Wednesday 7th Dec 2022
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް

ޓެކުސް ބޮޑުކުރުމުން ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ގެއްލުންވެ، ސާވިސް ޗާޖު ލިބޭ މިންވަރު މަދުވާނެ: މަޓާޓޯ

ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ނިންމުމުން އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި އެކަނި ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ޖުމްލަ 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ)ގެ ގެއްލުމާ ކުރިމަތިލާންޖެހޭނެކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސްއިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ މިހާރު ތަސްދީގުކުރައްވާފައިވާ ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑުކުރާ ބިލަކީ ދިވެހި އިޤުތިޞާދު މިސްމެނޭޖުކުރާކުރުމުގެ ނަމޫނާއެއްކަމަށް އެ ޖަމްއިއްޔާއިން ފާހަގަކުރިއެވެ. އަދި މަޓާޓޯއިން ބުނީ އަންނަ އަހަރުން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ނަގާ މިންވަރު 33 އިންސައްތަ ބޮޑުވުމުން، ރާއްޖޭގެ އިޤުތިޞާދުގެ އެންމެ އުފެއްދުންތެރި ސިނާއަތްކަމުގައިވާ، ރާއްޖޭގެ ޖުމްލަ އާމްދަނީގެ 74 އިންސައްތަ ހިއްސާކުރާ ފަތުރުވެރިކަމަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރުކުރާނެ ކަމަށެވެ.

މަޓާޓޯގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ފަތުރުވެރިކަމަށް ކުރާ ނޭދެވޭ އަސަރުގެ ތެރެއިން އެންމެ ބޮޑު ނޭދެވޭ އަސަރެއް ކުރާނީ އެ ސިނާއަތުގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ.

މި ބަދަލުގެ ސަބަބުން މިހާރު ހަދާފައިވާ ބުކިންތަކަށާއި ކެންސެލޭޝަންތަކަށް އަދި ޓުއާ އޮޕަރޭޓަރުންނާއި ޚިދުމަތްދޭ ތަންތަނަށް ކުރާ އަސަރު ދެނެގަތުމަށް ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއެކު ފުޅާ ދާއިރާއެއްގައި މާޓާޓޯއިން މަސައްކަތްކުރިކަމަށް އެ ޖަމްއިއްޔާއިން ފާހަގަކުރިއެވެ.

އެ މަސައްކަތުން އެނގުނު ގޮތުގައި އަވަސް އަރުވާލައިގެން ޓެކުސް ބޮޑުކުރުމުން ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތަކުގެ ބޮޑު އަސަރެއްކުރާނީ ދިވެހިރާއްޖޭގެ ވިޔަފާރިތަކަށެވެ. އެގޮތުން އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި، ރިސޯޓުތަކާއި ސަފާރީ ޔޮޓުފަހަރާއި ހޮޓަލާއި ގެސްޓުހައުސްތައް ހިމެނޭހެން ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް 50 މިލިއަން ޑޮލަރުގެ ގެއްލުމެއްވާނެކަމަށް އެ ޖަމްއިއްޔާއިން ލަފާކުރެއެވެ.

އަދި އެ ނިންމުމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މަސައްކަތްތެރިންނަށްވެސް ނޭދެވޭ އަސަރުކުރާނެކަން ފާހަގަކޮށް އެ ޖަމްއިއްޔާއިން ބުނީ، އަގުން ޓީޖީއެސްޓީ ކެނޑުމަށްފަހު، ސާވިސް ޗާޖުގެ ގޮތުގައި ބަހަން ލިބޭނެކަމަށް ލިބޭ ފައިސާ ހިސާބުކުރުމުން އެވެރެޖުކޮށް ކޮންމެ މުވައްޒަފަކަށް ލިބޭ ސާވިސް ޗާޖުން 2،000 ރުފިޔާ އުނިވާނެކަމަށް ބެލެވޭ ކަމަށެވެ.

