Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޖީއެސްޓީ

އަންނަ އަހަރުން ފެށިގެން ރައްޔިތުންގެ އަތުން ނަގާ ޓެކުސް ބޮޑުކުރާ ބިލު ތަސްދީގުކުރައްވައިފި

އަންނަ އަހަރުގެ 1 ވަނަ ދުވަހުން ފެށިގެން މުދަލާއި ޚިދުމަތުގެ އަގުންނާއި ފަތުރުވެރިކަމުގެ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކުސް ބޮޑުކުރުމަށް ސަރުކާރުން ހުށަހަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލު މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ތަސްދީގުކުރައްވައިފިއެވެ.

ސަރުކާރުން ހުށަހެޅި ގޮތަށް ޓެކުސް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ޖީއެސްޓީގެ ގޮތުގައި މިހާރު ނަގާ %6 އިން %8 އަށް ބޮޑުކުރުމަށެވެ. އަދި މިހާރު ޓީޖީއެސްޓީ ނަގާ ރޭޓު 12 އިންސައްތައިން 16 އިންސައްތައަށް ބޮޑުކުރަން ނިންމާފައިވެއެވެ.

ޓެކުސް ބޮޑުކުރުމަށް ސަރުކާރަށް ތާއީދުކުރާ މަޖިލީހުގެ މެންބަރުންގެ އަޣުލަބިއްޔަތުން ނިންމާފައިވަނީ ޓެކުސް ބޮޑުކުރުމާ ދެކޮޅަށް ގިނަ ވިޔަފާރިވެރިން ވާހަކަދައްކާފައިވަނިކޮށެވެ. އެގޮތުން މަޓާޓޯއާއި މަޓީއާއި ގެސްޓްހައުސް އެސޯސިއޭޝަނުންވެސް ބުނެފައިވަނީ ޓީޖީއެސްޓީ ބޮޑުކުރުން އަންނަ އަހަރު ފަތުރުވެރިން ރާއްޖެއަށް އަންނަ މިންވަރު މަދުވާނެ ކަމަށެވެ.

އެގޮތުން އެ ޖަމްއިއްޔާތަކުގެ ތެރެއިން މަޓާޓޯއިން ފާހަގަކޮށްފައިވަނީ އެ ޖަމްއިއްޔާއިން 300 ޓުއާ އޮަޕަރޭޓަރުން ޝާމިލުކޮށްގެން ހެދި ދިރާސާއިން ފެންނަ ގޮތުގައި، ޓެކުސް ބޮޑުކުރުމުން އަންނަ އަހަރު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު 10 އިންސައްތަ މަދުވާނެ ކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު ބޮޑުވެ ރާއްޖޭގައިވެސް ތަކެތީގެ އަގު އުފުލެމުންދާ ދަނޑިވަޅެއްގައި ޓެކުސް ބޮޑުކުރުމާ ދެކޮޅަށް އެމްޑީޕީގެ މެންބަރުންގެ ތެރެއިން ރައީސް މުޙައްމަދު ނަޝީދަށް ތާއީދުކުރައްވާ މެންބަރުން ވާހަކަދެއްކެވިއެވެ. އަދި ޓެކުސް ބޮޑުކުރުމުން ރައްޔިތުންނަށް ދަތިވާނެކަން އިދިކޮޅުންވެސް ފާހަގަކޮށް މިއީ ޓެކުސް ބޮޑުކުރަން އެންމެ ރަނގަޅު ދަނޑިވަޅު ނޫންކަމަށް ބުނެފައިވެއެވެ.

މި ޤާނޫނު މަޖިލީހުން ފާސްކޮށްފައިވަނީ މަޖިލީހުގެ އެމްޑީޕީގެ މެންބަރުންގެ ތެރެއިން ސަރުކާރަށް ވަފާތެރި މެންބަރުންގެ ވޯޓާއެކުއެވެ. ކޯލިޝަނުގެ އެހެން ޕާޓުނަރުންވެސްވަނީ މި ޤާނޫނަށް ވޯޓު ދިނުމަށް ދެކޮޅުހަދާފައެވެ.

މި ލިއުމާއި ގުޅޭ