ތުރުކީގެ ހުޅަނގުގެ ސަރަހައްދަކަށް 6.0 މެގްނިޓިއުޑުގެ ބިންހެލުމެއް އަތުވެއްޖެއެވެ.
ތުރުކީގެ ހުޅަނގުގެ ޑިސްޓްރިކްޓެއް ކަމަށްވާ ގޮލީކާއަށް އެރި މި ބިންހެލުމުގައި މިހާތަނަށް މީހަކު މަރުވެފައިނުވެއެވެ. އެކަމަކު 35 މީހުންނަށް އަނިޔާވެފައިވާ ކަމަށް ތުރުކީގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން ބައެއް ދަނޑުބިންތަކަށް ގެއްލުންވެ އެވަގުތު އެ ސަރަހައްދުން ކަރަންޓުވެސް ކެނޑުނެވެ. އެހެން ނަމަވެސް އިމާރާތްތަކަށް ބޮޑެތި ގެއްލުންވެފައިނުވެއެވެ.
ބިންހެލުމުގެ ސަބަބުން ގިނަ މީހުންނަށް އަނިޔާވީ، ބިންހެލުން އައި ބިރުން އިމާރާތްތަކުގެ ކުޑަދޮރުތަކުންނާއި ބެލްކަނީތަކުން މަގު މައްޗަށް ފުންމާލުމުގެ ސަބަބުންނެވެ. އޭގެ ތެރެއިން އެކަކުގެ ހާލު ސީރިއަސްއެވެ.
ތުރުކީގެ ވެރިރަށް އަންކާރާ އަދި ވިޔަފާރީގެ މަރުކަޒީ ރަށް އިސްތަންބޫލަށްވެސް ބިން ހެލުމުގެ އަސަރު ކޮންމެވެސް ވަރަކަށް ކުރިއެވެ.
1999 ވަނަ އަހަރު ތުރުކީގެ ގޮލްކަޔާ އަށް އައި ބިންހެލުމެއްގައި 17،000 މީހުން މަރުވިއެވެ.
ތުރުކީ އޮންނަ ސަރަހައްދަށް ވަރަށް ގިނައިން ބިންހެލުންތައް އާދެއެވެ.