އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ މި އަހަރު ޚަރަދުކުރަން ނިންމާފައިވާ 5.8 ބިލިއަން ރުފިޔާގެ ސަޕްލިމަންޓަރީ ބަޖެޓުގެ ތަފުސީލު ސަރުކާރުން ހާމަނުކުރަނީ ވައްކަންކުރަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ތުހުމަތުކުރައްވައިފިއެވެ.
ބަޖެޓު ދިރާސާކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ކޮމިޓީން ހުށަހެޅި ރިޕޯޓަށް ބަހުސްކުރައްވަމުން އާޒިމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފާސްކުރުމެއް ނެތި 6 ބިލިއަން ރުފިޔާ ޚަރަދުކޮށްފައި އޮތުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. އަދި އެއީ ކަނޑައެޅިގެން ޤާނޫނު އަސާސީއާ ޚިލާފަށް ހިންގާފައިވާ ކަމެއް ކަމަށެވެ.
އާޒިމް އިތުރަށް ވިދާޅުވީ އެކަމާ ގުޅޭ ކަންބޮޑުވުންތައް އެހެން އޮއްވައި އެ ފައިސާ ޚަރަދުކުރި ގޮތުގެ ތަފުސީލު ހޯދުމަށް ހުށަހެޅުމުން އެ ތަފުސީލު ދިނުމަށްވެސް ސަރުކާރުން ދެކޮޅުހަދާފައިވާ ކަމަށެވެ. ބަޖެޓު ދިރާސާކުރި މަރުހަލާގައި އެ ތަފުސީލު ހޯދަން ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ހުށަހެޅުއްވި ނަމަވެސް އެ ހުށަހެޅުއްވުން ބަޖެޓު ކޮމިޓީން ފާސްނުކުރިއެވެ.
އެ ތަފުސީލު ނުދިނުމުން އެ ކުރަނީ ވައްކަންކަމަށް ތުހުމަތުކުރެވޭނެ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ. "އަހެންވީމާ ރައްޔިތުންގެ ޓެކްސް ޕޭޔަރުންގެ ކަންބޮޑުވުން ހުންނާނެ ދެއްތޯ އެކުރަނީ ދެން ވައްކަންކަމަށް،" އާޒިމް ވިދާޅުވިއެވެ.
އިތުރަށް އާޒިމް ވިދާޅުވީ ރައްޔިތުންގެ ހާލަތަށް ރިއާޔަތްކުރުމެއް ނެތި އަދި އެކަށީގެންވާ މިންވަރަށް ދިރާސާކުރުމެއް ނެތި ދަރަނި ބޮޑު ބަޖެޓެއް ހުށަހަޅައި އެއަށް ތާއީދުކޮށް ފާސްކުރާނީ، ރައްޔިތުން ނިކަމެތިކޮށް ޤައުމު ބަނގުރޫޓުކުރަން ކަމަށެވެ.
އެގޮތުން ޑޮލަރުގެ އަގު އުފުލުމާއި ޖީއެސްޓީ ބޮޑުކުރުމުން ތަކެތީގެ އަގު އުފުލޭނެކަން ބާޒާރަށް ނިކުމެ ބަލައިލާ ކޮންމެ މީހަކަށްވެސް އެނގޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އިތުރަށް އާޒިމް ވިދާޅުވީ ޖަނަވަރީ އެކެއް ނާންނަނީސް މިހާރުވެސް ޟަރޫރީ ބޭނުންތަކަށް ބޭނުންކުރާ ވަރަށް ގިނަ ތަކެތީގެ އަގު ބާޒާރުގައި ހުރީ މަތިވެފައި ކަމަށެވެ.
އެގޮތުން މިސާލެއްގެ ގޮތުގައި އޭނާ ވިދާޅުވީ މިހާރު ހަ ރުފިޔާއަށް ލިބޭ މަމީ ނޫޑުލްސް ޕެކެޓުގެ އަގު 11 ރުފިޔާއަށް 12 ރުފިޔާއަށް ބަދަލުވެގެންދާނެ ކަމަށެވެ. އަދި ޖީއެސްޓީ ނުނެގި ނަމަވެސް ޑޮލަރުގެ އަގު ބޮޑުވުމާ ގުޅިގެން ކޯސްޓް ކިރާއި ކައްކާ ތެލުގެ އަގުވެސް ބޮޑުވާނެކަމަށް ބެލެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ އެ ހުރިހާ ސަބަބުތަކަށްޓައި، އެ ބަޖެޓު ފާސްކުރުމަށް ތާއީދުކޮށް ވޯޓުދޭނީ ވަރަށް ވިޔާނުދާ ގޯސް މެންބަރެއް ކަމަށެވެ.