އޭޝިއާ ޕެސިފިކް ބްރޯޑްކާސްޓިން ޔޫނިއަން (އޭބީޔޫ) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ދިވެއްސަކު އައްޔަންކޮށްފި އެވެ.
މި މަގާމަށް އައްޔަން ކޮށްފައިވަނީ ޓީވީއެމްގެ ކުރީގެ އިންޖިނިއަރިން ހެޑްގެ މަގާމު އަދާކުރެއްވި އަހްމަދު ނަދީމް އެވެ. ނަދީމް އެ މަގާމަށް އައްޔަންކުރަން މިއަދު ނިންމި ނަމަވެސް، އޭނާގެ ދައުރު ފެށޭނީ އަންނަ އަހަރުގެ އޭޕްރީލް މަހުން ފެށިގެންނެވެ. މިއީ ވޭތުވެދިޔަ 13 އަހަރުގެ ތެރޭގައި އެ މަގާމަށް އާ ބޭފުޅަކު އައްޔަންކުރި ފުރަތަމަ ފަހަރެވެ.
ނަދީމް މިހާތަނަށް ހުންނެވީ އޭބީޔޫގެ ޓެކްނޮލޮޖީގެ އެންޑް އިނޮވޭޝަން ޑިރެކްޓަރުގެ މަގާމުގަ އެވެ. އޭނާ 2008 އިން ފެށިގެން އަދާ ކުރައްވަނީ އޭބީޔޫގެ އެކި މަގާމުތަކެވެ.
އޭބީޔޫގެ މެމްބަރުންގެ ގޮތުގައި 57 ގައުމަކުން 287 ބްރޯޑްކާސްޓަރުން އެބަތިއްބެވެ. އެއީ ތިން ބިލިއަން މީހުންގެ އޯޑިއެންސެކެވެ.
އޭޝިއާ ޕެސިފިކް ސަރަހައްދުގައި ބްރޯޑްކާސްޓިން ޚިދުމަތް ތަރައްގީ ކުރަން އުފައްދާފައިވާ އެންމެ ބޮޑު ޖަމާއަތް ކަމަށްވާ އޭބީޔޫގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އައްޔަންކުރި ނަދީމަކީ މި ދާއިރާގައި 25 އަހަރުގެ ތަޖްރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. ޓީވީއެމްގެ ހެޑް އޮފް އިންޖިނިއަރިންގެ މަގާމުގައި 11 އަހަރު ނަދީމް މަސައްކަތް ކުރެއްވިއެވެ.