Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފިނޭންސް މިނިސްޓަރ އަމީރު

ޓެކުސް ބޮޑުކުރުމަކީ ސަރުކާރުގެ މަސައްކަތްތައް ބާރަށް ކުރިއަށްގެންދަން ލިބުނު ބާރެއް: އަމީރު

ސަރުކާރުން ހުށަހެޅި ގޮތަށް އާންމުންގެ އަތުން ނަގާ ޖީއެސްޓީ އަދި ފަތުރުވެރިން އަތުން ނަގާ ޓީޖީއެސްޓީ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްވުމަކީ ސަރުކާރުގެ މަސައްކަތްތައް ސަރުކާރުން ބޭނުންވާ ގޮތަށް ކުރިއަށްގެންދަން ލިބުނު ބާރެއްކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު މިފަދައިން ވިދާޅުވީ ސަރުކާރުން ޓެކުސް ބިލަށް ހުށަހެޅި އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާއީދުކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތާއީދާއެކު މިއަދު މަޖިލީހުން ފާސްކުރުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

އެ ޓުވީޓުގައި އަމީރު ވިދާޅުވެފައިވަނީ މި ސަރުކާރުން ފާއިތުވި އަހަރުތަކުގައި ކުރިމަތިވ ބޮޑެތި އިޤުތިޞާދީ ދަތިތަކުން އަރައިގަނެ ދުނިޔައަށް މިސާލު ދައްކާފައިވާ ކަމަށެވެ. އަދި ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް ހަމަހަމަކަމާއެކު މުޅި ރާއްޖެއަށް ބޭނުންވެފައިވާ އެތައް އުމްރާނީ އިޖުތިމާއީ ތަރައްޤީގެ މަޝްރޫއުތައް ކުރިއަށްގެންދިޔަ ކަމަށެވެ.

އަމީރު މިފަދައިން ވިދާޅުވެފައިވާއިރު ސަރުކާރުން ތަރައްޤީގެ ގިނަ މަޝްރޫޢުތައް ހިންގަމުންދަނީ ދަރަންޏަށް ފައިސާ ނަގައިގެންނެވެ. އެ މަޝްރޫޢުތަކުގެ ތެރެއިން ވަރަށް ގިނަ މަޝްރޫޢުތައް ކުރިއަށްދާ ދުވެއްޔާމެދު ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އަމީރު އިތުރަށް ވިދާޅުވީ ސަރުކާރުން ހުށަހެޅި ގޮތަށް ޖީއެސްޓީ އަދި ޓީޖީއެސްޓީ ރޭޓުތައް ބޮޑުކުރަން މަޖިލީހުން ފާސްވުމަކީ މާލީ ދެމެހެއްޓެނެވިކަން ކަށަވަރުކޮށް، ރައްޔިތުންގެ އުންމީދުތައް ހާސިލުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތައް ބާރުމިނުގައި ކުރިއަށްގެންދަން ލިބުނު އިތުރު ބާރެއް ކަމަށެވެ.

އަމީރު މިފަދައިން ވިދާޅުވިއިރު ޓެކުސް ބިލު މަޖިލީހަށް ހުށަހެޅި ސަބަބެއްކަމަށް ސަރުކާރުން އެ ބިލުގައި ބުނެފައިވަނީ ސަރުކާރުގެ ރިކަރަންޓު ޚަރަދުތައް ހަމަޖެއްސުމެވެ. ޓެކުސް ބޮޑުކޮށްގެން ސަރުކާރަށް 3 ބިލިއަން ރުފިޔާގެ އާމްދަނީއެއް އިތުރަށް ލިބޭނެކަމަށް 2023 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ސަރުކާރުން ބުނެފައިވެއެވެ.

ނަމަވެސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އާއި މާލީ އިދާރާތަކުން ފާހަގަކުރާ ގޮތުގައި ޓެކުސް ބޮޑުކުރި ނަމަވެސް ސަރުކާރުގެ ޚަރަދުތައް ކުޑަނުކުރެވޭނަމަ ދައުލަތުގެ ބަޖެޓުގެ ދަރަނި ކުޑަނުވާނެއެވެ. ދައުލަތުގެ ބަޖެޓުގެ ދަރަނި ކުޑަނުކުރެވޭނަމަ ދައުލަތުގެ ޖުމްލަ ދަރަނި އަހަރުން އަހަރަށް ބޮޑުވެ އެކަމުގެ ސަބަބުން އިޤުތިޞާދަށް ނޭދެވޭ އަސަރުތައްކުރާނެކަމަށް ލަފާކޮށްފައިވެއެވެ.

އަންނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ތަންފީޒުކުރަން ނިންމާފައިވާ ޖީއެސްޓީ އަދި ޓީޖީއެސްޓީގެ އައު ރޭޓުތަކަކީ ޖީއެސްޓީގެ ގޮތުގައި 8 ޕަސެންޓު އަދި ޓީޖީއެސްޓީގެ ގޮތުގައި 12 އިންސައްތައެވެ.

މި ލިއުމާއި ގުޅޭ