނޑު 80 ވަނަ މިނެޓުގައި ޖެހީ ރަފައެލް ލެއާއޯ އެވެ. ފެނާންޑޭސްގެ އެހީތެރިކަމާ އެކު ލެއާއޯ މި ގޯލު ޖެހީ ކުޅެން އެރުމަށް ފަހު ލިބުނު ފުރަތަމަ ފުރުސަތުގަ އެވެ.

ދެގޯލުގެ ލީޑެއް ލިބުމުން ޕޯޗުގަލުން ވަނީ ބެނާޑޯ ސިލްވާ އާއި ރޮނާލްޑޯ ބާލާފަ އެވެ. މި ބަދަލުތައް ގެނައިތާ އިރުކޮޅެއް ފަހުން 89 ވަނަ މިނެޓުގައި ގާނާ އިން އިތުރު ގޯލެއް ޖަހައި ޕޯޗުގަލް ހާސްކޮށްލި އެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ އޮސްމާން ބުކާރީ އެވެ.

ގާނާ އިން ފަރަގު ކުޑަކުރުމަށް ފަހު ނަތީޖާ ހަމަހަމަކުރަން ފަހު ވަގުތު ކުރިއަށް ޖެހުނެވެ. އެކަމަކު ޕޯޗުގަލުން ވަނީ ލީޑުގައި ހިފަހައްޓައި މޮޅު ކަށަވަރުކޮށްފަ އެވެ.

ވޯލްޑް ކަޕްގައި މިރޭ ކުޅޭ ފަހު މެޗުގައި ބައްދަލުކުރާނީ ބްރެޒިލް އާއި ސާބިއާ އެވެ. މިއީ ގްރޫޕް ޖީގެ މެޗެކެވެ.

މި ލިއުމާއި ގުޅޭ