އެމްޓީސީސީގެ ހިންގުމާއި އާދަމް އާޒިމް ހަވާލުވުމާއި އެކު އެ ކުންފުނިން މީޑިއާ ތަކަށް އެތައް ލައްކައިން ރުފިޔާ ދީގެން, ކުންފުނީގެ މޫނުމަތި ރީތިކޮށް, މާލީ ގޮތުން ވަރުގަދަ ކުންފުންޏެއް ކަމަށް ދެއްކުމަށް ގިނަ މަސައްކަތްތަކެއް ކޮށްފި އެވެ. އެކަމަކު މިއަދު އެ ކުންފުނީގެ ގޯސްވަމުން އަންނަ މާލީ ހާލަތު, ކުއާޓާލީ ބަޔާންތަކަށް ބަލާލުމުން ސާފުކޮށް ފެންނަން ފަށައިފި އެވެ.
މި އަހަރުގެ ފުރަތަމަ ތިން ކުއާޓަރު ނުވަތަ ފާއިތުވި ނުވަ މަސް ދުވަހުގެ ތެރޭގައި އެމްޓީސީސީ އަށް ފައިދާގެ ގޮތުގައި ލިބިފައި ވަނީ ޓެކްސް އަށް ކެނޑުމުގެ ކުރިން 130.1 މިލިޔަން ރުފިޔާ އެވެ. އެކަމަކު އެ މުއްދަތުގެ ތެރޭގައި ސަރުކާރުން ވަނީ ސަބްސިޑީގެ ގޮތުގައި އެ ކުންފުންޏަށް 238.6 މިލިޔަން ރުފިޔާ ދީފަ އެވެ. އެހެންކަމުން, އެ މުއްދަތުގައި އެމްޓީސީސީ އަށް ލިބުނު ފައިދާ އަކީ ވިޔަފާރީގެ ފައިދާ އިތުރުވެގެން ލިބުނު ފައިދާ އަށް ވުރެ ބޮޑަށް, ސަރުކާރުން ދިން ސަބްސިޑީގެ ސަބަބުން ލިބުނު ފައިދާ އެއް ކަން ސާފެވެ.
"ސަރުކާރުން ސަބްސިޑީ ދީގެން ކުންފުނި ހިންގުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ކަމެއް ނޫން. އެމްޓީސީސީގެ މާލީ ހާލަތާއި ނުބައްދަލު އިންވެސްޓްމަންޓްތައް ޓްރާންސްޕޯޓަށް މިހާރު އެ ކުރަނީ. އެ ބައި ކަވަރު ކުރަން ސަރުކާރުން ބޮޑެތި އަދަދުތަކުން ސަބްސިޑީ ދެނީ. އެކަމަކު އެއީ ކުރިއަށް އޮތް ތަނުގައި ސަސްޓެއިން ކުރެވޭނެ ގޮތެއް ނޫން," ފައިނޭންޝަލް ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުން އެމްޓީސީސީގެ މާލީ ހާލަތު ގޯސްވަމުން އަންނަ ކަން އެންމެ ބޮޑަށް ފާހަގަ ވަނީ ތިން ވަނަ ކުއާޓަރުގައި ލިބުނު ފައިދާ 47 މިލިޔަނަށް ވެއްޓުމެވެ. އެއީ ދެ ވަނަ ކުއާޓަރާ އަޅާ ބަލާއިރު 30 މިލިޔަނަށް ވުރެ ބޮޑަށް ވެއްޓުމެކެވެ.
"ތިން މަސް ދުވަހުގެ ތެރޭގައި އޭހާ ބޮޑަށް ފައިދާ ދަށްވުމަކީ ވަރަށް ބޮޑު ނުރައްކަލެއް. އަނެއްކާ ލޯނު ނެގުން ވަރަށް ބޮޑަށް އިތުރުވެއްޖެ. އެމްޓީސީސީން އެބަ ބުނޭ އެ ކުންފުނީގެ މައި ވިޔަފާރީގެ ގޮތުގައި ބަލާ ކޮންސްޓްރަކްޝަން ދާއިރާގެ ފުރުސަތުތައް ހަނިވަމުން އަންނަ ކަމަށް. އެހެންވެއްޖެއްޔާ, މި ނަގާ ލޯނުތަކުގެ ޕޭމަންޓް ކުރިއަށް އޮތް ތަނުގައި އަދާކުރެވިދާނެތޯ އެއީ ވަރަށް ބޮޑު ސުވާލެއް," އޭނާ ވިދާޅުވި އެވެ.
