ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އައްޑޫ ސިޓީއަށްވީ ވައުދުތައް ނުފުއްދާކަމަށް ބުނެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު ރަޝީދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ކޮމިޓީ ރިޕޯޓަށް ބަހުސްކުރައްވަމުން މެންނަރު ރަޝީދު ވިދާޅުވީ މި ސަރުކާރުން 2018 ވަނަ އަހަރު ވެރިކަމަށް އައީ ރައްޔިތުންނަށް ގިނަ ވައުދުތަކެއް ވެގެން ކަމަށާއި އެޖެންޑާ 19 ގެ ނަމުގައި ރައްޔިތުންނަށް އެތައް އުންމީދުތަކެއް ދިން ކަމަށެވެ.
"މި ސަރުކާރު ވުޖޫދަށް މިއައީ އެތައްގިނަ ވައުދުތަކެއް ވެގެން، މުޅި ރާއްޖޭގެ ރައްޔިތުންނަށް ވެގެން. އަޅުގަނޑު ނިސްބަތްވާ ހިސާބުގައިވެސް އެބަހުރި ކަންތައްތައް، ރައީސުޖުމްހޫރިއްޔާ އެންމެ ފަހުން މި މަޖިލީހުގައިވެސް ވާހަކަދައްކަވަމުން ވިދާޅުވި އައްޑޫ ސިޓީ ތަރައްގީނުވެ ރާއްޖެ ތަރައްގީ ނުވާނެއޭ،" އަހްމަދު ރަޝީދު ވިދާޅުވި އެވެ.
އެ ވައުދުތަކުގެ ތެރޭގައި ހިމެނޭ 8000 ބެޑު ނޭޅިގެން އުޅެނިކޮށް އައްޑޫގައި އޮންނަ ޝަންގްރިއްލާ ރިސޯޓު ވެސް ބަންދުކުރި ގޮތަށް ނުހުޅުވި އޮތްކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި ރައީސް ސޯލިހުގެ ދައުރުގެ ފަހު އަހަރަށް ދާއިރު އައްޑޫއަށް ގިނަ ކަންކަން ނުކޮށްދެވޭ ކަމަށް ވިދާޅުވި އެވެ.
"މި ދައުރުގެ ފަހު އަހަރު އައްޑޫ ސިޓީގެ އިގްތިސާދަށް ކޮންކަމެއްތޯ ކޮށްދެވުނީ. އަޅުގަނޑުމެން މީ މާލެ ނަގާފަ އެންމެ ގިނަ ޖީއެސްޓީ ދައްކާ މީހުން. ކޮބައިތޯ ފެއްޓުނު އިގްތިސާދީ މަސައްކަތަކީ،" އަހްމަދު ރަޝީދު ވިދާޅުވި އެވެ.
"ގަން އެއޮތީއޭ ހަތަރު އަހަރު ދިޔައިރު މި ބަލަނީ، ލޯނު ލިބެނީ ކިޔަކިޔާ ތިބީއޭ. ދެން ބާކީ އޮތީ މަދު ދުވަސްކޮޅެކޭ މި ދައުރުގަ. އައްޑު ސިޓީގެ ބައިނަލްއަގުވާމީ ޕޯޓަށް އެންމެ ލޯ ލާރިއެއްވެސް ވަތްތައް އަޅުގަނޑަކަށް ފެންނާކަށް ނެތް. ބިން ހިއްކުމުގެ ވާހަކަ ދައްކާއިރު ރިޔާސީ ދައުރުން ހަތަރު އަހަރު ނިމުނީ، ބާކީ އޮތީ އެންމެ އަހަރެކޭ، ކިހިނެއްތޯ އެކަން ކުރަނީ."
އައްޑޫއަކީ ރައީސް ސޯލިހު ވެރިކަމަށް ގެނައުމަށް އެންމެ ގިނަ ވޯޓުދިން އެއް ސިޓީ ކަމަށާއި މަޖިލީހުންވެސް އެ ދާއިރާއިން އެމްޑީޕީއަށް ހަތް ގޮނޑި ދީފައިވާ ކަމަށް ވިދާޅުވެ އޭނާ ވަނީ ވައުދުތައް ނުފުއްދައިދޭތީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
"އަޅުގަނޑުމެންނަކީ ރައީސުލްޖުމްހޫރިއްޔާއަށް އެންމެ ގިނަ ވޯޓުދިން ސިޓީއޭ، ވައުދުތަކެއް ވެގެންނޭ ދިނީ. އަޅުގަނޑުމެންނަށް ދިނޭ މި މަޖިލީހުގެ ހަތް ގޮނޑިވެސް، މިކަންކަމަށް ބަލައި އަޅުގަނޑުމެން ދެން ކޮން މޫނަކައިގެންތޯ 2023 ގައި ދާނީ. އައްޑޫ ސިޓީއަށްވީ ވައުދުތައް ފުއްދުމަކީ މުހިންމު ކަމެއް،" އަހްމަދު ރަޝީދު ވިދާޅުވި އެވެ.