ދިވެހި ރުފިޔާގެ ރަސްމީ ނިޝާން ހިމަނައިގެން ފުރަތަމަ ފަހަރަށް ޗާޕުކުރި ރުފިޔާގެ ނޫޓުތައް އަންނަ މަހުން ފެށިގެން ބޭނުންކުރަން ފަށަން ނިންމައިފި އެވެ.
'ރ' އަކުރުގެ މެދުގައި އިތުރު އެއް ރޮނގުބުރި ދަމާފައި ހުންނަ ދިވެހި ރުފިޔާގެ ނިޝާން ތައާރަފުކުރީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ.
އެމްއެމްއޭ އިން ވަނީ އެ ނިޝާން ޖެހި 50ރ. ގެ ނޫޓު ޗާޕުކޮށްގެން މި މަހުގެ ކުރީކޮޅު ރާއްޖެ ގެނެސް އޭގެ ފޮޓޯއެއް ސޯޝަލް މީޑިއާ މެދުވެރިކޮށް ދައްކާލާފަ އެވެ.
އެ އިދާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަންނަ މަހުން ފެށިގެން އެ ނޫޓުތައް ބޭނުންކުރަން ފަށާނެ ކަމަށެވެ.
އެގޮތުން ރުފިޔާގެ ނިޝާން ހިމަނައިގެން ނެރޭ ފުރަތަމަ ނޫޓްތަކުގެ ތެރެއިން 50ރ.ގެ ނޫޓްގެ ދެ ފުށުގައި ރުފިޔާގެ ރަސްމީ ނިޝާން ހިމަނާފައިވާނެ އެވެ.
އެ ނޫޓްގައި ސޮއިކުރައްވާފައި ވަނީ އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް އެވެ. އެ ނޫޓުތަކުގެ ތާރީހަކީ 8 ސެޕްޓެމްބަރު 2022 އަދި 12 ސަފަރު 1444 އެވެ.
ރުފިޔާގެ ނިޝާން ޖެހި 50ރ. ގެ އާ ނޫޓާ އެކު 50ރ.ގެ ކުރީގެ ނޫޓްތައް ވެސް ބޭނުން ކުރަމުން ގެންދާނެ ކަމަށް އެމްއެމްއޭ އިން ބުނެފައިވެ އެވެ.