Saturday 25th Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޣައްސާން މައުމޫން

ސަރުކާރުން ޚަރަދުކުޑަކުރަން ހުށަހަޅާފައިވަނީ ރައްޔިތުންނަށް ދޭ ފައިސާ މަދުކޮށްގެން: ޣައްސާން

އަންނަ އަހަރު ސަރުކާރުގެ ޚަރަދުކުޑަކުރަން ސަރުކާރުން ހުށަހަޅާފައިވާ ކަންކަމަކީ ދައުލަތުން ރައްޔިތުންނަށް ދޭ ފައިސާ މަދުކޮށްގެން ޚަރަދުކުޑަކުރަން ހުށަހަޅާފައިވާ ކަންކަމަށް ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު ދިރާސާކޮށް ބަޖެޓު ކޮމިޓީން އެކުލަވައިލި ރިޕޯޓަށް ބަހުސްކުރައްވަމުން ޣައްސާން ވިދާޅުވީ ބައިނަލްއަޤުވާމީ މާލީ އިދާރާތަކުގެ ކަންބޮޑުވުންތަކާއެކު ބަޖެޓުގައި ސަރުކާރުގެ ޚަރަދު ކުޑަކުރުމަށް ކަންތައްތަކެއް ހިމަނާފައިވާ ކަމަށެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ބަޖެޓުގައި ޚަރަދުކުޑަކުރަން ހިމަނާފައިވާ ހުރިހާ ކަމަކީ ރައްޔިތުންނަށް ސަރުކާރުން ދޭ ފައިސާ މަދުކޮށްގެން ހޭދަކުޑަކުރަން ހިމަނާފައިވާ ކަންކަމެވެ. "އެގޮތުން މަސްވެރިންނަށް ދޭ ފިއުލް ސަބްސިޑީން 1 ބިލިއަން ރުފިޔާ، އާސަންދައިން 460 މިލިއަން ރުފިޔާ، ޕޭ ހާމަނައިޒޭޝަންގެ ނަމުގައި ސިވިލް ސާވިސް މުވައްޒަފުންގެ މުސާރައިން 1.6 ބިލިއަން ރުފިޔާ، ކަރަންޓު ސަބްސިޑީން 150 މިލިއަން ރުފިޔާ ޚަރަދު ކުޑަކުރަން ލިޔުއްވާފައިވޭ. އެކަމަކު މި ފައިސާ ހޯއްދަވަނީ ރައްޔިތުންގެ އަތުން ޓެކުސް ބޮޑުކުރައްވައިގެން،" ސަރުކާރުން ޚަރަދުކުޑަކުރަން ނިންމާފައިވާ ގޮތްތަކުގެ ތަފުސީލު ވިދާޅުވެދެއްވަމުން ޣައްސާން ފާހަގަކުރެއްވިއެވެ.

ޣައްސާން ފާހަގަކުރެއްވި ގޮތުގައި މި ސަރުކާރުގެ 4 އަހަރުގައިވެސް ދައުލަތުން ހުށަހެޅި މިންވަރުގެ ބޮޑެތި ބަޖެޓުތައް މަޖިލީހުން ފާސްކޮށްދީފައިވެއެވެ. ނަމަވެސް ފިސްކަލް ސިޔާސަތާއި މަނިޓަރީ ސިޔާސަތު މަސްހުނިކުރުމާއި، ދައުލަތަށް ލިބޭނެކަމަށް އަންދާޒާކުރި އާމްދަނީއާ ގާތަށް އެއްވެސް އަހަރެއްގައި އާމްދަނީ ނުލިބުމުގެ ސަބަބުން ފާއިތުވި 4 އަހަރުގައި އެވެރެޖުކޮށް ކޮންމެ އަހަރަކު 13 ބިލިއަން ރުފިޔާއިން ދަރަނިވެރިވެފައިވާކަމަށް ޣައްސާން ވިދާޅުވިއެވެ.

ދައުލަތުގެ ބަޖެޓަކީ އަންނަ އަހަރަށް ކުރަންޖެހޭ ޚަރަދުތަކާއި ލިބޭނެކަމަށް ލަފާކުރާ އާމްދަނީގެ ހިސާބުތައް އެކުލެވޭ ލިޔުމެއްކަމަށާއި، އެއީ ރާއްޖޭގެ އިޤުތިޞާދުގައި ރާއްޖެއާއި ބޭރުގެ އިންވެސްޓަރުން ހަރަކާތްތެރިވާންޖެހޭ ގޮތުގެ މަގު ޗާޓެއް ކަމުގައިވާތީ، އެ ބަޖެޓު އެކުލަވައިލުމާއި ފާސްކުރުމުގައި ހިފަހައްޓަންޖެހޭ މިންގަނޑުތައް ޤާނޫނު އަސާސީގައި ފާހަގަކޮށްފައިވާކަމަށް ޣައްސާން ވިދާޅުވިއެވެ.

