Saturday 10th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އިލްޔާސް ލަބީބް

އަންނަ އަހަރު ބަޖެޓުގެ ދަރަނި 20 ބިލިއަނަށް އަރާނެ: އިލްޔާސް

އަންނަ އަހަރު ބަޖެޓު ޑެފިސިޓު ނުވަތަ ޚަރަދާއި އާމްދަނީގެ ފަރަޤު ބޮޑުވުމުން ދަރަންޏަށް ހޯދަންޖެހޭ ފައިސާގެ އަދަދު 20 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވިދާޅުވެއްޖެއެވެ.

މި އަހަރުގެ ބަޖެޓުގެ ހިސާބުތަކަށް ހަވާލާދެއްވައި އިލްޔާސް މިފަދައިން ވިދާޅުވެފައިވަނީ އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު ދިރާސާކޮށް ބަޖެޓު ކޮމިޓީން ފޮނުވި ރިޕޯޓާމެދު ބަހުސްކުރައްވަމުން މިއަދު ދެއްކެވި ވާހަކަފުޅުގައެވެ.

އިލްޔާސްވަނީ އޭނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ހިސާބުތަކަށް މަޖިލީހުގެ މެންބަރުންގެ ތެރެއިން ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ނުވަތަ ސަރުކާރުން ރައްދު ދިނުމަށް ގޮންޖައްސަވާފައެވެ.

އެގޮތުން އިލްޔާސް ފާހަގަކުރެއްވީ މި އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި ޑެފިސިޓުގެ ގޮތުގައި 13 ބިލިއަން ރުފިޔާ ޖަހާފައި އޮތް ނަމަވެސް އަހަރު ނިމެންދަނިކޮށް ހުށަހެޅި އަންނަ އަހަރުގެ ބަޖެޓުގައި މި އަހަރު 17.3 ބިލިއަން ރުފިޔާގެ ފައިނޭންސް ހޯދަންޖެހޭކަމަށް ސަރުކާރުން ބުނެފައިވާ ކަމަށެވެ.

އަދި މި އަހަރުގެ ބަޖެޓުގައި ބޭރުގެ ފަރާތްތަކުން ލޯނާއި ސުކޫކު ވިއްކައިގެން ޖުމްލަ 5.9 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލިޔެފައި އޮތް ނަމަވެސް އަހަރު ނިމުނުއިރު ލިބޭނެކަމަށް މިހާރު ސަރުކާރުން ބުނަނީ އެންމެ 3.4 ބިލިއަން ރުފިޔާކަމަށް އިލްޔާސް ވިދާޅުވިއެވެ.

އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ދާޚިލީ ބާޒާރުން ދަރަންޏަށް 3.8 ބިލިއަން ރުފިޔާ ހޯދަން ނިންމާފައި އޮތް ނަމަވެސް އަހަރު ނިމޭއިރު ޖުމްލަ 12 ބިލިއަން ރުފިޔާ ދާޚިލީ ބާޒާރުން ދަރަންޏަށް ނަގަންޖެހޭކަން ބަޖެޓުން ފެންނަކަމަށް އިލްޔާސް ވިދާޅުވިއެވެ.

2023 ވަނަ އަހަރު ބަޖެޓުގައި އޮތީ އަންނަ އަހަރު ގާތްގަނޑަކަށް 12 ބިލިއަން ރުފިޔާ ދަރަންޏަށް ހޯދަންޖެހޭނެކަމަށް ކަމުގައިވީ ނަމަވެސް އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެ އަދަދު 20 ބިލިއަން ރުފިޔާއަށް އިތުރުވާނެކަމަށް ބެލެވޭ ކަމުގައި އިލްޔާސް ވިދާޅުވިއެވެ.

އެގޮތުން ބަޖެޓު ޑެފިސިޓު 20 ބިލިއަން ރުފިޔާއަށް އިތުރުވާނެ ސަބަބުކަމަށް އޭނާ ވިދާޅުވީ ފާއިތުވި ހަ އަހަރަށް ބަލާއިރު ކޮންމެ އަހަރަކުވެސް އަންދާޒާކުރާ މިންވަރަށްވުރެ ރިކަރަންޓު ޚަރަދު 2.5 ނުވަތަ 2.4 ބިލިއަން ރުފިޔާއިން އިތުރުވަމުންދާތީ، އަންނަ އަހަރުވެސް އެ މިންވަރަށް ރިކަރަންޓު ޚަރަދު އިތުރުވާނެކަމަށް ބެލެވުމެވެ.

އޭގެ އިތުރަށް އިލްޔާސް ފާހަގަކުރެއްވީ 3 ބިލިއަން ރުފިޔާ ސަބްސިޑީއާއި އާސަންދައިގެ ޚަރަދުން ކުޑަކުރަން ނިންމާފައިވާއިރު، މިހާތަނަށް އެކަން ކުރުމަށް ސަރުކާރުން ތަންފީޒުކުރީ ކޮން ކަމެއްތޯ އޭނާ ސުވާލުކުރެއްވިއެވެ. އެގޮތުން އަންނަ އަހަރަކީ އިންތިޚާބުގެ އަހަރެއް ކަމުގައިވާއިރު އަންނަ އަހަރު ސަބްސިޑީއާއި އާސަންދައިގެ ޚަރަދު ކުޑަކުރެވޭނެކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭގެ އިތުރަށް 6 ބިލިއަން ރުފިޔާ ބޭރުގެ ފަރާތްތަކުން ހޯދަން ނިންމާފައިވާއިރު، ފާއިތުވި ހަ އަހަރުގެ ތެރޭގައިވެސް ހޯދަން ނިންމާ ބޭރު ފައިނޭންސިންގެ 50 އިންސައްތަވެސް ނުލިބޭކަމަށާއި، އެހެންކަމުން ލިބޭނީ 3 ބިލިއަނެއްހައި ރުފިޔާކަމަށް ބެލެވޭ ކަމުގައި އިލްޔާސް ވިދާޅުވިއެވެ.

އެހެންކަމުން މި ހުރިހާ ކަމަކަށް ބަލާއިރު 20 ބިލިއަން ރުފިޔާއިން ޑެފިސިޓުވާނެކަމަށް ބެލެވޭ ކަމަށާއި، ބޭރުން ދަރަނި ނަގަން ބަލާއިރު ރާއްޖޭގެ ދަރަނި ބޮޑުވުމުން ބޭރުން ދަރަންޏަށް ފައިސާ ހޯދަން ދަތިވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