Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު ޢަލީ ޙުސައިން

މިހާރުވެސް ބާޒާރުގައި ތަކެތީގެ އަގުތައް އުފުލިއްޖެ: އަލީ ހުސައިން

މިހާރުވެސް ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގު އިންތިހާއަށް އުފުލިފައި ވަނިކޮށް ޖީއެސްޓީ ބޮޑުކުރާތީ، ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ގިނަ ބަޔަކު އެކަމާ ދެކޮޅު ހަދަމުން ދަނިކޮށް، ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ ސަރުކާރު ބޭނުންވި ގޮތަށް ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް އަދި ޓިޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރަން ފާސްކޮށްފަ އެވެ.
އޭގެ ސަބަބުން މުދަލުގެ އަގު ހީނުކުރާވަރަށް ބޮޑުވުމުގެ ބިރު އޮތްކަމަށް ވިޔަފާރިއާއި އިގްތިސާދީ ދާއިރާގެ ބައެއް ތަޖުރިބާކާރުން ބުނެ އެވެ.
އެކަމާ ގުޅުވައި އަލީ ހުސައިން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިހާރުވެސް ތަކެތީގެ އަގުތައް ބާޒާރުގައި ވަރަށް ބޮޑަށް އުފުލިފައިވާ ކަމަށެވެ.

"މިހާރުވެސް އަގުތައް އުފުލިއްޖެ. ކުރިން 6 ރުފިޔާއަށް ލިބުނު މިލްކް ޕެކެޓް މިއަދު ހެނދުނު ލިބުނީ 10 ރުފިޔާއަށް،" ޖީއެސްޓީއާއެކު އަގުތައް އިންތިހާއަށް އުފުލޭނެކަމަށް އިޝާރާތްކުރައްވަމުން އަލީ ހުސައިން ވިދާޅުވި އެވެ.

ސަރުކާރުން މަސައްކަތް ކުރަނީ އަންނަ އަހަރުން ފެށިގެން ޓެކްސްތައް ބޮޑުކުރާށެވެ. އެކަމަކު އޭގެ ސަބަބުން ސަރުކާރުން އަންދާޒާކުރާ މިންވަރަށްވުރެ ބޮޑަށް ތަކެތީގެ އަގުތައް އުފުލޭނެކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭ އިންވެސް ވަނީ ބުނެފަ އެވެ.

ދައުލަތުގެ ރިކަރަންޓު ހަރަދުތައް ފޫބައްދަން ޓެކްސް ބޮޑުކޮށްގެން 3.6 ބިލިއަން ރުފިޔާ ހޯދަން ސަރުކާރުން ވަނީ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފަ އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ފޮތުގައި، ސަރުކާރުން އަންދާޒާކުރާ ގޮތުގައި އެ އަހަރު އިންފުލޭޝަން ރޭޓު ހުންނާނެކަމަށް ލަފާކުރަނީ 5.4 އިންސައްތައިގަ އެވެ. އަދި އޭގެ ތެރެއިން ޖީއެސްޓީ ބޮޑުކުރުމުގެ ސަބަބުން އިންފުލޭޝަން އުފުލޭނަކަމަށް ބެލެވެނީ 2.4 އިންސައްތައިން ކަމުގައި ބަޖެޓުގައި ބުނެފައިވެ އެވެ.

ނަމަވެސް ބަޖެޓާ ގުޅިގެން އެމްއެމްއޭއިން މަޖިލީހަށް ދިން ލަފާގައި ބުނެފައިވަނީ އަންނަ އަހަރު އިންފުލޭޝަން ރޭޓު 5.4 އިންސައްތައަށް އުފުލޭނެކަމަށް ލަފާކުރެވޭއިރު އޭގެ ތެރެއިން 2.2 އިންސައްތައަކީ ސީދާ ގޮތެއްގައި ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑުކުރުމުގެ ސަބަބުން އުފުލޭ މިންވަރު ކަމަށެވެ.
އަދި ޖީއެސްޓީ ރޭޓު ބޮޑުކުރުމުގެ ސަބަބުން އެ ފުރުސަތުގައި ބައެއް ވިޔަފާރިތަކުން ވިޔަފާރި ފައިދާ އިތުރުކުރުމަށް އަގުތައް މަތިކުރުންފަދަ މާކެޓް ބިހޭވިއާއަށް އަންނަ ބަދަލުތަކާއެކު ނުސީދާ ގޮތެއްގައިވެސް ތަކެއްޗާ ހިދުމަތުގެ އަގުތައް 2.2 އިންސައްތައަށްވުރެވެސް މައްޗަށް އުފުލުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
މި ލިއުމާއި ގުޅޭ