Wednesday 7th Dec 2022
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވޯލްޑް ކަޕް

ޖަޕާނުން ދުނިޔޭގެ ގަދަބާރު ޖަރުމަނު ބަލިކޮށްފި

ފީފާ ވޯލްޑް ކަޕްގައި މިރޭ ޖަޕާނުން، ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވާ ޖަރުމަނު 2-1 އިން ބަލިކޮށްފި އެވެ.

ވޯލްޑް ކަޕްގައި މިފަހަރު އެންމެ ބޮޑު ސިހުމެއް ލިބުނީ ސައުދީ އަރަބިއާ އިން އާޖެންޓީނާ ބަލިކުރި މެޗުގަ އެވެ. އެއަށް ފަހު ޖަޕާނުން ޖަރުމަނު ބަލިކުރުމަކީ އަނެއްކާވެސް ފެނުނު ހައިރާން ކުރުވަނިވި ނަތީޖާއެކެވެ.

މިރޭގެ މެޗު ފަށައިގެން ކުރީކޮޅު ޖަޕާނުން ވަނީ ރަނގަޅަށް ކުޅެ ޖަރުމަނަށް ޕްރެޝަރުކޮށްފަ އެވެ. އެކަމަކު ޖަރުމަނުން ވަނީ މަޑުމަޑުން މެޗުގެ ތެރެއަށް ވަދެ ގޭމް ކޮންޓްރޯލްކޮށްފަ އެވެ. ފުރަތަމަ ހާފުގެ ފަހުކޮޅު ޖަރުމަނުން ލީޑު ނެގީ ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ވައްދާލީ އިލްކާއީ ގުންޑޮގާން އެވެ.

ދެވަނަ ހާފު ވަރަށް ފަހަކާ ޖެހެންދެން މެޗު ޑޮމިނޭޓް ކޮށްގެން ކުޅުނީ ޖަރުމަނެވެ. މި ހާފުގައި އެޓީމުން އުފެއްދި ހަމަލާތައް ދިފާއުކުރުމުގައި ޖަޕާންގެ ގޯލްކީޕަރު މޮޅު ކުޅުމެއް ދެއްކި އެވެ.

ޖަޕާނުން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 15 މިނެޓުގަ އެވެ. އެޓީމުގެ ފުރަތަމަ ލަނޑު 75 ވަނަ މިނެޓުގައި ޖެހީ ބެންޗުން ކުޅެން އެރި ރިޓްސޯ ޑޯން އެވެ. އޭގެފަހުން ޖަޕާނުން ދިޔައީ ކައުންޓަ އެޓޭކުގައި ޖަރުމަނަށް ބާރުބޮޑު ކުރަމުންނެވެ. މެޗުގައި ޖަޕާނުން ލީޑު ނެގީ 83 ވަނަ މިނެޓުގައި ޓަކޫމާ އަސާނޯ ޖެހި ގޯލުންނެވެ. އަސާނޯ އަށް ލިބުނު ބޯޅަ ވަރަށް މޮޅަށް ކޮންޓްރޯލް ކުރުމަށް ފަހު އޭރިޔާ ތެރެއަށް ވަދެ، ކީޕަރަށް އެއްވެސް ފުރުސަތެއް ނުދީ ގޯލުގެ ތެރެއަށް ވައްދާލި އެވެ. މި ގޯލަށް ފަހު ޖަޕާނުގެ މުޅި ޓީމާއި ދަނޑުގައި ތިބި އެގައުމުގެ ސަޕޯޓަރުން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ.

މެޗުގެ ފަހުކޮޅު ޖަރުމަނުން ވަނީ ގޯލްކީޕަރު މަނުއެލް ނޯޔާ ވެސް ކުރިއަށް އަރުވައިގެން ނަތީޖާ ހަމަހަމަ ކުރެވޭތޯ މަސައްކަތްކޮށްފަ އެވެ. އެކަމަކު ޖަޕާނުން ވަނީ ހިތްވަރު ދައްކައި ނަތީޖާ ދަމަހައްޓައިފަ އެވެ.

ވޯލްޑް ކަޕްގައި މިރޭ ނުވައެއް ޖަހާއިރު ފަށާ މެޗުގައި ސްޕެއިން ނުކުންނާނީ ކޮސްޓަ ރީކާއާ ދެކޮޅަށެވެ. އޭގެފަހުން މިރޭ 12 ޖަހާއިރު ބެލްޖިއަމް އާއި ކެނެޑާ ވާދަކުރާނެ އެވެ.

މި ލިއުމާއި ގުޅޭ