ރާއްޖޭގެ ޕެންޝަން ފަންޑުން ޓީބިލަށް މިހާތަނަށް 13.5 ބިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވާ ކަމަށް އެ އިދާރާގެ އާ ސީއީއޯ ސުޖާތާ ހަލީމް ވިދާޅުވެއްޖެ އެވެ.
ޕެންޝަން އޮފީހުން ބޭއްވި "މޯލްޑިވްސް ފައިނޭންސް ފޯރަމް" ގައި މިއަދު ސުޖާތާ ވިދާޅުވީ، ޕެންޝަން ފަންޑުގެ ބޮޑު ބައެއް އިންވެސްޓް ކުރަނީ ސަރުކާރުގެ ޓީބިލަށް ކަމަށެވެ.
ނަމަވެސް ފަންޑު ބޮޑު ކުރަން ޓީބިލުގެ އިތުރުން ދިގު މުއްދަތުގެ އިންސްޓްރޫމަންޓްތަކަށް ވެސް އިންވެސްޓް ކުރަން ޖެހޭ ކަމަށް ސުޖާތާ ވިދާޅުވި އެވެ. އެގޮތުން ދިގު މުއްދަތުގެ ސެކިއުރިޓީ އާއި އިންވެސްޓްމަންޓްތަކުން ލިބޭ ފައިދާ ވެސް ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާތަނަށް ޕެންޝަން ފަންޑުން 13.5 ބިލިއަން ސަރުކާރުގެ އިންސްޓްރޫމަންޓް [ޓީބިލް] އަށް ސަބްސްކްރައިބް ކޮށްފިން. އެއީ ޑޮމެސްޓިކް ދަރަނީގެ 30 ޕަސެންޓު،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ޕެންޝަން އޮފީހުން މަސައްކަތް ކުރަނީ ފަންޑުން ޕްރައިވެޓް ސެކްޓަރަށް ކުރާ އިންވެސްޓްމެންޓްތައް ވެސް އިތުރު ކުރުމަށެވެ. އޭރުން ފަންޑު މިހާރަށް ވުރެ ބޮޑުކުރަން ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ މުޅި ޖުމްލަ ދަރަނި މި އަހަރު ނިމޭއިރު ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 106 ބިލިއަން ރުފިޔާގަ އެވެ. އޭގެ ތެރެއިން 57.9 ބިލިއަން ރުފިޔާއަކީ އެތެރޭގެ ދަރަންޏެވެ.
ރާއްޖޭގެ ޕެންޝަން ފަންޑުގެ 21 ޕަސެންޓް އިންވެސްޓް ކޮށްފައި ވަނީ ހިއްސާގަ އެވެ. އަދި 52 ޕަސެންޓް އިންވެސްޓްކޮށްފައިވަނީ ޓީބިލާއި ބޮންޑުގަ އެވެ.