Wednesday 7th Dec 2022
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވޯލްޑް ކަޕް

އުފަން ގައުމު ކޮޅަށް ގޯލު ޖަހައި އެމްބޯލޯ އަދާކުރީ އިހުތިރާމް

ކެމެރޫނަށް އުފަންވި ނަމަވެސް، ފަހުން ސްވިޒަލެންޑަށް ރަށްވެހިކަން ބަދަލުކުރި ބްރީލް އެމްބޯލޯ ޖެހި ހަމައެކަނި ގޯލުން ފީފާ ވޯލްޑް ކަޕްގައި މިއަދު ސްވިޒަލެންޑުން ކެމެރޫން ބަލިކޮށްފި އެވެ.

ގަތަރުގެ އަލް ޖަނޫބް ސްޓޭޑިއަމްގައި ކުޅުނު މެޗުން ސްވިޒަލެންޑް މޮޅުވީ 1-0 އިންނެވެ.

މެޗުގައި އެމްބޯލޯ ގޯލު ޖެހީ ދެވަނަ ހާފުގެ ތިންވަނަ މިނެޓުގަ އެވެ. އަރިމަތިން ޒެރްދަން ޝަގީރީ ނަގައިދިން ހުރަސް އެމްބޯލޯ ގޯލަށް ވައްދާލީ އެއް ފަހަރުން ޖަހަ އެވެ. އެވަގުތު އެމްބޯލޯ އޭރިޔާތެރޭ ހުރީ ހުހަށެވެ.

ލަނޑު ޖެހުމަށް ފަހު އެމްބޯލޯ އުފާ ފާޅުކޮށްފައެއްނުވެ އެވެ. ގޯލު ޖެހުމަށް ފަހު ދެ އަތް މައްޗަށް ނަގައި އެމްބޯލޯ ވަނީ ލޯ މެރުމަށް ފަހު އޭނާ އުފަންވި ކެމެރޫނަށް އިހުތިރާމް އަދާކޮށްފަ އެވެ.

އެމްބޯލޯ ކެމެރޫން ދޫކޮށް އާއިލާއާ އެކު ސްވިޒަލެންޑަށް ބަދަލުވީ އުމުރުން ހަ އަހަރުގަ އެވެ. އޭނާ ސްވިޒަލެންޑަށް އެމްބޯލޯ ރަށްވެހިކަން ބަދަލުކުރީ 2014 ވަނަ އަހަރު އެވެ.

އުމުރުން 18 އަހަރުގައި އެމްބޯލޯ ވަނީ އެމްބޯލޯ ފައުންޑޭޝަން އުފައްދައި ފަގީރު ހާލުގައި އުޅޭ ކުދިންނަށް އެހީތެރިވާން ފަށައިފަ އެވެ. މިގޮތުން ސްވިޒަލެންޑުގެ ރެފިއުޖީ ކުދިންނަށާއި ކެމެރޫންގައި، އަސާސީ ހައްގުތައް އެކަށީގެންވާ ވަރަށް ނުލިބޭ ކުދިންނަށް އެމްބޯލޯގެ ފައުންޑޭޝަނުން އަންނަނީ އެހީ ފޯރުކޮށްދެމުންނެވެ.

މެޗުން ބަލިވިޔަސް ކެމެރޫނުން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ސްވިޒަލެންޑަށް ގޯލު ޖަހާނެ މާ ރަނގަޅު ފުރުސަތެއް ތަނަވަހެއް ނުކުރެވުނެވެ. ދެވަނަ ހާފު ލީޑު ނެގުމަށް ފަހު ސްވިޒަލެންޑުން ޑިފެންސް ވަރުގަދަކުރި އެވެ.

މި ގްރޫޕުގައި ބްރެޒިލް އޮތުމާ އެކު ދެޓީމުން ވެސް މިއަދު މޮޅަކަށް މަސައްކަތްކުރި އެވެ. ގްރޫޕުގެ ދެވަނަ މެޗުގައި ސްވިޒަލެންޑް، ބްރެޒިލާ ދެކޮޅަށް ނުކުންނާނީ އަންނަ ހޯމަ ދުވަހު އެވެ. އެންމެ ފަހުގެ ވޯލްޑް ކަޕްގައި ސްވިޒަލެންޑް ވަނީ ބްރެޒިލާ 1-1 އިން އެއްވަރުކޮށްފަ އެވެ.

މިއަދުގެ މެޗަކީ ވޯލްޑް ކަޕްގައި ކެމެރޫން ޖެހިޖެހިގެން ބަލިވި އަށް ވަނަ މެޗެވެ. ކެމެރޫން ދެވަނަ މެޗުގައި ނުކުންނާނީ ސާބިއާއާ އެވެ. އަނެއް ބުރަށް ދިއުމަށް ކެމެރޫނުން އެ މެޗު ކާމިޔާބުކުރަން މަޖުބޫރުވާނެ އެވެ.

މި ލިއުމާއި ގުޅޭ