އަދި ރާއްޖެއިން ބޭރުގެ ޓްރެވެލް އެޖެންޓުންނާއި ޓުއާ އޮޕަރޭޓަރުންނަށް އެފަދަ ބަދަލުތައް ކުއްލިއަކަށް ނުގެނެވޭނެކަން މަޓާޓޯއިން ފާހަގަކުރިއެވެ. އެގޮތުން ވިލާތުގެ އިއްތިހާދުގެ ޤާނޫނުތަކުގައި، އެ ސަރަހައްދުގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުން ކުރިން ވިއްކާފައި ހުރި ޓްރެވަލް ޕެކޭޖުތަކުގެ އަގުތައް ފަހުން ބަދަލުކުރުމަކީ މަނާކަމެއްކަން އެ ބަޔާނުގައި ފާހަގަކުރިއެވެ.

އަދި ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް ދިވެހި ސަރުކާރުން މިހާރު އަޅަމުންދާ ފިޔަވަޅުތައް މަޑުޖައްސައިދޭތޯ ބޭރުގެ ބައެއް އެޖެންޓުންނާއި އޮޕަރޭޓަރުން މަސައްކަތްކުރަމުން އަންނަކަން އެ ޖަމްއިއްޔާއަށް އެނގިފައިވާކަމުގައި މަޓާޓޯއިން ބުނެއެވެ.

މަޓާޓޯއިން އިތުރަށް ފާހަގަކުރި ގޮތުގައި ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަކީ އައިއެމްއެފާއި ވޯލްޑް ބޭންކުގެ އިރުޝާދަށް ފެށިކަމެއް ކަމަށް ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވި ނަމަވެސް އެ އިދާރާތަކާއެކު އެ ޖަމްއިއްޔާއިން ދެއްކި ވާހަކަތަކުން އެއީ ޙަޤީޤަތާ ޚިލާފު ވާހަކަފުޅެއްކަން އެނގިފައިވާ ކަމަށެވެ.

އަދި އެ އިދާރާތަކުން އެ ޖަމްއިއްޔާއާ ބައްދަލުކުރީ އަމީރުގެ އެދިވަޑައިގަތުމާ އެއްގޮތަށް ލަފާދިނުމަށް އެ އިދާރާތަކުން ނިންމިފަހުންކަމަށް ބުނެ އެ ޖަމްއިއްޔާއިން ފާހަގަކުރީ އެ ޤާނޫނު ފާސްކުރުމަށްޓަކައި މަޖިލީހަށް ކުށް މައުލޫމާތުތަކެއް އަމީރު ދެއްވާފައިވާ ކަމަށް އެ ޖަމްއިއްޔާއިން ފާހަގަކުރިއެވެ.

އަމީރު ފަހުން ދައްކަވާފައިވާ ވާހަކަފުޅުތަކަކީ ޙަޤީޤަތް އޮޅޭ ވާހަކަތަކެއް ކަމުގައިވާތީއާއި ފިނޭންސް މިނިސްޓަރުކަމުގެ މަޤާމު ފަދަ ޒިންމާތައް ބޮޑު މަޤާމެއް އަދާކުރެއްވުމުގެ ޤާބިލުކަން އޭނާ ކިބާގައި ނެތުމުން މަޖިލީހުން ފިޔަވަޅުއެޅުމަށް ގޮވައިލުމާއެކު މަޓާޓޯއިންވަނީ އަމީރު މަޤާމުން ދުރުވެވަޑައިގަތުމަށް ގޮވާލާފައެވެ. އަދި އިޤުތިޞާދު ހިމާޔަތްކުރުމަށް އަވަސް ފިޔަވަޅުތައް އަޅައި ހަދާފައިވާ ގޯސްތައް ރަނގަޅުކުރުމަށް ސަރުކާރަށް އެ ޖަމްއިއްޔާއިން ގޮވައިލިއެވެ.

އެގޮތުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައްޔިތުންގެ މަޖިލިސް ގުޅިގެން ޓެކުސް ބޮޑުކުރާ ޤާނޫނަށް އަމަލުކުރުން ފަސްކުރުމަށް އެ ޖަމްއިއްޔާއިން ގޮވައިލިއެވެ. އަދި ޓެކުސް ބޮޑުކުރުމުން ލިބޭނެކަމަށް ބުނާ ފައިދާއާއި ގެއްލުން ވަޒަންކުރުމަށް ހުރިހާ ބައިވެރިން ޝާމިލުވާ ގޮތަށް އާންމު މަޝްވަރާތަކެއް ބާއްވަންވެސް މަޓާޓޯއިން އެދިފައިވެއެވެ.

އަދި މުޅި ޤައުމުގެ އިޤުތިޞާދީ ބިންގަލަށް ނުރައްކާވާ ކަމެއް ކުރުމުގެ ކުރިން ޚަރަދުކުޑަކުރަން ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ތަފުސީލު ހާމަކުރަންޖެހޭކަން ފާހަގަކޮށް މަޓާޓޯއިން ބުނީ އެކަމުގެ ތަފުސީލެއް އަދިވެސް ފިނޭންސް މިނިސްޓަރީން ހާމަނުކުރާކަމަށެވެ. ސަރުކާރުގެ ޚަރަދުތައް މުޅިން އަލުން ތަރުތީބުކޮށް، ސަބްސިޑީއާއި ޕަބްލިކް އިންވެސްޓުމެންޓް މަޝްރޫޢުތަކާއި، ބިޑިންއާއި ރިކަރަންޓު ޚަރަދުތަކާއި ސިޔާސީ މަޤާމުތަކަށް ކުރާ ހޭދައާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޚަރަދުން އިސްރާފު ކުޑަކުރަން އެ ޖަމްއިއްޔާއިން ގޮވައިލާ ގޮވައިލުން ތަކުރާރުކޮށްފައިވެއެވެ.

އަންނަ އަހަރުގެ ޖަނަވަރީ އެއްވަނަ ދުވަހުން ފެށިގެން ޖީއެސްޓީ ނަގާ ރޭޓު 8 އިންސައްތައަށް އަދި ޓީޖީއެސްޓީ ނަަގާ ރޭޓު 16 އިންސައްތައަށް ބޮޑުކުރަން މަޖިލީހުން ފާސްކޮށް ރައީސް ޞާލިޙު އެ ބިލު ތަސްދީގުކުރެއްވީ އެކަމާ ގުޅޭ ކަންބޮޑުވުންތައް ފަތުރުވެރިކަމުގެ ދާއިރާގެ ހުރިހާ ވިޔަފާރިތަކުން ފާހަގަކުރަމުން އަންނަނިކޮށެވެ.

އަދި ދުނިޔޭގެ ބާޒާރުގައި ކާބޯތަކެއްޗާއި ތެލާއި އެނޫންވެސް އެކި މުދަލުގެ އަގު ހަލުއިކޮށް އުފުލެމުން އަންނާތީ ޖީއެސްޓީ ބޮޑުކުރުމުން އާންމުންނަށް އެކަމުގެ ބުރަ ބޮޑުވެ އިންފުލޭޝަން އަންދާޒާކުރާ މިންވަރަށްވުރެ ބޮޑުވުމަކީ އެކަށީގެންވާކަމެއްކަމަށް މަރުކަޒީ ބޭންކު އެމްއެމްއޭއިން ފާހަގަކުރުމުން އެމްއެމްއޭގެ ލަފައަކީ ސިޔާސީ ލަފައެއްކަމަށް ސަރުކާރަށް ތާއީދުކުރައްވާ މަޖިލީހުގެ މެންބަރުން ވިދާޅުވެފައިވެއެވެ.

މި ލިއުމާއި ގުޅޭ