ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ދަށްވެ އަސާސީ ކަންކަމަށް ޚަރަދުކުރަން ބޭނުންވާ ފައިސާ މިހާރު ރިޒާވްގައި ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރުމަށްފަހު، މަޖިލީހުގެ ބަޖެޓު ކޮމިޓީން އެކުލަވައިލި ބަޖެޓު ރިޕޯޓުގެ ބަހުސްގައި މެންބަރަކު ދެއްކެވި ވާހަކަފުޅާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ރިޒާވްގައި ފައިސާ ނެތީސް އެހެން ގޮތަކަށް މެންބަރުން ވާހަކަދެއްކެވުމަކީ އެދެވިގެންވާ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.
"އަޅުގަނޑަށް ފެންނަ ތަނުގައި ކުރިއަށް އޮތް ހަފުތާތަކުގައި، ކުރިއަށް އޮތް މަސްތަކުގައި އަޅުގަނޑުމެންގެ ރާއްޖޭގެ އަސާސީ ކަންކަމަށް ބޭނުންވާނެ ފައިސާ ނެތީސް، އަޅުގަނޑުމެން މި މަޖިލީހުގައި އެެހެން ގޮތް ގޮތަށް ވާހަކަ ދައްކަމުން ގެންދިއުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ ރައްޔިތުންނަށް އޮޅުވައިލެވޭ ވަރަށް ބޮޑު އޮޅުވައިލުމެއް،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު މިފަދައިން ވިދާޅުވުމުން އެމަނިކުފާނުގެ ވާހަކަފުޅަށްފަހު ވާހަކަދެއްކެވި މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފު (މަވޯޓާ) ވަނީ އެމަނިކުފާނަށް ރައްދުދެއްވާފައެވެ. އޭނާ ވިދާޅުވެފައިވަނީ ރިޒާވް ރަނގަޅުކުރުމަށް ރައްޔިތުންގެ އަތުން ނަގާ ޓެކުސްތައް ބޮޑުކުރަން ނިންމުމުން އެކަމާ ދެކޮޅަށް ރައީސް ނަޝީދު ވާހަކަދައްކަވާފައިވަނީ ރިޒާވް ރަނގަޅުކުރަން އެދިވަޑައިނުގަންނަވާތީ ކަމަށެވެ.
ރިޒާވްގެ ހާލަތާމެދު ރައީސް ނަޝީދު ކަންބޮޑުވެވަޑައިގަތުން ފާޅުކުރެއްވިއިރު މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ހިސާބުތަކުން ފެންނަ ގޮތުގައި ފާއިތުވި އޮކްޓޯބަރު މަހުގެ ނިޔަލަށް ރިޒާވްގައި ހުރީ ޖުމްލަ 499.6 މިލިއަން އެމެރިކާ ޑޮލަރެވެ. އޭގެ ތެރެއިން ބޭނުންކުރެވޭ ގޮތަށް ހުރީ އެންމެ 105 މިލިއަން ޑޮލަރެވެ.
ބޭނުންކުރެވޭ ރިޒާވް 105 މިލިއަން ޑޮލަރަށް ދަށްވެފައިވާއިރު މިއީ ގާތްގަނޑަކަށް އެންމެ މަސް ދުވަހަށް ބޭނުންވާ ތަކެތި އިމްޕޯޓުކުރެވޭ މިންވަރުގެ ފައިސާއެވެ.