މަގުމައްޗަށް އޭނާގެ ބެލުމުގެ ދަށުގައި ހުރި ގެރިތަކެއް ދޫކޮށްލި އިންޑިއާ މީހެއްގެ މައްޗަށް އެ ޤައުމުގެ ގުޖުރާތުގެ
ގެރިތައް މަގުމައްޗަށް ދޫކޮށްލައި މީހުންގެ ފުރާނައަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާކަމުގެ ކުށް ސާބިތުވުމުން ހަ މަސްދުވަހުގެ ޖަލު ހުކުމެއް ގުޖުރާތުގެ ކޯޓުން އިއްވާފައިވަނީ ޕްރަކާޝް ޖައިރަމް ޑެސައި ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ.
ގުޖުރާތު ހިމެނޭހެން އިންޑިއާގެ ގިނަ ސްޓޭޓުތަކެއްގެ ބޮޑެތި ޝަހަރުތަކާއި ކުދި އަވަށްތަކުގެ ތެރެއަށް ގެރިބަކަރި ދޫކޮށްލާ މައްސަލަ އަންނަނީ ބޮޑުވަމުންނެވެ. ކޯޓުން ބުނީ މި މައްސަލާގައި ދިން އަދަބަކީ މިފަދައިން ގެރިބަކަރި ދޫކޮށްލާ މައްސަލަ ބޮޑުވަމުން އަންނާތީ ދިން އަދަބެއް ކަމަށެވެ.
އިންޑިއާގެ އަޣުލަބިއްޔަތު ހިންދޫންނަށް ގެރިއަކީ މުޤައްދަސް އެއްޗެކެވެ. އެހެންކަމުން ގުޖުރާތު ހިމެނޭހެން އިންޑިއާގެ 18 ސްޓޭޓެއްގައި ގެރި ކަތިލުމަކީ ޤާނޫނީ ކުށެކެވެ. އަދި 2017 ވަނަ އަހަރުގައި ގުޖުރާތުންވަނީ އެ ސްޓޭޓުގެ ގެރި ހިމާޔަތްކުރާ ޤާނޫނުތައް ހަރުކަށިކޮށް ގެރި ކަތިލާ މީހުން އުމުރަށް ޖަލަށް ލުމަށް ޤާނޫނު އިސްލާހުކޮށްފައެވެ.
މިކަމުގެ ނަތީޖާއަކަށްވީ ގެރީގެ އާބާދީ ބޮޑުވެ ގިނަ އަދަދަކަށް ގެރި މަގުތައް މައްޗަށް ދޫވެ އެ ތަކެތީގެ ސަބަބުން މީހުންނަށް ތަފާތު އުދަގޫތައް ކުރިމަތިވުމެވެ. މި މައްސަލާގައި ކޯޓުން ނެރުނު ހުކުމުގައި ކޯޓުން ބުނެފައިވަނީ މަގުމަތީގައި ގެރިތައް ދޫކޮށްލުމުގެ ސަބަބުން ގިނަ ބަޔަކު މަރުވެފައިވެ އަދި ބައެއް މީހުންނަށް ބޮޑެތި އަނިޔާތައް ލިބިފައިވާ ކަމަށެވެ.
މި އަހަރުގެ ކުރީ ކޮޅުގައި އިންޑިއާގެ ގިނަ ސްޓޭޓުތަކެއްގައި ގެރިތަކަށް ޖެހޭ ހަމުގެ ބައްޔެއް ފެތުރެން ފެށުމުގެ ސަބަބުން ވަރަށް ގިނަ އަދަދަކަށް ގެރި މަރުވެފައިވެއެވެ. އެގޮތުން ގުޖުރާތުން ބުނެފައިވަނީ އެ ބަލީގެ އަސަރު 170،000 ގެރިއަށް ކުރިއިރު 5،800 ގެރި އެ ބަލީގައި މަރުވެފައިވާ ކަމަށެވެ.
ގުޖުރާތު ސަރުކާރުން ފޯރުކޮށްދޭން ވައުދުވީ އެހީތެރިކަން ނުލިބޭކަމަށް ބުނެ ސެޕްޓެންބަރު މަހުގައި ގެރި ޝެލްޓަރުތައް ހިންގާ ޗެރިޓީ ޓްރަސްޓުތަކުންވަނީ އެތައް ހާސް ގެރިއެއް މަގުތައް މައްޗަށް ދޫކޮށްލާފައެވެ.