މިއަހަރުގެ ބަޖެޓުގެ ބޭރުން ސަރުކާރުން ހަރަދު ކުރި 5.8 ބިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމެނުމާއި ގުޅިގެން އޭގެ ތަފްސީލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހުށަހެޅުއްވި ހުށަހެޅުން ކޮމެޓީން އެ އިސްލާހު ބަލައިނުގެންފިއެވެ.
އެގޮތަށް ހުށަހެޅުއްވީ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ)އެވެ. އޭނާ ވަނީ މިއަހަރުގެ ބަޖެޓަށް އިތުރުކުރަން ހުށަހަޅާފައިވާ ބައިގެ ތަފްސީލު ހޯދަން ބަޖެޓް ރިޕޯޓްގައި ހިމަނަން ދެ ހުށަހެޅުމެއް ހުށަހެޅުއްވާފައެވެ.
ބޮންޑެގެ ފުރަތަމަ ހުށަހެޅުއްވުމަކީ މިއަހަރުގެ ބަޖެޓަށް އިތުރުކުރާ ބައިގެ ތެރެއިން އޮފީސްތަކުގެ ހާއްސަ ބަޖެޓުން ކުންފުނިތަކަށް، ކެޕިޓަލް އިންވެސްޓްމަންޓްގެ ގޮތުގައި ދޫކުރާ ބައިގެ ތަފްސީލު ދިނުމަށް ބަޖެޓް ރިޕޯޓްގައި ރިކޮމެންޑޭޝަނެއްގެ ގޮތުގައި ހިމެނުމެވެ. އެ ހުށަހެޅުއްވުމުގައި އެ ފައިސާގެ ތެރެއިން އެކި ކުންފުނިތަކަށް ދޫކުރި އަދަދުތައް ވަކިވަކިން ހޯދަން ވެސް ހުށަހަޅުއްވާފައިވެއެވެ.
އެ ދެ ހުށަހެޅުމަށް ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ތާއީދު ކުރައްވާފައިވާއިރު ދެ ހުށަހެޅުމަށް ވެސް ކޮމިޓީގައި ލިބިފައިވަނީ ހަތަރު ވޯޓެވެ.
މި މައުލޫމާތުތައް ދޭން ކޮމެޓީން ދެކޮޅުހަދާފައިވާއިރު ސަރުކާރުން އަންނަ އަހަރަށް ލަފާކުރާ ބަޖެޓް، ކޮމިޓީން ރޭ ފާސްކުރީ 160 މިލިޔަން ރުފިޔާ އިތުރުކޮށްގެންކަން ފާހަގަކޮށްލެވެއެވެ.