ޕެންޝަން އޮފީހުން ބާއްވާ މޯލްޑިވްސް ފައިނޭންސް ފޯރަމް މާދަމާ (ބުދަދުވަހު) ކުރުނބާ މޯލްޑިވްސްގައި ބާއްވާނެ ކަން އެ އޮފީހުން ހަމަ ކޮށްފިއެވެ.
ފައިނެންސާ ފޯރަމަކީ ދިވެހިރާއްޖޭގެ މާލީ ދާއިރާ ކުރިއަރުވައި ތަރައްޤީ ކުރުމަށްޓަކައި ކުރެވެންހުރި ކަންތައްތަކާބެހޭ ގޮތުން މަޝްވަރާ ކުރުމަށް ބާއްވާ ފޯރަމެކެވެ. މިއަހަރުގެ ފޯރަމަށް ކަނޑައަޅާފައިވާ މަޢުޟޫޢަކީ "ދިވެހިރާއްޖޭގެ ފައިނޭންޝަލް އިންފްރާސްޓްރަކްޗަރ ތަރައްޤީ ކުރުން" މި މައުޝޫއެވެ.
މި ފޯރަމުގައި ބައިވެރިވަނީ ރާއްޖޭގެ މާލީ ދާއިރާގައި ހަރަކާތްތެރިވާ އިސްފަރާތްތަކާއި ވިޔަފާރި، އިގްތިސާދު، ސިޔާސީ، ޢިލްމީ، އިޖްތިމާޢީ ދާއިރާގެ އިސް ބޭފުޅުން ކަމަށް ޕެންޝަން އޮފީހުން މައުލޫމާތު ދެއެވެ.
މިއަހަރުގެ ފޯރަމުގައި ރާއްޖޭގެ ފައިނޭންޝަލް އިންފްރާސްޓްރަކްޗަރ މިހާރު އެކުލެވިފައިވާގޮތާއި، ފައިނޭންޝަލް އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމަށް ހިންގަމުންދާ އަދި ކުރިއަށްއޮތްތަނުގައި ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކާ ބެހޭގޮތުން މައުލޫމާތު ބަދަލުކުރުމާއި، ފުރިހަމަ މާލީ ނިޒާމެއް ޤާއިމުކުރުމަށް ރައްޖޭގެ ފައިނޭންޝަލް އިންފްރާސްޓްރަކްޗަރަށް ގެންނަން ޖެހޭ ތަރައްޤީއާއި ކުރިއެރުންތަކާ މެދު މަޝްވަރާ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ޕެންޝަން އޮފީހުން ބުނެއެވެ.
ޕެންޝަން އޮފީހުން ބުނީ މިއަހަރުގެ ފޯރަމްގެ މައުޟޫ ކަނޑައެޅުމުގައި ބަލާފައިވާނީ، ރާއްޖޭގެ އެންމެ ބޮޑު އިންސްޓިޓިއުޝަނަލް އިންވެސްޓަރުގެ ހައިސިއްޔަތުން ޕެންޝަން އޮފީހަކީ ރާއްޖޭގެ މާލީ ދާއިރާ ކުރިއެރުވުމަށް، ވަކިން ޚާއްސަކޮށް އިންވެސްޓަރުންނަށް ހުރި ފުރުސަތުތައް އިތުރުކުރުމަށެވެ.
ފައިނޭންޝަލް އިންފްރާސްޓްރަކްޗަރ ތަރައްޤީވުމަށްޓަކައި އިންވެސްޓްކުރުމަށް ހުރި ވަސީލަތްތަކާއި ފުރުސަތުތައް އަދި އިންވެސްޓަރުންނަށް ބޭނުންވާ ސާފު މައުލޫމާތު ލިބޭނެ މަގު ފަހިވެ، އެކަށޭނަ އިންވެސްޓްމަންޓް ފުރުސަތުތައް ދެނެގަތުމަށް އޮންނަ ފުރުސަތު އިތުރުވެ، އިންވެސްޓަރުންނަށް ފަހި މާހައުލެއް ޤާއިމުވުމަކީ ނުހަނު ބޭނުން ތެރިކަމެއް ކަމަށެވެ.
މާލީ ދާއިރާގެ އެކިފަރާތްތަކާ ގުޅިގެން ކުރިޔަށްގެންދާ މި އިވެންޓްގެ މެއިން ސްޕޮންސަރަކީ ބެންކް އޮފް މޯލްޑިވްސް އެވެ. ކޯ ސްޕޮންސަރުންނަކީ މޯލްޑިވްސް އިސްލާމިކް ބެންކާއި، މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑެވެ. މީޑިއާ ޕާޓްނަރަކީ ޕަބްލިކް ސަރވިސް މީޑިއާ އެވެ. ޓެލެކޮމް ޕާޓްނަރަކީ އޫރިދޫ މޯލްޑިވްސް އެވެ.
އޮންލައިން ނިއުސް ޕާރޓްނަރަކީ "އަދަދު" އެވެ. އެސޯސިއޭޓް ޕާޓްނަރުންނަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އަދި މޮރިޝަސް ކޮމާޝަލް ބެންކެވެ.
މިފޯރަމާގުޅޭ އިތުރުމަޢުލޫމާތު ފައިނޭންސް ފޯރަމް ވެބްސައިޓް www.financeforum.mv އިން ލިބިވަޑައިގަންނަވާނެ ކަމަށް ވެސް ޕެންޝަން އޮފީހުން ބުނެއެވެ.