މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އަޒާމް ރަފީ އުސްމާނީ އަވަހާރަވެއްޖެއެވެ.
މުފްތީ ރަފީ އަކީ ޕާކިސްތާނުގެ ކަރާޗީގެ ޖާމިޔައް ދާރުލް އުލޫމްގެ ރައީސްއެވެ. އެބޭފުޅާ އަވާހަރަވީ މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގައެވެ. އަދި ޖަނާޒާ އޮތީ މިދިޔަ އާދީޢްތަ ދުވަހުގައެވެ. ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި މި ޖަނާޒާގައި އިމާމުވެ ނަމާދުކުރެއްވީ ރަފީގެ އެއްބަނޑު އެއްބަފާ ކޮއްކޮ މުފްތީ ތަޤީ އުސްމާނީއެވެ. ތަޤީ އުސްމާނީ އަކީ އިސްލާމިކް ފައިނޭންސްގެ ދާއިރާގެ ދުނިޔޭގެ އެންމެ މަތީ ފަންތީގެ އިލްމުވެރިއެކެވެ.
މުފްތީ ރަފީ އުފަންވެވަޑއިގަތީ 1936 ވަނަ އަހަރު އިންޑިއާގެ ޑިއޯބޭންޑަށެވެ. އަދި އެބޭފުޅާގެ ބައްޕަ މުހައްމަދު ޝާފީ އަކީ ދާރުލް އުލޫމް ޑިއޯބޭންޑުގެ ކުރީގެ އެންމެ އިސް މުފްތީއެވެ. ޕާކިސްތާނު އުފެއްދުމަށް ހިންގުނު ހަރަކާތްތަކުގައި މުހައްމަދު ޝާފީ އިސް ދައުރެއް އަދާކުރެއްވިއެވެ.
ޕާކިސްތާނުގައި އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވެސް މުފްތީ ރަފީ ދީނީ އެކި މައުޟޫތަކަށް ލިޔުއްވާފައިވާ ފޮތްތައް ބޭނުންކުރެވެއެވެ.