Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވޯލްޑް ކަޕް

ފުރަތަމަ މެޗުން ޗެމްޕިއަން ފްރާންސަށް ބޮޑު މޮޅެއް

ފީފާ ވޯލްޑް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް މިފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި މިރޭ 4-1 އިން އޮސްޓްރޭލިއާ ބަލިކޮށްފި އެވެ.

ފްރާންސް ވޯލްޑް ކަޕަށް ނުކުތީ އަނިޔާގެ ސަބަބުން މުހިއްމު ގިނަ ކުޅުންތެރިންތަކެއް ނުލަ އެވެ. އޭގެތެރޭގައި އެންމެ ފަހުގެ ބެލޮންޑިއޯ އެވޯޑް ހޯދި ކަރީމް ބެންޒެމާ އާއި އެންގޯލޯ ކާންޓޭ އަދި ޕައުލް ޕޮގްބާ ހިމެނެ އެވެ.

މެޗުގެ ފުރަތަމަ ގޯލު ޖެހީ އޮސްޓްރޭލިއާ އިންނެވެ. ނުވަ ވަނަ މިނެޓުގައި މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ކްރެއިގް ގުޑްވިން އެވެ. އޮސްޓްރޭލިއާގެ ގޯލަށް ފަހު ފްރާންސްގެ އެޓޭކުތައް ވަރުގަދަކުރި އެވެ. އަދި ފުރަތަމަ ގޯލު ޖެހުމުގެ ކުރިން ބައެއް ފުރުސަތުތައް ލިބި ބޭކާރުވި އެވެ.

ފްރާންސުން ނަތީޖާ ހަމަހަމަކުރީ 27 ވަނަ މިނެޓުގައި އެޑްރިއަން ރަބިއޯ ޖެހި ލަނޑުންނެވެ. މިއީ އަނިޔާވެގެން ބޭލި ލޫކަސް ހެނާންޑޭޒްގެ ބަދަލުގައި ކުޅެން އެރި ތިއޯ ހެނާންޑޭޒްގެ ހުރަހަކުން ބޮލުން ރަބިއޯ ޖެހި ލަނޑެކެވެ. ފްރާންސްގެ ދެވަނަ ލަނޑު ރަބިއޯގެ ހުރަހަކުން 32 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އޮލިވިއޭ ޖިރޫޑް އެވެ.

ދެވަނަ ހާފުގައި ފްރާންސްގެ ލީޑު ފުޅާކޮށްދިން ލަނޑު 68 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކިލިއަން އެމްބާޕޭ އެވެ. ފްރާންސްގެ ފަހު ލަނޑު 71 ވަނަ މިނެޓުގައި ޖެހީ ޖިރޫޑް އެވެ.

ޖިރޫޑްގެ ދެ ގޯލާ އެކު އޭނާ މިވަނީ ފްރާންސަށް އެންމެ ގިނަ ގޯލު ޖަހައިދިން ތިއެރީ އޮންރީގެ ރެކޯޑާ ހަމަކޮށްފަ އެވެ. އޮންރީ އާއި ޖިރޫޑް ލަނޑު ލިސްޓުގެ އެއްވަނައިގައި އޮތީ 51 ގޯލާ އެކު އެވެ. އިތުރު ގޯލެއް ޖަހައިގެން ފްރާންސްގެ ލަނޑު ލިސްޓުގެ އެއްވަނަ ޖިރޫޑަށް ލިބޭނެ އެވެ.

ވޯލްޑް ކަޕްފައި މާދަމާ ވެސް ހަތަރު މެޗު ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މޮރޮކޯ އާއި ކްރޮއޭޝިއާ އެވެ. ދެވަނަ މެޗުގައި ޖަރުމަނާއި ޖަޕާން ވާދަކުރާއިރު ތިންވަނަ މެޗުގައި ސްޕެއިން ނުކުންނާނީ ކޮސްޓަ ރީކާއާ ދެކޮޅަށެވެ. މާދަމާ ރޭ ދަންވަރު ކުޅޭ މެޗުގައި ވާދަކުރާނީ ބެލްޖިއަމް އާއި ކެނެޑާ އެވެ.

މި ލިއުމާއި ގުޅޭ