Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

އީރާން ބަލިކޮށް އިންގްލެންޑަށް އުފާވެރި ފެށުމެއް

ފީފާ ވޯލްޑް ކަޕްގެ ގްރޫޕް ބީގައި މިރޭ އީރާން 2-6 އިން ބަލިކޮށް އިންގްލެންޑް ވަރުގަދަކޮށް ފަށައިފި އެވެ.
އީރާންއާ ދެކޮޅަށް އިންގްލެންޑުން މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދި އެވެ. އީރާނަށް މެޗުގައި މައްސަލަތައް ކުރިމަތިވީ އެއް ނަންބަރު ގޯލްކީޕަރު އަލީރެޒާ ބެއިންވަންރަންޑަށް އަނިޔާވެ ބަދަލުކުރަން ޖެހުމުންނެވެ. މެޗުގެ 20 ވަނަ މިނެޓުގައި އަލީރެޒާ ބަދަލުކުރީ ބޮލަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ. އަނިޔާވުމުން އަލީރެޒީ ފުރަތަމަ ބެލީ މެޗު ކުޅެވޭތޯ އެވެ. އެކަމަކު ކުރިއަށް ނުގެންދެވިގެން ބަދަލުކުރަން އެދުނީ އެވެ.

ފުރަތަމަ ހާފު އިންގްލެންޑް ނިންމާލީ ތިން ގޯލު ކުރީގައި އޮވެގެންނެވެ. ފުރަތަމަ ގޯލު 35 ވަނަ މިނެޓުގައި ލޫކް ޝޯ ނަގައިދިން ހުރަހަކުން ކާމިޔާބުކޮށްދިނީ ޖޫޑް ބެލިންހަމް އެވެ. މިއީ އުމުރުން 19 އަހަރުގެ މިޑްފީލްޑަރު އިންގްލެންޑުގެ ސީނިއާ ޓީމަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. ބެލިންހަމް އަކީ ވޯލްޑް ކަޕަށް އައުމުގެ ކުރިން ބޮރޫޝިއާ ޑޯޓްމަންޑުގައި ވެސް މޮޅަށް ކުޅެ ގިނަ ގޯލުތަކެއް ޖެހި ކުޅުންތެރިއެކެވެ.

އިންގްލެންޑުގެ ދެވަނަ ލަނޑު 44 ވަނަ މިނެޓުގައި ޖެހީ ބުކާޔޯ ސަކާ އެވެ. ޝޯ ނަގައިދިން ކޯނަރެއް ހެރީ މެގުއާ ބޮލުން ޖައްސާލުމުން، ސަކާ އަށް ލިބުނު ބޯޅަ ގޯލުގެ މަތީ ކަނަށް ވައްދާލީ އެއްފަހަރުން ޖަހަ އެވެ. އޭގެ މިނެޓެއް ފަހުން އިންގްލެންޑުގެ ތިންވަނަ ގޯލު ޖަހައިދިނީ ރަހީމް ސްޓާލިން އެވެ. އީރާންގެ ޑިފެންސް ރޫޅިފައި އޮތް ވަގުތު ހެރީ ކޭން ނަގަދިން ހުރަސް ސްޓާލިން ގޯލަށް ވައްދާލީ ހަމަޖެހިލާފަ އެވެ.

މެޗުގެ 62 ވަނަ މިނެޓުގައި އިންގްލެންޑުގެ ހަތަރު ވަނަ ގޯލު ވެސް ކާމިޔާބުކޮށްދިނީ ސަކާ އެވެ. އޭރިޔާ ތެރެއިން އީރާންގެ ޑިފެންސް ކުޅުންތެރިންނަށް އެއްވެސް ފުރުސަތެއް ނުދީ ސަކާ މި ގޯލު ވައްދާލީ ތިރިތިރިން ޖަހަ އެވެ.

އިންގްލެންޑުން ހަތަރު ވަނަ ގޯލު ޖެހިތާ ތިން މިނެޓު ފަހުން އީރާންގެ ފޯވާޑް މެހެދީ ތަރެމީ ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަކޮށްފަ އެވެ. އޭރިޔާ ތެރެއިން ލިބުނު ބޯޅަ ތަރެމީ ޖެހުމުން ގޯލަށް ވަނީ ހުރަސް ދަނޑީގައި ޖެހިފަ އެވެ.

އިންގްލެންޑުގެ ފަސް ވަނަ ގޯލު 70 ވަނަ މިނެޓުގައި ޖެހީ ބެންޗުން ކުޅެން އެރި މާކަސް ރަޝްފާޑް އެވެ. ކޭން ދިން ބޯޅައަކުން ރަޝްފާޑް މި ގޯލު ޖެހީ ކުޅެން އެރުމަށް ފަހު ލިބުނު ފުރަތަމަ ބޯޅައިގަ އެވެ. ބެންޗުން ކުޅެން އަރައި 50 ވަނަ ސިކުންތުގައި ރަޝްފާޑް ލަނޑު ޖެހުމާ އެކު އޭނާ ވެފައިވަނީ، ވޯލްޑް ކަޕްގެ ތާރީހުގައި ބެންޗުން އަރައި ތިން ވަނަ އަށް އެންމެ އަވަސް ގޯލު ޖެހި ކުޅުންތެރިޔާ އަށެވެ.

އިންގްލެންޑުގެ ފަހު ގޯލު 88 ވަނަ މިނެޓުގައި ޖެހީ ޖެކް ގްރީލިޝް އެވެ. ކައުންޓަ އެޓޭކެއްގައި ކަލުމް ވިލްސަން ނަގައިދިން ހުރަސް ގްރީލިޝް ހަމަޖެހިލާފައި ފޮނުވާލީ ހުސްކޮށް އޮތް ގޯލަށެވެ.

އީރާނުން ވަނީ މެޗުގެ ފަހުކޮޅު އިންގްލެންޑުގެ ގޯލަށް ނުރައްކާކޮށްފަ އެވެ. ބެންޗުން ކުޅެން އެރި އީރާންގެ އެއް ނަންބަރު ފޯވާޑް ސަރްދާރް އަޒްމޫނަށް އިތުރު ވަގުތުގައި ހުސްކޮށް ލިބުނު ބޯޅަ ފޮނުވާލުމުން އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އެކަމަކު މެޗުގެ ފަހު މިނެޓުގައި ލިބުނު ޕެނަލްޓީއެއް ވައްދާލައިގެން އީރާނުން ފަރަގު ކުޑަކުރި އެވެ. ޖޯން ސްޓޯންސް އީރާންގެ ކުޅުންތެރިއަކަށް ކުރި ފައުލަކަށް ރެފްރީ ދިން މި ޕެނަލްޓީ ވައްދާލީ ފުރަތަމަ ގޯލު ވެސް ޖެހި ތަރެމީ އެވެ.

ވޯލްޑް ކަޕްގައި މިރޭ އަދި ދެ މެޗު ކުޅޭނެ އެވެ. މިރޭ ނުވައެއް ޖަހާއިރު ކުޅޭ ގްރޫޕް އޭގެ މެޗުގައި ނެދަލެންޑްސް ނުކުންނާނީ ސެނެގޯލްއާ ދެކޮޅަށެވެ. ގްރޫޕް ބީގައި ހިމެނޭ ވޭލްސް އާއި އެމެރިކާ މެޗު ފަށާނީ މިރޭ 12 ޖަހާއިރު އެވެ.

މި ލިއުމާއި ގުޅޭ