Sunday 20th Apr 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެމްބަރު އަހްމަދު ސަލީމް (އޭދަފުށީ)

ޖީއެސްޓީ ބޮޑުކުރުމުން ތަކެތީގެ އަގު ނުއުފުލޭނެކަމަށް ބުނާ މެންބަރުންނަށް ސަލީމުގެ ރައްދެއް

ޖީއެސްޓީ ބޮޑުކުރުމުން ތަކެތީގެ އަގުބޮޑުނުވާނެކަމަށް ވިދާޅުވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރައްދުދެއްވައި ތަކެތީގެ އަގު އުފުލޭ މިންވަރު އެނގޭނީ އެ ތަކެތި ވިއްކާ މީހުންނަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަދި ފުޅާދާއިރާއެއްގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިކުރައްވާ އަޙްމަދު ސަލީމް (ރެޑް ވޭވް) ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓު ދިރާސާކުރުމަށްފަހު ބަޖެޓު ކޮމިޓީން މަޖިލީހަށް ހުށަހެޅި ރިޕޯޓަށް ބަހުސްކުރައްވަމުން ސަލީމު ވިދާޅުވީ ތަކެތީގެ އަގު މިވެނި އިންސައްތައަކުން ބޮޑުވާނެކަމަށް ބަޖެޓުގައި ބުނެފައިވާއިރު އަގު އުފުލޭ މިންވަރު ބަލާފައިވަނީ ކޮން ދިރާސާއެއްގެ މައްޗަށްތޯ ސުވާލު އުފެދޭ ކަމަށެވެ.

"ތަކެތީގެ އަގޮބުވަނީ ވަރަށް ކުޑަ މިންވަރަކަށޭ، އެއް ޕަސެންޓޭ ދެ ޕަސެންޓޭ ހަތަރު ޕަސެންޓޭ [ކިޔާއިރު] މި އެއްޗެހި ވިއްކާ މީހުންނަށް ދޯ އެނގޭނީ ޕަސެންޓު މައްޗަށް ދާ ވަރު؟" ސަލީމު ސުވާލުކުރެއްވިއެވެ. އޭނާއަކީ އެންމެ އަގުހެޔޮކޮށް ތަކެތި ވިއްކަވާ ބޭފުޅާކަމަށް ވިދާޅުވެ ސަލީމު ވިދާޅުވީ އެއް ޝިޕްމެންޓުން އަނެއް ޝިޕްމެންޓަށް މުދަލުގެ އަގަށް އަންނަމުންދާ ބަދަލުތައް އޭނާއަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

އަދި ރައްޔިތުންގެ ހާލަތު ވިދާޅުވެދެއްވަމުން ސަލީމު ވިދާޅުވީ މިހާރު މަހުގެ 10 ވަނަ ދުވަހާ ހަމައަށް އަންނައިރު ރައްޔިތުންގެ އަތްމަތި ހުސްވެ ވިޔަފާރިތައް ހުއްޓޭ ކަމަށެވެ. އަދި އެ ހިސާބުން ފެށިގެން ގިނަ ބަޔަކު ލޭންދޭނަށް ކުދި ފިހާރަތަކުން ތަކެތި ގަންނަން މަޖުބޫރުވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ކުރިން މަހުގެ 20 ވަނަ ނުވަތަ 25 ވަނަ ދުވަހާ ހަމައަށް ރައްޔިތުންގެ އަތުގައި ފައިސާ ހުންނަ ކަމަށް ސަލީމު ވިދާޅުވިއެވެ.

ސަލީމު ފާހަގަކުރެއްވި ގޮތުގައި އަވައްޓެރި ލަންކާ ބަނގުރޫޓުވީ އެ ޤައުމުގައި އެ ޤައުމުގެ ފައިސާ ނެތިގެން ނޫނެވެ. އެ ޤައުމު ބަނގުރޫޓުވީ އެ ޤައުމުގައި ބޭރު ފައިސާ ނެތިގެންކަމަށް ވިދާޅުވެ ސަރުކާރަށް ތާއީދުކުރައްވާ ބައެއް މެންބަރުން އެމެރިކާއާއި ޔޫރަޕުގެ ދަރަނީގެ ހިސާބުތައް ފާހަގަކުރެއްވި ކުރެއްވުމަށް ރައްދުދެއްވައި ސަލީމު ފާހަގަކުރެއްވީ އެ ޤައުމުތަކުގެ ރިޒާވްގެ ބޮޑުކަމެވެ. ދިވެހިރާއްޖޭގެ ރިޒާވްގެ ކުޑަކަން ފާހަގަކުރައްވައި ސަލީމު ވިދާޅުވީ މިއަދު ރިޒާވްގައި ފައިސާ ހުރިކަން އަދި ހުރީ ކިހާ ފައިސާއެއްކަންވެސް ނޭނގޭ ކަމަށެވެ.

ސަރުކާރަށް އިތުރަށް ފާޑުވިދާޅުވަމުން ސަލީމު ފާހަގަކުރެއްވީ މި ސަރުކާރުން ރައްޔިތުންގެ އަތުން ފައިސާ ނެގުން ފިޔަވައި އާމްދަނީ އިތުރުކުރަން އެއްވެސް ކަމެއް ނުކުރާ ކަމަށެވެ. އެގޮތުން އެއާޕޯޓުގެ ޓާމިނަލަކީ އަހަރެއްހައި ދުވަހުން ނިންމައިލެވެން އޮތް ކަމެއް ނަމަވެސް އެކަންވެސް ނުކުރެވި ދިގުލައިގެން ދިޔައީ ސަރުކާރުގެ ނުކުޅެދުންތެރިކަމުގެ ސަބަބުންކަން ފާހަގަކުރެއްވިއެވެ. އަދި ގުދަންކުރާނެ ބިންކޮޅެއް ނެތިފައި ތިބި ވިޔަފާރިވެރިންނަށް ގުދަން ކުއްޔަށްދޭން ތިލަފުށީގައި ސަރުކާރަށް ބިމެއް ހިއްކައިނުލެވުނީ ކީއްވެތޯ ސަލީމު ސުވާލުކުރެއްވިއެވެ.

މި ލިއުމާއި ގުޅޭ