Tuesday 21st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބަޖެޓު ޑެފިސިޓު

ދައުލަތުގެ ބަޖެޓުގެ ހިސާބުތައް ދިމާނުވެ، އަމާޒުތައް ހާސިލުނުވުމުގެ ފުރުސަތު ބޮޑު

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު، ފޮޓޯ: ރައީސް އޮފީސް

އަންނަ 2023 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއެކު، މި އަހަރަށް ސަޕްލިމަންޓަރީ ބަޖެޓެއް ސަރުކާރުން ހުށަހަޅާފައިވާއިރު, ބަޖެޓުގައި ހިމަނާފައިވާ ހިސާބުތައް އަހަރު ނިމޭއިރު ދިމާވާނެކަމާމެދު އަދި ބަޖެޓުން ހާސިލުކުރަން ބޭނުންވާ އަމާޒުތައް ހާސިލުވާނެކަމާމެދު ފުންކޮށް ވިސްނައިލަންޖެހިފައިވެއެވެ.

ދައުލަތުގެ ބަޖެޓުގައި އަންދާޒާކޮށް ހިމަނާ ހިސާބުތައް އަކުރުން އަކުރަށް ދިމާނުވި ނަމަވެސް، ބަޖެޓުގެ ހިސާބުތަކުން ކިޔައިދެނީ އިޤުތިޞާދީ ހާލަތު ފެށިގެން އަންނަ އަހަރު އޮންނާނެކަމަށް ސަރުކާރުން އަންދާޒާކުރާ ގޮތްކަމުގައިވާތީ، ބަޖެޓުގެ އަމާޒުތައް ހާސިލުނުވުމުން އިޤުތިޞާދުގެ ޖުމްލަ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުތަކެއްކުރާކަމަށް މާހިރުން ވިދާޅުވެއެވެ.

އަންދާޒާކުރި ވަރަށްވުރެ ޚަރަދު ބޮޑުވެ ޑެފިސިޓު މައްޗަށް

އަންނަ އަހަރުގެ ބަޖެޓުގެ އަމާޒުތައް ހާސިލުކުރެވޭނެތޯ އުފެދޭ ސުވާލަށް ޖަވާބުދިނުމަށް ބަލައިލަންޖެހެނީ މި އަހަރުގެ ބަޖެޓުގެ އަމާޒުތައް ހާސިލުވީ މިންވަރަށެވެ. ބަޖެޓުގެ މައިގަނޑު އަމާޒުތައް ގުޅެނީ ޤައުމުގެ ޖުމްލަ އިޤުތިޞާދާކަމަށްވާއިރު، ނިމުނު އަހަރުގެ ބަޖެޓުގެ އެއް އަމާޒަކީ ދައުލަތުގެ އާމްދަނީއާއި ޚަރަދުގެ ފަރަގު ކުޑަކޮށް ޑެފިސިޓު ކުޑަކުރުމެވެ. ދަރަނި ދެމެހެއްޓެނެވި މިންގަނޑެއްގައި ހިފަހެއްޓުމެވެ.

މި އަމާޒު ހާސިލުވި މިންވަރު ވަޒަންކުރަން ބަލާއިރު ފާހަގަކޮށްލަންޖެހެނީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއެކު މި އަހަރު ބާކީ އިތުރަށް ކުރާނެ ޚަރަދުތަކުގެ ސަޕްލިމަންޓަރީ ބަޖެޓެއް ހުށަހަޅާފައިވާ ކަމެވެ. އެއާއެކު ޖުމްލަކޮށް ބަޖެޓުގެ ހިސާބުތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން ފާހަގަވެއެވެ.

އެގޮތުން ހިލޭއެހީއާއި އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ކުރިން ލަފާކުރީ 24.2 ބިލިއަން ރުފިޔާ ކަމުގައިވީ ނަމަވެސް މިހާރު ފިނޭންސް މިނިސްޓްރީން ލަފާކުރާ ގޮތުގައި 26.4 ބިލިއަން ރުފިޔާ ހިލޭ އެހީއާއި އާމްދަނީގެ ގޮތުގައި ލިބޭނެއެވެ. އެއީ ކުރިން އަންދާޒާކުރި މިންވަރަށްވުރެ 2.1 ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

