Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު އީވާ ޢަބްދުﷲ

ކިއްލި ތެޅުމާއި ބިއުޓީ ޕާލާ ހިންގުން ނޫން ހުރިހާ ވިޔަފާރިއެއްގެ ތެރެއަށް ސަރުކާރުން ވަދެއްޖެ: އީވާ

ކިއްލި ތެޅުމާއި ބިއުޓީ ޕާލާ ހިންގުމާއި ހެދިކާ ހެދުން ނޫން ހުރިހާ ވިޔަފާރިއެއްގެ ތެރެއަށް ދައުލަތުގެ ކުންފުނިތައް ވަދެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އީވާ ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު ދިރާސާކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީން އެކުލަވައިލި ބަޖެޓު ރިޕޯޓަށް ބަހުސްކުރައްވަމުން އީވާ ވިދާޅުވީ ދައުލަތުގެ ކުންފުނިތައް ބޮޑުވަމުން ގޮސް ކިއްލި ތެޅުމާއި ހެދިކާ ހެދުމާއި ބިއުޓީ ޕާލާ ހިންގުން ފިޔަވައި ހުރިހާ އަމިއްލަ ވިޔަފާރިތަކުގެ ތެރެއަށް ވަދެފައިވާ ކަމަށެވެ. އަދި އެއީ އެމްޑީޕީގެ އެންމެ އަސާސީ ވިސްނުމާ ޚިލާފަށް ސަރުކާރު ވިޔަފާރިކުރުން ކަމަށެވެ.

އަދި ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް މުސާރަ ދިނުމަށްފަހު އިޤުތިޞާދު ހަމަޖެހިއްޖެކަމަށް ބުނާއިރު އަމިއްލަ ކުންފުނިތަކުންވެސް އެ ކުންފުނިތަކުގެ މުވައްޒަފުންނަށް މުސާރަ ދޭން އާމްދަނީއާއި ވިޔަފާރި ފައިދާ ބޭނުންވާނެ ކަމަށް އީވާ ވިދާޅުވިއެވެ.

"އެ މީހުންގެ [އަމިއްލަ ވިޔަފާރިތައް] ހުރިހާ މަސައްކަތެއް ސަރުކާރު ކުންފުނިތަކަށް ނަގާފައި މި ބުނަނީ އިޤުތިޞާދު ހަމައަކަށް އަޅުވައިފީމޭ،" އީވާ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ސަރުކާރު ކުންފުނިތަކުން އުފައްދަމުންދަނީ ސިޔާސީ ވަޒީފާތައް ކަމަށާއި، އެކަން ކުރަނީ ދެވަނަ ދައުރެއް ހޯދަން ކަމަށާއި، އެ އުޅެނީ އިޤުތިޞާދު ހަމަޖައްސަން ނޫން ކަމަށެވެ.

އިތުރަށް އީވާ ވިދާޅުވީ ސަރުކާރުން ލިބޭނެކަމަށް އަންދާޒާކުރާ ހިލޭ އެހީގެ 10 އިންސައްތަވެސް ނުލިބުމުން ސަރުކާރުން މަޝްރޫޢުތައް ހިންގަނީ ދާޚިލީ ބާޒާރުން ފައިސާ ދަރަންޏަށް ހޯދައިގެން ކަމަށެވެ. ރާއްޖޭގެ ބޭންކުތަކުން ފައިސާ އެގޮތަށް ނެގުމުން ގެއްލެނީ އަމިއްލަ ވިޔަފާރިތައް ކުރިއަރުވަން ދޫކުރަން ބޭންކުތަކުގައި ހުންނަ ފައިސާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މެދު ރާސްތާގައި އަދި ދިގު ރާސްތާގައި އިޤުތިޞާދު ހަމަޖެއްސުމަކީ އަމިއްލަ ވިޔަފާރިތަކަށް ހިންދެމިލެވޭނެ ގޮތްވުންކަން ފާހަގަކުރައްވައި އީވާ ވިދާޅުވީ އެގޮތަށް އެކަން ނުކުރެވޭނަމަ އިޤުތިޞާދީ ހަމަޖެހުމެއް ނެތް ކަމަށެވެ.

ބަނދަރާއި ނަރުދަމާއަކީ އަސާސީ ޙައްޤެއްކަމަށް ވިދާޅުވެ އީވާ ފާހަގަކުރައްވާފައިވަނީ އެކަންކަމުގެ މުހިއްމުކަން އެއްވެސް މީހަކަށް ނުއޮޅޭނެ ކަމަށެވެ. ނަމަވެސް ހަދާ ކޮންމެ ބަނދަރަކާއެކު އަސްލު އެމްޑީޕީގެ ވައުދެއް ފުއްދަންޖެހޭނެ ކަމަށްވެސް އީވާ ވިދާޅުވިއެވެ. އެގޮތުން އެމްއެމްޕީއާރުސީ ޚިޔާނާތުގައި ގެއްލުނު ފައިސާ އަނބުރާ ހޯދުމާއި ގެއްލުވާލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟްވާނާއި، މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދަށް އިންސާފު ހޯދައިދިނުމާއި، ވެންޓިލޭޓަރުގެ ޚިޔާނާތުގައި ގެއްލުނު ފައިސާ ހޯދަން މަސައްކަތްކުރަންޖެހޭ ކަމަށް އީވާ ވިދާޅުވިއެވެ.

އަދި ސަރުކާރެއް ފާޑުކިޔާ ކޮންމެ މީހަކީ ހަސަދަވެރިވާ މީހެއްކަމަށް ސަރުކާރަށް ތާއީދުކުރާ މެންބަރުން ވިދާޅުވާތީ އެކަމަށްވެސް އީވާ ފާޑުވިދާޅުވެއެވެ. އެގޮތުން އެމްއެމްއޭއާއި އޭސީސީއާއި ޓްރާންސްޕޭރެންސީވެސް ހަސަދަވެރިވަނީ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ލިއުމާއި ގުޅޭ