ދުވާފަރު ދާއިރާގެ މަޖިލިސް މެމްބަރު އިސްމާއީލް އަހްމަދުގެ ފަރާތުން މީހަކަށް ދޭންޖެހޭ ފައިސާ އަދާކުރުމުގެ ގޮތުން އެކައުންޓްގައި ފައިސާނެތި މަކަރާއި ހީލަތުން ދޫކުރި ދެ ޗެކެއް ބައުންސްވި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ތ.ކަނޑޫދޫގައި 03 ކްލާސްރޫމް އެޅުމަށްޓަކައި 2018 ވަނަ އަހަރު އިސްމާއީލް އަހްމަދުގެ ކުންފުންޏާއި ހަވާލުކުރެވުނު ޕްރޮޖެކްޓެއްގެ ބައެއް މަސައްކަތްތައް ސަބް ކޮންޓްރެކްޓެއްގެ ދަށުން މޫސާ ހަލީލް ނަމަކަށްކިޔާ މީހަކާއި ހަވާލުކޮށް އޭނާ ކުރި މަސައްކަތަށް ދޭންޖެހޭ ފައިސާ ހޯދުމަށްޓަކައި އެދުމުން 150،000 ރުފިޔާގެ ދެ ޗެކް އިސްމާއީލް އަހްމަދުގެ އަމިއްލަ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުން 2020 ވަނަ އަހަރުގެ ތެރޭގައި ދޫކޮށްފައިވާކަން "ދިޔަރެސް" އާ މޫސާ ހަލީލް ހިއްސާކުރި ޗެކްތަކަށް ބެލުމުން އެނގެން އޮވެއެވެ.
މެމްބަރު އިސްމާއީލްގެ އެކައުންޓުން ދޫކުރި ދެ ޗެކަށް ފައިސާ ހޯދުމަށްޓަކައި މޫސާ ހަލީލް ބޭންކަށް ހުށަހެޅުމުން ޗެކްތަކުގައިވާ އަދަދަށް އެކައުންޓްގައި ފައިސާ ނެތުމުން ދެ ޗެކް ބައުންސްވެފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ދޫކުރި ޗެކް އަނބުރާ ރައްދުކުރި ލިޔުމުގައި ބަޔާންކޮށްފައިވެއެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ޖުމްލަ 1.7 މިލިއަން ރުފިޔާއަށް މެމްބަރު އިސްމާއީލްގެ ކުންފުންޏާއި ހަވާލުކުރި ޕްރޮޖެކްޓާއި ގުޅިގެން މޫސާ ހަލީލްކުރި މަސައްކަތްތަކަށް ދައްކަންޖެހި ނުދައްކައިވާ ޖުމްލަ ފައިސާގެ އަދަދު 450،000 ރުފިޔާއަށް އަރާކަމަށް މޫސާ ހަލީލް "ދިޔަރެސް"އަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.
ޕްރޮޖެކްޓަށް އެޑިއުކޭޝަން މިނިސްޓްރީއިން ކަނޑައަޅާފައިވާ ފައިސާ އެއްކޮށް ކަހަލަ ގޮތަކަށް ރައީސް ސޯލިހުގެ ސަރުކާރުން މެމްބަރު އިސްމާއިލްއަށް ދޫކޮށްފައިވީ ނަމަވެސް މޫސާ ހަލީލް އަމިއްލަ ތަކެތީގައި ކުރި މަސައްކަތަށް ދޭންޖެހޭ ފައިސާ ދީފައިނުވާތީ އޭނާ ކުރަމުން އައި ވިޔަފާރި އެއްކޮށް ހުއްޓި މީހާ މުޅިން ދަރަނިވެރިވެފައިވާކަމަށް ވަރަށް އަސަރާއިއެކު އޭނާ ކިޔައިދިނެވެ.
