Tuesday 21st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިންޑޮނޭޝިއާ

އިންޑޮނޭޝިއާ ބިންހެލުން: 2 ދުވަސް ފަހުން އިމާރާތެއްގެ ދަށުން ކުޑަކުއްޖަކު ސަލާމަތްކޮށްފި

މީގެ ދެދުވަސް ކުރަން އިންޑޮނޭޝިއާއަށް އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން ބިމާ ހަމަވެފައިވާ އިމާރާތެއްގެ ދަށުން އުމުރުން 6 އަހަރުގެ ކުއްޖަކު ދިރިހުއްޓައި ސަލާމަތްކޮށްފިއެވެ.

އަޒްކާ މައުލާނާ މާލިކް ނަމަކަށް ކިޔާ 6 އަހަރުގެ މި ފިރިހެންކުއްޖާ ފެނުނީ ބިމާއި ހަމަވެފައިވާ ގެއެއްގެ ދަށުންނެވެ. އަދި އަޒްކާ އޮތީ އޭނާގެ މަރުވެފައިވާ މާމަގެ ހަށިގަނޑު ކައިރީގައެވެ. ބަނޑުހައިވުމުގެ ސަބަބުން ހަށިގަނޑު ވަރުދެރަވުން ފިޔަވައި އިތުރު މާބޮޑު އަނިޔާއެއް އަޒްކާއަށް ވެފައިނުވެއެވެ. އެ އާއިލާގެ މީހަކު މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި އަޒްކާގެ މަންމަވެސް ވަނީ ބިންހެލުމުގައި މަރުވެފައެވެ.

5.6 މެގްނިޓިއުޑުގެ މި ބިންހެލުމުގައި މިހާތަނަށް 271 މީހުން މަރުވެފައިވާ ކަމަށް ރެކޯޑުތަކުން ދައްކައެވެ. އެހެން ނަމަވެސް ކަމާއި ބެހޭ ފަރާތްތަކުން ލަފާކުރަނީ އެ އަދަދު އެއަށްވުރެ ވެސް އިތުރުވާނެ ކަމަށެވެ. ވިއްސާރަ ވުމުގެ ސަބަބުން ބިންހެލުމުގެ އަސަރު ކުރި ބައެއް ހިސާބުތަކަށް އަދިވެސް ސަލާމާތީ ހިދުމަތްތަކުގެ އޮފިޝަލުންނަށް ނުދެވެއެވެ. 40 މީހުން އަދިވެސް ހޯދާ ނުފެނިފައިވާއިރު 2000 އެއްހާ މީހުންނަށް މި ބިންހެލުމުގެ ސަބަބުން އަނިޔާވިއެވެ.

މިއީ 2018 ގެ ފަހުން އިންޑޮނޭޝިއާއަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ. 2018 ވަނަ އަހަރު 7.5 މެގްނިޓިއުޑުގެ ބިންހެލުމަށް އިންޑޮނޭޝިއާއަށް އައެވެ. އެ ބިންހެލުމާއި އެކު އުފެދުނު ސުނާމީގައި 4000 އެއްހާ މީހުން މަރުވިއެވެ.

އިންޑޮނޭޝިއާ އޮންނަ ސަރަހައްދަކީ ބާރުގަދަ ބިންހެލުންތައް އަންނަ ސަރަހައްދެކެވެ. 2004 ވަނަ އަހަރު އިންޑޮނޭޝިއާގެ ސުމަޓްރާ ކައިރިއަށް އައި ބިންހެލުމާއި އެކު ބޮޑު ސުނާމީއެއް އިންޑިއާ ކަނޑުގެ ޤައުމުތަކަށް އެރިއެވެ.

މި ލިއުމާއި ގުޅޭ