Wednesday 7th Dec 2022
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

އިންޓަޕޯލްގައި މަސައްކަތްކުރައްވާ ފުރަތަމަ ދިވެހި އޮފިސަރަކަށް ޗީފް އިންސްޕެކްޓާ ރިޟްވާން

ބައިނަލްއަޤުވާމީ ފެންވަރުގައި ދުނިޔޭގެ އެކި ދައުލަތްތަކުގެ ފުލުހުން ގުޅިގެން މަސައްކަތްކުރުމަށް ޤާއިމުކޮށްފައިވާ އިދާރާ އިންޓަޕޯލްގައި މަސައްކަތްކުރާ ފުރަތަމަ ދިވެހި ފުލުސް އޮފިސަރުގެ ގޮތުގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ރިޟްވާން ޝަރީފު ހަމަޖައްސަވައިފިއެވެ.

އިންޓަޕޯލްގެ މައި މަރުކަޒުގައި ރިޟްވާން މަސައްކަތްކުރެއްވުމަށް ހަމަޖައްސަވައި އެކަމުގެ ލިޔުން މިއަދު އޭނާއާ ހަވާލުކުރެއްވީ ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދެވެ. ރިޟްވާން މަސައްކަތްކުރައްވަން ހަމަޖެހިފައިވަނީ އިންޓަޕޯލްގެ މާލީ ކުށްތަކާއި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ މަރުކަޒުގައެވެ.

ފަރަންސޭސިވިލާތުގެ ލިޔޯންގައި ހުންނަ އެ މަރުކަޒުގެ މަސައްކަތާ ރިޟްވާން ގުޅިވަޑައިގަންނަވާނީ އަންނަ ޑިސެންބަރު މަހުގެ އެއްވަނަ ދުވަހުގައި ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.

ރިޟްވާން އިންޓަޕޯލުގައި މަސައްކަތްކުރުމަށް ހަމަޖެއްސުމާ ގުޅިގެން ފުލުހުންގެ ޚިދުމަތުގެ އެގްޒެކެޓިވް ބޯޑުގެ އޮފިސަރުންނާއި، ނޭޝަނަލް ސެންޓްރަލް ބިއުރޯގެ އޮފިސަރުންވަނީ މިއަދު އޭނާއަށް މަރުހަބާ ވިދާޅުވެފައެވެ.

ސީޕީ ޙަމީދު ވިދާޅުވި ގޮތުގައި ރިޟްވާން އިންޓަޕޯލުގައި މަސައްކަތްކުރެއްވުމަށް ހަމަޖެއްސުމަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ފުލުހުންގެ މެދުގައި އެއްބާރުލުން ދިނުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އަހަންމިއްޔަތުކަންދޭ މިންވަރާއި، ބައިނަލްއަޤުވާމީ ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމަށް އެ ޚިދުމަތުގެ އޮތް އަޒުމް ދައްކުވައިދޭ ކަމެއް ކަމަށެވެ.

މީގެކުރިން ކޮމިޝަނާ ވިދާޅުވެފައިވަނީ އިންޓަޕޯލްގައި ދިވެހި ފުލުހުން މަސައްކަތްކުރަން ފެށުމަކީ އެކި ދާއިރާތަކުން ގިނަ ތަޖުރިބާތަކެއް ދިވެހި ފުލުހުންނަށް ލިބި، ފުލުހުންގެ ޚިދުމަތުގެ މަސައްކަތް އިތުރަށް ވަރުގަދަވުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެއް ކަމަށެވެ.

ޑިސެންބަރު އެއްވަނަ ދުވަހުން ފެށިގެން އިންޓަޕޯލުގައި ރިޟްވާން ޖުމްލަ ތިން އަހަރުގެ މުހުލަތަކަށް މަސައްކަތްކުރައްވާނެއެވެ.

މި ލިއުމާއި ގުޅޭ