ޞައްޙަ ނޫން ޑޮލަރުން ފުޅާ ދާއިރާއެއްގައި ވިޔަފާރިކޮށް މުއާމަލާތްކުރަމުން އައިކަމުގެ ތުހުމަތުގައި ދެ ދިވެހިން ރޭ ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރޭގައި އެ ދެ މީހުން ހައްޔަރުކުރީ ފުލުހުންގެ މާލީ ކުށްތަކާ ބެހޭ ޑިޕާޓުމެންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހުޅުމާލޭ މަގުމަތިން ކަމަށެވެ.
އަދި މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 23 އަހަރުގެ ދިވެހި ފިރިހެނަކާއި 24 އަހަރުގެ ދިވެހި އަންހެނެއްކަމަށް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލޭ ކޯޓަށް މިއަދު އެ މީހުން ހާޒިރުކުރުމުން ކޯޓުން އެ މީހުންގެ ބަންދަށް ފަސް ދުވަހުގެ މުއްދަތު ޖަހާފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
އިތުރު ތަފުސީލެއް މައްސަލައާ ގުޅިގެން ފުލުހުން ހާމަނުކުރެއެވެ. ހަމައެކަނި ބުނެފައިވަނީ އެ މައްސަލަ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓުމެންޓުން ތަހުގީގުކުރަމުން އަންނަ ކަމަށެވެ.