ރިސޯޓްތަކާއި ހޮޓެލްތަކަށް ހާއްސަކޮށްގެން ވޯލްޑްކަޕް ޕެކޭޖުތަކެއް ތައާރަފްކޮށްފިއެވެ.
ވޯލްޑްކަޕް ބެލުމަށް ހޮޓެލް އިންޑަސްޓްރީއަށް ތައްޔާރުކޮށްފައިވާ ހާއްސަ ވޯލްކަޕް ޕެކޭޖު ތައާރަފްކޮށްފައިވާކަން އެންގުމަށް މީޑިއާ ނެޓުން ނެރުނު ބަޔާނުގައި ބުނެފައިވަނީ ބްރޯޑްކޮމްއިން ހުއްދަ ދީފައިވާގޮތުން އެ ޕެކޭޖުން ވޯލްޑްކަޕްގެ މެޗްތައް ރިސޯޓް/ހޮޓެލްތަކުގައި ބެލޭނީ ކޮންމެ މެޗަކަށް ކޮޓަރިއަކަށް އެއް ޑޮލަރުގެ ރޭޓުން، އެވްރެޖުކޮށް 65 އިންސައްތައާއި 75 އިންސައްތައާ ދެމެދުގެ އޮކިއުޕޭންސީއަކަށް ބިނާކޮށް ކަނޑައެޅޭ އަގެއް ދެއްކުމުންކަމަށެވެ.
މީޑިއާނެޓަކީ ފީފާ ވޯލްޑްކަޕްގެ ރާއްޖޭގެ ލައިސެންސްޑް ބްރޯޑްކާސްޓަރަށްވާއިރު މީޑިއާނެޓުން ވޯލްޑްކަޕްގެ ސަބް ލައިސެންސް ނަގާފައިވާ ޗެނެލްތަކުގެ ތެރެއިން ރާއްޖެ ޓީވީ އަދި ޔޭސް ޓީވީއާ ހެދިފައިވާ އެގްރީމެންޓްތަކުގެ ދަށުން އެ ޗެނެލްތަކަށް ވޯލްޑްކަޕްގެ މެޗްތައް ދެއްކޭނީ ހަމައެކަނި ރެސިޑެންޝަލް ކަސްޓަމަރުންނަށްކަމަށް ވެސް މީޑިއާނެޓުން ބުނެފައިވެއެވެ.
ފޯރިގަދަ މެޗްތަކަކާއެކު މިއަހަރުގެ ފީފާ ވޯލްޑް ކަޕް ގަތަރް 2022 ފެށާނީ މި މަހުގެ 20 ވަނަ ދުވަހުއެވެ. މުބާރާތަށް ތައްޔާރުވުމުގެގޮތުން، އެކި އެކި ޕްރޮގްރާމްތަކާއި، ބެލުންތެރިންނަށް ފޭންޒޯންސް އަދި ރޯޑް ޝޯ ފަދަ ކުލަގަދަ ހަރާކާތްތަށް ވަނީ ރޭވާފައެވެ.