Wednesday 7th Dec 2022
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވޯލްޑް ކަޕް

ލެވަންޑޯސްކީގެ ޕެނަލްޓީ ބޭކާރުވެ ޕޮލެންޑާއި މެކްސިކޯ އެއްވަރު

ކެޕްޓަން ރޮބާޓް ލެވަންޑޯސްކީ ޖެހި ޕެނަލްޓީ ވައްދާނުލެވި ފީފާ ވޯލްޑް ކަޕްގައި މިރޭ ޕޮލެންޑާއި މެކްސިކޯ ކުޅުނު މެޗު 0-0 އިން އެއްވަރު ވެއްޖެ އެވެ.

ވޯލްޑް ކަޕްގެ ގްރޫޕް ޑީގައި މިރޭ ޑެންމާކާއި ޓިއުނީޝިއާ ކުޅުނު މެޗު ވެސް ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. ގްރޫޕް ޑީގައި ޕޮލެންޑާއި މެކްސިކޯގެ އިތުރުން ހިމެނެނީ އާޖެންޓީނާ އާއި ސައުދީ އަރަބިއާ އެވެ. މިއަދު ސައުދީ އަރަބިއާ އިން ވަނީ 1-2 އިން އާޖެންޓީނާ ބަލިކޮށްފަ އެވެ.

މިރޭގެ މެޗުގައި ގޯލެއް ޖަހައި ނަތީޖާ އަނބުރާލަން ދެޓީމުން ވެސް މަސައްކަތްކުރި އެވެ. މެޗުގެ ފުރަތަމަ ހާފުގައި ބޮޑަށް ފެނުނީ މެކްސިކޯ އިން މޮޅަށް ކުޅުނު ތަނެވެ. އެކަމަކު ލިބުނު ފުރުސަތު އެޓީމަށް ގޯލަކަށް ބަދަލެއް ނުކޮށްލެވުނެވެ.

މެޗުގެ ދެވަނަ ހާފުގައި ޕޮލެންޑަށް ރެފްރީ ޕެނަލްޓީ ދިނީ މެކްސިކޯގެ ހެކްޓާ މޮރޭނޯ ލެވަންޑޯސްކީ އަށް ކުރި ފައުލަކަށެވެ. ރެފްރީ އެންމެ ފުރަތަމަ ޕެނަލްޓީ ނުދިން ނަމަވެސް ފަހުން ވީއޭއާރު ބެލުމަށް ފަހު ނިންމީ އެއީ ޕެނަލްޓީއެއް ކަމަށެވެ.

ލެވަންޑޯސްކީ ގޯލުގެ ތިރީ ކަނަށް ފޮނުވާލި ޕެނަލްޓީ މެކްސިކޯގެ ގޯލްކީޕަރު ގުއިލޭމޯ އޮޗޯއާ ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ. އޮޗޯއާ އަކީ ވޯލްޑް ކަޕްގައި އަބަދުވެސް ތަފާތު މޮޅު ކުޅުމެއް ދައްކާ ކީޕަރެކެވެ.

މެޗުގެ ފަހުކޮޅު ދެޓީމުން ވެސް މޮޅަށް ހޯދަން ކުރި މަސައްކަތުގައި އެޓޭކުތައް ތަނަވަސްކުރި އެވެ. އެކަމަކު ގޯލު ޖެހުމުގައި ދެޓީމު ވެސް ފެނުނީ ދަށްކޮށެވެ.

މުހިއްމު މެޗެއްގައި ޕެނަލްޓީ ބޭކާރުވުމާ އެކު ވޯލްޑް ކަޕް ގޯލަކަށް ލެވަންޑޯސްކީ ކުރާ އިންތިޒާރު މިވަނީ ދިގުވެފަ އެވެ. ކެރިއަރުގައި 600 އަށް ވުރެ ގިނަ ގޯލު ޖެހި ނަމަވެސް ވޯލްޑް ކަޕްގައި ލެވަންޑޯސްކީ އަށް އަދި ގޯލެއް ޖެހޭގޮތެއްނުވެ އެވެ.

މި ލިއުމާއި ގުޅޭ