އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓްރީ މުސްއަބް އަބްދުﷲ އެ މަގާމުން ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ނިންމައި ބަދަލުގެ ގޮތުގައި ދައްކަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީގެ) މައްޗަށް ހައިކޯޓުން ހުކުމްކުރި ފައިސާ ނުދައްކައިގެން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.
އެ މައްސަލައާ ގުޅިގެން މުސްއަބު ދައުވާކުރީ އޭނާ ވަކިކުރަން ނިންމި ނިންމުން ބާތިލްކޮށް އަދި ވަޒީފާ އަނބުރާ އިއާދަ ކުރުމުގެ އިތުރުން ސަސްޕެންޑް ކުރި ދުވަހުން ފެށިގެން ވަޒީފާ އިއާދަކުރުމާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި އިނާޔަތްތައް ހޯދުމަށެވެ. އެކަމާ ގުޅިގެން 2020 ވަނަ އަހަރު ސިވިލް ކޯޓުން ނިންމީ މުސްއަބު ވަކިކުރީ ގާނޫނާ ހިލާފަށް ކަމަށް ސާބިތު ނުވާ ކަމަށެވެ.
ހައި ކޯޓުން މިދިޔަ އޮގަސްޓު މަހު ކުރި ހުކުމުގައި ވަނީ ވަޒީފާގެ އެއްބަސްވުމުގެ ބާކީ އޮތް މުއްދަތުގެ މުސާރަ ކުރިޔަށް އޮތް 14 ދުވަސް ތެރޭގައި ދިނުމަށް އަންގާފަ އެވެ. އެގޮތުން ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ބަދަލުގެ ގޮތުގައި ކަނޑައެޅީ 1،187،666.60ރ. އެވެ.
އެކަމަކު އެ ފައިސާ ސިވިލް ސާވިސް ކޮމިޝަނުން ހުކުމާ އެއްގޮތަށް ދައްކާފައި ނުވާތީ މުސްއަބުގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅި އެވެ. އޭގައި އެދިފައިވަނީ ސީއެސްސީ ކޯޓަށް ހާޒިރުކޮށް، ހައިކޯޓުގެ ހުކުމާ އެއްގޮތަށް އަމަލުކުރުމަށް އަމުރުކޮށްދިނުމަށެވެ.