ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމުވެ ތިބި އިންޑިއާ ސިފައިންގެ އަދަދާއި އެ މީހުންނަށް ދިވެހި ދައުލަތުން ކުރާ ޚަރަދުގެ ތަފުސީލު ހޯދަން "ދިޔަރެސް" ނޫހުން އެދުމުން އެ މައުލޫމާތު ނުދިނުމަށް ޑިފެންސް މިނިސްޓްރީން ނިންމި ނިންމުން، އިންފޯމޭޝަން ކޮމިޝަނަރުގެ އޮފީހުގައި އިލްތިމާސްކުރުމުން އެ މައުލޫމާތަކީ ހާމަކުރަންޖެހޭ މައުލޫމާތެއް ނޫންކަމަށް ކޮމިޝަނަރު ނިންމެވި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލައިގެ އަޑުއެހުމެއް މިއަދު ހައިކޯޓުގައި އޮންނާނެއެވެ.
މި މައްސަލައިގެ އަޑުއެހުމެއް ބާއްވަން އެންމެ ފުރަތަމަ ތާވަލުކުރީ ފާއިތުވި 2021 ވަނަ އަހަރުގެ މާޗު މަހުގެ 3 ވަނަ މަހުގައެވެ. ނަމަވެސް އެ އަޑުއހުން ފަހުން ކެންސަލުކުރީ ކުއްލި ގޮތަކަށް އެ އަޑުއެހުން ކެންސަލްކުރާ ސަބަބެއް ހާމަކުރުމަކާ ނުލަައެވެ.
މި މައްސަލަ ހައިކޯޓަށް އެންމެ ފުރަތަމަ ހުށަހެޅުނީ 2020 ވަނަ އަހަރުގެ ތެރޭގައެވެ. 2020 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 8 ވަނަ ދުވަހު ހައިކޯޓުން މައްސަލަ ބަލައިގަނެ 2021 ވަނަ އަހަރުގެ މާޗު މަހުގެ 22 ވަނަ ދުވަހަށް މައްސަލައިގެ ފުރަތަމަ އަޑު އެހުން ތާވަލުކުރިއެވެ.
މި މައްސަލާގައި އެންމެ ފަހުން އޮތް އަޑުއެހުމުގައި "ދިޔަރެސް"ގެ ނޫސްވެރިޔާ އަޙްމަދު އަޒާންވަނީ އެ މައްސަލައިގެ އަޑުއެހުންތައް ވަގުތުން ދުރަށް ދައްކައިގެން ކުރިއަށްގެންދަން އެދިފައެވެ. އަދި ހައިކޯޓުގައި މައްސަލަ ބައްލަވާ ފަނޑިޔާރުންވަނީ އެ މައްސަލަ ލައިވްކޮށްގެން ކުރިއަށްގެންދިއުމާމެދު އިންފޯމޭޝަން ކޮމިޝަނަރުގެ އޮފީހުން ދެކޭ ގޮތްވެސް އޮޅުންފިލުވައިފައެވެ.
އައިކޮމްގެ އިއުތިރާޒެއް ނެތުމުން އެ އަޑުއެހުމުގައި ހައިކޯޓުން ނިންމާފައިވަނީ ދެން އޮންނަ އަޑުއެހުމެއް ލައިވްކޮށްގެން ކުރިއަށްގެންދާށެވެ. އެހެންކަމުން މިއަދު އޮންނަ އަޑުއެހުން ކުރިއަށްގެންދާނީ ލައިވްކޮށްގެންނެވެ. މިއަދު އަޑުއެހުން ތާވަލުކޮށްފައިވަނީ މެންދުރުފަހު 1:45 އަށެވެ.