މި އަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓުގެ ދަރަނި 8.5 ބިލިއަން ރުފިޔާއަށް އަރާފައިވާކަން ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން ކޮންމެ ހަފުތާއަކު އެއްފަހަރު އާންމުކުރަމުންދާ ދައުލަތުގެ އާމްދަނީއާއި ޚަރަދުގެ ހިސާބުތަކަށް ބަލާއިރު ހިނގަމުންދާ ނޮވެންބަރު މަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި 23.6 ބިލިއަން ރުފިޔާ ލިބިފައިވެއެވެ.
މި އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ނޮވެންވަރު 17 ވަނަ ދުވަހާ ހަމައަށް އާމްދަނީގެ ގޮތުގައި 23.6 ބިލިއަން ރުފިޔާ ލިބުނުއިރު އާމްދަނީގެ ބޮޑު ބަޔަކީ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީއެވެ. ޓެކުހުގެ ގޮތުގައި 16.9 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ޓެކުސް ނޫން ގޮތްގޮތުން ލިބިފައިވަނީ 6.5 ބިލިއަން ރުފިޔާއެވެ.
އަދި އެ މުއްދަތުގައި ދައުލަތުންވަނީ ޖުމްލަ 32.2 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އެ ފައިސާގެ ތެރެއިން 23.6 ބިލިއަން ރުފިޔާއަކީ ދުވަހުން ދުވަހަށް ކުރަންޖެހޭ ޚަރަދުތައް ނުވަތަ ރިކަރަންޓު ޚަރަދުތަކަށް ހޭދަކުރި ފައިސާއެވެ. އަދި ކެޕިޓަލް ޚަރަދުތަކަށް ޚަރަދުކޮށްފައިވަނީ ޖުމްލަ 8.5 ބިލިއަން ރުފިޔާއެވެ.
އެއާއެކު މިހާތަނަށް ދައުލަތުގެ ބަޖެޓު ޑެފިސިޓުވަނީ 8.5 ބިލިއަން ރުފިޔާއަށް އަރާފައެވެ. މި ފައިސާއަކީ ލިބުނު އާމްދަނީގެ އިތުރަށް ޚަރަދުކުރުމަށް ބޭރުންނާއި އެތެރެއިން ދަރަންޏަށް ނަގާފައިވާ ފައިސާއެވެ.
މި ސަރުކާރުން މިހާތަނަށް ނަގާފައިވާ ޖުމްލަ ދަރަނީގެ ހިސާބުތަކަށް ބަލާއިރު ބޭރުން 32 ލޯނެއް ނަގާފައިވެއެވެ. އެ ލޯނުތަކަށް ގާތްގަނޑަކަށް 40 ބިލިއަން ރުފިޔާ ސަރުކާރުން ނަގާފައިވެއެވެ.
އަންނަ އަހަރަށް 42 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު އެ ބަޖެޓަކީވެސް 8.5 ބިލިއަން ރުފިޔާއިން ޑެފިސިޓުވާ ބަޖެޓެކެވެ. އަދި މި އަހަރެކޭ އެއްފަދައިން ބޮޑު އަދަދެއް ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާއިރު އެ ފައިސާ ނުލިބިއްޖެނަމަ އަންނަ އަހަރުގެ ބަޖެޓު ޑެފިސިޓު އަންދާޒާކުރާ މިންވަރަށްވުރެ ބޮޑުވުމަކީ އެކަށީގެންވާ ކަމެއްކަމަށް މާލީ އިދާރާތަކުން ފާހަގަކުރެއެވެ.