މިދިޔަ ހަފްތާގައި މާލޭ މެދުޒިޔާރާތުގައި ދިދަ ނެގީ ޖުމްހޫރީ ދުވަހާ ގުޅުވައި ކަމަށާއި، ހާއްސަ ދުވަސްދުވަހާ ގުޅުވައި އެތަނުގައި އަދިވެސް ދިދަ ނަގަމުންދާނެ ކަމަށް ސަގާފަރާ ތަރިކައާ ބެހޭ މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.
ގާތްގަނޑަކަށް 30 އަހަރު ފަހުން މެދު ޒިޔާރަތުގައި ހުރި ދިދަ ދަނޑިތަކުގައި އެންމެ ކުރީ ޒަމާނުގައި ވެސް ހުންނަ ގޮތަށް ހުދު ދިދަ ނަގަން މި ސަރުކާރުން ފެށީ މި މަހުގެ 10 ވަނަ ދުވަހު އެވެ.
އެކަމަކު ގިނަ އިލްމުވެރިން ފާހަގަކުރި ގޮތުގައި އެއީ އިސްލާމްދީނުގައި ހުއްދަ ނޫން، ނެތިގޮސްފައިވާ ބިދުއަ އެކެވެ. އެހެންވެ، އަމާޒުވި ފާޑުކިޔުންތަކާއެކު އެ ދިދަތައް ތިރިކުރަން އޭގެ އަނެއް ދުވަހު ސަރުކާރުން ނިންމި އެވެ.
އެކަމާ ގުޅުވައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑެ) ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، މެދުޒިޔާރާތުގައި ދިދަ ނެގީ މިފަހުން އެތަނުގެ އާބާތުރަ ފިލުވައި، ޒީނަތްތެރި ކުރުމުގެ ގޮތުން ކަމަށެވެ.
އެތަނުގައި ދާއިމީކޮށް ދިދަ ނަގާފައި ނުހުންނާނެ ކަމަށާއި، އެކަން ކުރާނީ ހާއްސަ ދުވަސްދުވަސް ނުވަތަ މުނާސަބަތުތަކާ ގުޅުވައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ދިދަ ނަގަން ނިންމާފައިވަނީ ވަކި ދުވަސްދުވަހަކާ ގުޅިގެން، ވަކި މުނާސަބަތަކާ ގުޅިގެން، މީގެ ކުރިންވެސް މެދު ޒިޔާރާތުގައި ދިދަ ނަގާފައިވަނީ ވަކި ދުވަސްތަކެއް ފާހަގަކޮށް. އެހެންވީމަ އެގޮތުގެ މަތިން ޖުމްހޫރީ ދުވަހު ދިދަ ނެގީ، އެ ދުވަސް ނިމުމާ ހަމައިން ދިދަ ތިރިކުރީ،" މިނިސްޓަރު ވިދާޅުވި އެވެ.
"ދިދަ ދާއިމީގޮތަކަށް ނަގާފަ ހުރުން އެއީ މާލީ ގޮތުން ބަލާއިރުވެސް އެހާ ފަސޭހަ ކަމަކަށް ނުވާތީ، އަދި ކުރީގެ އާދަކާދައަށް ބަލާއިރުވެސް ފަސޭހަ ކަމަކަށް ނުވާތީ އެގޮތަކަށް ނޫން ނިންމާފަ ވާނީ. އެހެންވެ ދިދަ ތިރިކުރެވުނީ އެރޭ އިރުއޮއްސުމާ ހަމައިން."
ދީނީ އިލްމުވެރިންގެ ކަންބޮޑުވުންތަކާ ގުޅިގެން މިނިސްޓަރު ޔުމްނާ ވަނީ މީގެ ކުރިންވެސް އެކަމަކީ "ދީނީ ކަމެއްގެ ގޮތުގައި ކުރާ ކަމެއް ނޫން ކަމަށާއި ސަގާފީ ކަމެއް" ކަމަށް ވިދާޅުވެފަ އެވެ.
މެދު ޒިޔާރާތަކީ މީލާދީން 1153 ވަނަ އަހަރު ރާއްޖެ އަށް އިސްލާމް ދީން ގެނެސްދެއްވި އަބުލް ބަރަކާތު ޔޫސުފުލް ބަރުބަރީ ފަސްދާނުލެވިފައިވާ ތަނެވެ. އަދި 1692 ވަނަ އަހަރު ރާއްޖޭގައި ރަސްކަން ކުރެއްވި އަރަބިކަރައިގެ ބޭފުޅެއް ކަމަށްވާ ސައްޔިދު ވެސް މެދު ޒިޔާރަތުގައި ފަސްދާނުލާފައިވެ އެވެ.