އެމްޓީސީސީން އެންމެ ފަހުން ނެރުނު މި އަހަރުގެ ތިން ވަނަ ކުއާޓަރުގެ ހިސާބުތަކުން ދައްކާ ގޮތުން މި އަހަރު ފުރަތަމަ ކުއާޓަރު ނިމުނު އިރު ލޯނުގެ ޖުމްލަ އުޅެނީ 345 މިލިޔަން ރުފިޔާގަ އެވެ. އަދި ދެ ވަނަ ކުއާޓަރު ނިމުނު އިރު އެ އަދަދު 337.5 މިލިޔަނަށް ވެއްޓުމަށް ފަހު ތިން ވަނަ ކުއާޓަރު ނިމުނު އިރު ވަނީ 552.3 މިލިޔަން ރުފިޔާ އަށް އުފުލިފަ އެވެ. މާނަ އަކީ ތިން ވަނަ ކުއާޓަރުގައި އެކަނި އެމްޓީސީސީން ވަނީ 214.8 މިލިޔަން ރުފިޔާގެ ލޯނު ނަގައިފަ އެވެ.
އޭގެ އިތުރުން ދެން ސުވާލު އުފެދެނީ ތިން ވަނަ ކުއާޓަރު ނިމުނު އިރު އެ ކުންފުންޏަށް ލިބެން ހުރި ފައިސާގެ އަދަދު ދެ ވަނަ ކުއާޓަރަށް ވުރެ 57 މިލިޔަނަށް އަށް ވުރެ ބޮޑު އަދަދެއް ދަށްވެފައި ވަނިކޮށް, ކުންފުނީގެ އިންވެންޓްރީ 125 މިލިޔަނުން އިތުރުވެފައި ވުމެވެ.
"އިންވެންޓްރީގައި ހުރީ އިންޖީނު ނުވަތަ ކޮންސްޓްރަކްޝަން މެޓީރިއަލްސް ކަމެއް ސާފެއް ނޫން. ކުންފުންޏަށް ލިބެން ހުރި ފައިސާގެ އަދަދު ބޮޑުތަނުން ދަށްވެފައި ވާއިރު, އިންވެންޓްރީ މިހާ ބޮޑަށް އިތުރުވެގެން ދިއުމަކީ ވަރަށް ސީރިއަސް މައްސަލައެއް," އޭނާ ވިދާޅުވި އެވެ.
ފައިނޭންސް ދާއިރާގެ އިތުރު ތަޖުރިބާކާރަކު ވެސް ވަނީ އެމްޓީސީސީގެ ހިސާބުތަކުން ފެންނަނީ ކުންފުނި ބަނގުރޫޓުވުމާއި ދިމާލަށް ދަތުރުކުރާ މަންޒަރު ކަމަށް ބުނެފަ އެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި އެ ކުންފުނިން މުސާރަ ކުޑަކޮށް, ވަޒީފާ މަދުކުރުން ފަދަ ބޮޑެތި ބަދަލުތައް ގެންނަން ޖެހޭނެ ކަމަށް އޭނާ ދެކިލައްވަ އެވެ.
"ކުންފުނީގެ މާލީ ހާލަތާ ނުބައްދަލު އެތައް އިންވެސްޓްމަންޓެއް ކޮށް, މިވަގުތަށް ސަރުކާރުން ސަބްސިޑީ ނަގައިގެން ދެކޮޅު ޖައްސަމުން ދަނީ. އެކަމަކު އެއީ ދިގު މުއްދަތެއްގައި ކުރެވޭނެ ކަމެއް ނޫން. އަނެއްކޮޅުން ވިޔަފާރި ދަށްވަނީ, ލޯނުތައް އެތައް ސަތޭކައެއް އިތުރުވެއްޖެ. މި ހުރިހާ ސަބަބުތަކަކަށް ބަލާއިރު އެމްޓީސީސީ ކުރިއަށް އޮތް ތަނުގައި ބަނގުރޫޓުވުން ގާތް ނޫނީ ދެން ޖެހޭނީ ސަރުކާރުން އެތައް ސަތޭކަ މިލިޔަނެއް އަޅައިގެން ކުންފުނި ބަނގުރޫޓުވިޔަ ނުދީ ހިފަހައްޓަން," އޭނާ ވިދާޅުވި އެވެ.
އެމްޓީސީސީގެ މާލީ ހާލަތު ގޯސްވަމުން އަންނަ އިރު, އާޒިމް އެ ކުންފުނީގެ ހިންގުމާ ހަވާލުވުމަށް ފަހު, ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ ގޮތަށް ބޮޑު އަގުގައި ބިޑް ކުރާ ބައެއް ކުންފުނިތަކަށް އެތައް ސަތޭކަ މިލިޔަން ރުފިޔާގެ ޕްރޮޖެކްޓްތައް ހަވާލުކޮށްފައި ވެއެވެ. އެހެންނަމަވެސް އެއިން އެއްވެސް މައްސަލައެއް ސަރުކާރުން މިހާތަނަށް ބަލާފައިނުވެއެވެ. އެއިން ބައެއް މައްސަލަ އޭސީސީއަށް ހުށަހެޅި ނަމަވެސް އެ މައްސަލަތައްވެސް ހުރީ ކުރިއަށްނުގެންދެވި މަޑުޖެހިފައެވެ.