މެމްބަރު އިސްމާއީލްގެ އެކައުންޓްގައި ފައިސާނެތި ދޫކުރި ދެ ޗެކް ބައުންސްވުމާއި ގުޅިގެން މިހާރު އަމަލުކުރެވެމުންދާ ގާނޫނުލްއުގޫބާތުގައި ބަޔާންކޮށްފައިވާ ގޮތަށް ޗެކް ބައުންސްވެފައިވާކަމުގެ މައުލޫމާތު މޫސާ ހަލީލްގެ ފަރާތުން މެމްބަރު އިސްމާއިލްއަށް ހިއްސާކުރިތާ 07 ދުވަސް ފާއިތުވީއިރުވެސް އެފައިސާ އަދާކޮށް ނިންމާފައިނުވާތީ، މޫސާ ހަލީލްގެ ފަރާތުން އެމައްސަލަ ވަނީ 2020 ވަނަ އަހަރުގެ ތެރޭގައި ޕޮލިހަށް ހުށަހަޅާފައެވެ.
ނަމަވެސް ދިވެހި ފުލުހުންގެ ހިދުމަތުން އެ މައްސަލަ ބެލެންނެތްކަމަށް މޫސާ ހަލީލްއަށް އަންގައި މައްސަލަވަނީ ބޭރުކޮށްލައިފައެވެ. މި މައްސަލަ ނުބަލައި ބޭރުކޮށްލީ ސީދާ ރައީސް ސޯލިހު އަރިހުގައި މެމްބަރު އިސްމާއީލް އެގޮތަށް ކަންތައް ކޮށްދިނުމަށް އެދުމުން ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު މެދުވެރިކޮށްކަމަށް މި މައްސަލަ ހިނގާދިޔަގޮތް އެނގޭ އިތުބާރުކުރެވޭ ފަރާތަކުން ވަނީ "ދިޔަރެސް" އަށް ކަށަވަރުކޮށްދީފައެވެ.
އެކައުންޓްގައި ފައިސާނެތި ޗެކްދޫކޮށް، އެ ޗެކްގައިވާ އަދަދަށް ފައިސާ ނެތިގެން ޗެކް ބައުންސްވިކަން ޗެކް ދޫކުރި ފަރާތަށް އަންގައިތާ 07 ދުވަހުގެ ތެރޭގައި ޗެކްގައިވާ އަދަދަށް ފައިސާ ދައްކާ ހަލާސްކޮށްފައި ނުވާނަމަ، މިހާރު އަމަލު ކުރެވެމުންދާ ޤާނޫނު އުގޫބާތުގެ 212 ވަނަ މާއްދާގެ ދަށުން ޗެކް ދޫކުރި ފަރާތުގެ މައްޗަށް މަކަރާއި ހީލަތް ހެދުމުގެ ދައުވާ ކުރެވޭނެއެވެ.
ޗެކް ބައުންސްވުމާއި ގުޅިގެން މަކަރާއި ހީލަތް ހެދުމުގެ ގިނަ ޖިނާއީ ދައުވާތަކެއް މިހާރުވެސް ރާއްޖޭގެ އެކި ކޯޓްތަކުގައި ހިނގަމުންދާކަން ކޯޓްތަކުންނާއި ޕީޖީ އޮފީހުން ހާމަކުރާ ތަފާސްހިސާބުތަކުން ފެންނަން އެބަހުއްޓެވެ. އަދި އެފަދަ މައްސަލަތަކާއި ގުޅިގެން ގިނަ ފަރާތްތަކެއްގެ މައްޗަށް ދިގު މުއްދަތުގެ ޖަލު އަދަބުތައް އައިސްފައިވާކަންވެސް ފާހަގަކުރެވެއެވެ.
މެމްބަރު އިސްމާއީލްގެ މަކަރާއި ހީލަތުން ނިގުޅާގަނެފައިވާ ފައިސާގެ ޖުމްލަ އަދަދު 300،000 ރުފިޔާއަށް އަރާތީ، ގާނޫނުލްއުގޫބާތުގެ ދަށުން އެކުށް ދަރަޖަކުރެވިފައިވަނީ ޖިނާޔަތުގެ 4 ވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައެވެ.
މީހެއްގެ މައްޗަށް ޖިނާއަތުގެ 4 ވަނަ ދަރަޖައިގެ ކުށެއް ސާބިތުވެއްޖެނަމަ ގާނޫނު އުގޫބާތުގައި ބަޔާންކޮށްފައިވާ ގޮތުން އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑުން ޖުމްލަ އެއް އަހަރާއި ހަތް މަސް ދުވަހުގެ ޖަލު އަދަބެއް އަންނާނެއެވެ. އަދި އެ މައްސަލައަށް އިއުތިރާފްވެގެން އަދަބުގެ މިންވަރު އެއް ދަރަޖަ ދަށްކުރި ނަމަވެސް އެއް އަހަރާއި ބާރަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.
ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ގޮތުން ރައްޔިތުން މަޖިލީހަށް ހޮވިފައިވާ މެމްބަރެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވެ އެއް އަހަރަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް އައިސްފިނަމަ އޭނާގެ މަޖިލީހުގެ ގޮނޑި ގެއްލޭނެއެވެ.
މެމްބަރު އިސްމާއީލްގެ މައްޗަށް ތުހުމަތު ކުރެވޭ މަކަރާއި ހީލަތް ހެދުމުގެ މިމައްސަލާގައި ފެންނަންހުރި ހެކިތަކަށާއި، މިފަދަ މައްސަލަތަކުގައި ރާއްޖޭގެ ކޯޓްތަކުން ނިންމާފައިވާ ނިންމެވުންތަކަށް ބަލައިއިރު، މިމައްސަލަ ފުލުހުން ތަހްގީގްކޮށް ޕްރޮސިކިއުޓަރ ޖެނެރަލް ދައުވާކުރިނަމަ މައްސަލަ ސާބިތުވުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް އެކަމާއި ގުޅިގެން "ދިޔަރެސް"އާ ވާހަކަދެއްކި ރާއްޖޭގެ ފުންނާބު އުސް ވަކީލަކު ވިދާޅުވިއެވެ.
މޫސާ ހަލީލްއަށް ދިން ޗެކްތައް ބައުންސްވި މައްސަލަ ފުލުހުން ނުބެލުމުން އޭނާ މިހާރުވަނީ މެމްބަރު އިސްމާއީލްގެ އަތުން ލިބެންޖެހޭ ފައިސާ ހޯދުމަށްއެދި ސިވިލް ކޯޓަށްވެސް މައްސަލައެއް ހުށަހަޅާފައެވެ. އެ މައްސަލަ ހުށަހެޅިފަހުން ގިނަ ދުވަސްތަކެއް ފާއިތުވެގެން ދިޔައިރު، މައްސަލާގައި ދެން އޮތީ ހުކުމްކުރުންކަމަށް މޫސާ ހަލީލް މައުލޫމާތު ދިނެވެ. އަދި ހޯދުމަށް ދައުވާކޮށްފައިވާ ފައިސާއަކީ ދޭންޖެހޭ ފައިސާކަމަށް ކޯޓްގައި މެމްބަރު އިސްމާއީލް އިއުތިރާފްވެފައިވާކަމަށްވެސް އޭނާ ބުންޏެވެ.
ދުވާފަރު ދާއިރާގެ މެމްބަރަކީ 2018 ވަނަ އަހަރު ވެރިކަމަށް ރައީސް ނަޝީދު ގެނައުމަށް ވަރަށް ބޮޑަށް ތާއީދުކުރެއްވި ބޭފުޅެކެވެ. އެކަން އެ ދުވަސްވަރު އިސްމާއީލް ކުރައްވާފައިވާ ޓްވީޓްތަކުން ހާމަވެއެވެ.
ނަމަވެސް ފަހަކަށް އައިސް މެމްބަރު އިސްމާއީލް ފާހަގަކުރެވިފައިވަނީ ރައީސް ސޯލިހު ފެކްޝަނަށް ނިސްބަތްވާ، ރައީސް ނަޝީދުއަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ މެމްބަރުގެ ގޮތުގައެވެ. އެގޮތުން މިއަދުގެ މަޖިލީހުގެ ޖަލްސާގައިވެސް އޭނާ ވަނީ ރައީސް ނަޝީދަށް ރާއްޖޭގެ ވެރިކަމާއި ދުވަހަކުވެސް ގާތްނުވެވޭނެގޮތް ހެދުމަށްޓަކައި މަސައްކަތްކުރާނެކަމަށް ވިދާޅުވެފައެވެ. ރައީސް ނަޝީދު ދޫކޮށް، ރައީސް ސޯލިހުއަށް މެމްބަރު އިސްމާއިލް އެހާ ބޮޑަށް ތާއީދުކުރަން ފެށި ސަބަބެއް ޔަގީނެއް ނުވެއެވެ.