މިހާރު ހުށަހަޅާފައިވާ ބަޖެޓަކީ 32 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެކަމަށް އަންދާޒާކުރާ ބަޖެޓެއްކަމުގައިވާއިރު، ދިވެހިރާއްޖޭގެ މުޅި ތާރީޚުގައިވެސް 30 ބިލިއަން ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ސަރުކާރަށް ލިބިފައި ނެތުމުން އަންނަ އަހަރު އެ އަދަދަށް އާމްދަނީ ލިބޭނެކަމާމެދު ޝައްކުވާކަމަށް އޭނާ ވިދާޅުވިއެވެ.

ޣައްސާން އިތުރަށް ފާހަގަކުރެއްވީ އަންނަ އަހަރު ޓެކުހުގެ ގޮތުގައި 23.5 ބިލިއަން ރުފިޔާ ލިބޭނެކަމަށް ބަޖެޓުގައި އަންދާޒާކޮށްފައިވާއިރު، ދުނިޔޭގެ އިޤުތިޞާދަށާއި ފަތުރުވެރިކަމަށް އައިސްފައިވާ ބަދަލުތަކާއި ހީނަރުކަމާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު މާކެޓުކަމުގައިވާ ޗައިނާ އަދިވެސް ބަންދުވެފައި އޮތުމުން އެ މިންވަރަށް ޓެކުހުގެ ގޮތުގައި އާމްދަނީ ނުލިބުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެއްކަމަށެވެ.

އަދި ހިލޭއެހީގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކޮށްފައިވާއިރު އޮޑިޓާ ޖެނެރަލްގެ ރިޕޯޓުގައިވެސް ކަންބޮވުމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ މި އަހަރަށް ލިބޭނެކަމަށް އަންދާޒާކުރި ހިލޭ އެހީގެ 8.5 އިންސައްތައެކަނި ލިބުން ފާހަގަކޮށްފައިވާ ޣައްސާން ވިދާޅުވިއެވެ.

ރިކަރަންޓު ޚަރަދު އިތުރުވަމުންދާ މިންވަރުތައް ފާހަގަކުރައްވައި ޣައްސާން ވިދާޅުވީ 28.6 ބިލިއަން ރުފިޔާ ނުވަތަ ދައުލަތުގެ މުޅި ޚަރަދުގެ 67 އިންސައްތަ ރިކަރަންޓު ޚަރަދަށް ހޭދަކުރަން ނިންމާފައިވާ ކަމަށެވެ. 2013 ވަނަ އަހަރު ރިކަރަންޓު ޚަރަދަށް ހޭދަކުރީ 15 ބިލިއަން ރުފިޔާކަމަށާއި 2018 ވަނަ އަހަރު އެ އަދަދު އިތުރުވީ 18 ބިލިއަން ރުފިޔާއަކަން ޣައްސާން ފާހަގަކުރެއްވިއެވެ. ރައީސް ޔާމީނުގެ ވެރިކަމުގެ ފަސް އަހަރުގައި ރިކަރަންޓު ޚަރަދަށް އިތުރުވީ ޖުމްލަ 3 ބިލިއަން ރުފިޔާކަމަށްވާއިރު މި ވެރިކަމުގެ 4 އަހަރުގައި ރިކަރަންޓު ޚަރަދަށް 10 ބިލިއަން ރުފިޔާ އިތުރުވެފައިވާކަން ޣައްސާން ފާހަގަކުރެއްވިއެވެ.

އަދި ފާއިތުވި 4 އަހަރުގައި ޖުމްލަ ފަސްދޮޅަސް ބިލިއަން ރުފިޔާ އެތެރޭގެ ބާޒާރުން ދަރަންޏަށް ނަގާފައިވާކަން ފާހަގަކުރައްވައި ޣައްސާން ވިދާޅުވީ އެއީ ދިވެހި ވިޔަފާރިތަކާއި ދިވެހިން ގެދޮރު ބިނާކުރުމަށް ލޯނު ދޫކުރަން ބޭންކުތަކުގައި ހުރި ފައިސާ ކަމަށެވެ. އެ ފައިސާ ނެގުމުގެ ސަބަބުން ދިވެހި އިޤުތިޞާދާމެދު ދިވެހިންނާއި ބޭރުގެ ފަރާތްތަކުގެ މެދުގައި އިތުބާރު ގެއްލި އެ މީހުންގެ ފައިސާ ބޭރަށް ގެންދާކަމަށް ޣައްސާން ވިދާޅުވިއެވެ.

ނަތީޖާއެއްގެ ގޮތުން މިހާރު ބޭރު ފައިސާގެ ޔޫޒަބަލް ރިޒާވްގައި ފައިސާ ހުރީ އެންމެ 45 ދުވަހަށް ފުދޭ މިންވަރަށް ކަމަށާއި، އެއީ ކަންބޮޑުވާންޖެހޭ އަދި ހައިރާންވާންޖެހޭ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޣައްސާން ވިދާޅުވި ގޮތުގައި ރައްޔިތުންނަށް އުންމީދެއް އޮތީ މިހާރު ސަރުކާރު ހިނގަމުންދާ މިސްރާބު ބަދަލުކޮށްގެން ކަމަށެވެ.

މި ލިއުމާއި ގުޅޭ