ކުރިން އަންދާޒާކުރި މިންވަރަށްވުރެ އާމްދަނީ އިތުރުވާއިރު، ޚަރަދުތައްވެސް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓަށްވުރެ އިތުރުވާނެއެވެ. އެގޮތުން ކުރިން ޚަރަދުވާނެ ކަމަށް އަންދާޒާކުރީ 34 ބިލިއަން ރުފިޔާއެވެ. ނަމަވެސް އަހަރު ނިމޭއިރު 39.9 ބިލިއަން ރުފިޔާ ޚަރަދުވާނެއެވެ. އެހެންކަމުން ބަޖެޓު ޑެފިސިޓު ކުރިން އަންދާޒާކުރި 9 ބިލިއަން ރުފިޔާގެ ބަދަލުގައި 13 ބިލިއަން ރުފިޔާއަށް މަތިވާނެއެވެ. އެއީ ކުރިން އަންދާޒާކުރި މިންވަރަށްވުރެ ގާތްގަނޑަކަށް 4 ބިލިއަން ރުފިޔާ އިތުރު މިންވަރެކެވެ.

މި ހަގީގަތްތަކުގެ އަލީގައި އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަލާއިރު، އާމްދަނީގެ ގޮތުގައި 32 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެއެވެ. އަދި ޚަރަދުވާނެކަމަށް އަންދާޒާކުރަނީ 40.6 ބިލިއަން ރުފިޔާއެވެ. އެހެންކަމުން އަންނަ އަހަރަށް އަންދާޒާކުރާ ޑެފިސިޓަކީ ޖުމްލަ 8.4 ބިލިއަން ރުފިޔާއެވެ. އާމްދަނީ އިތުރުވި ނަމަވެސް ޚަރަދު ކޮންޓުރޯލުނުކުރެވި އިތުރުވެގެން ގޮސްފިނަމަ މި އަހަރެކޭ އެއްފަދައިން ޑެފިސިޓު ބޮޑުތަނުން އިތުރުވާނެކަމަށް ބެލެވެއެވެ. ސަރުކާރުން ޚަރަދުކުރުމުގައި ޒިންމާދާރުކަން އިސްނުކުރާނަމަ އަންނަ އަހަރުވެސް އަންދާޒާކުރާ މިންވަރަށްވުރެ ޚަރަދު ބޮޑުވެ ދައުލަތުގެ ދަރަނިވެސް ލަފާކުރާ މިންވަރަށްވުރެ ބޮޑުވާނެއެވެ.

ބޮޑެތި އަދަދުތަކުން ހިލޭ އެހީގެ ހުވަފެން، ބިލާހަކަށްވެގެން ނިމެނީ

ބަޖެޓުގެ ޑެފިސިޓު އަންދާޒާކުރާ މިންވަރަށްވުރެ އިތުރުވާ އެއް ސަބަބަކީ ކޮންމެ އަހަރަކު ބަޖެޓުގައި ހިލޭއެހީގެ ގޮތުގައި ހޯދަން ނުވަތަ ލިބޭނެކަމަށް ޖަހާ ބޮޑެތި އަދަދުތައް ހަގީގަތަކަށް ނުވެ ނިމިގެންދާ ދިއުމެވެ. އެގޮތުން މި އަހަރުގެ ބަޖެޓުގައިވެސް ގިނަ އަދަދެއްގެ ފައިސާ ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރިއެވެ. ނަމަވެސް އެ އަދަދާ ގާތަށްވެސް ފައިސާ ނުލިބޭނެކަން މިހާރު ސަރުކާރުންވެސް ޤަބޫލުކުރެއެވެ.

މި އަހަރަށް ފާސްކުރި ބަޖެޓުގައި ޖުމްލަ 2.9 ބިލިއަން ރުފިޔާ ހިލޭއެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރިއެވެ. އޯގަސްޓު މަހުގެ ނިޔަލަށް ލިބުނީ 400 މިލިއަނެއްހައި ރުފިޔާއެވެ. ސަރުކާރުން މިހާރު އަންދާޒާކުރަނީ އަހަރު ނިމޭއިރު ލިބޭނީ ޖުމްލަ 602.7 މިލިއަން ރުފިޔާ ކަމަށެވެ. މާނައަކީ ލިބޭނެކަމަށް އަންދާޒާކުރި ހިލޭއެހީގެ ތެރެއިން 2.3 ބިލިއަން ރުފިޔާ ނުލިބޭނެއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި 2.4 ބިލިއަން ރުފިޔާ ހިލޭއެހީގެ ގޮތުގައި ލިބޭނެކަމަށް ސަރުކާރުން އަންދާޒާކުރެއެވެ. އެ ފައިސާގެ ތެރެއިން 2.1 ބިލިއަން ރުފިޔާއަކީ އެކުވެރި ޤައުމުތަކުން ލިބޭނެކަމަށް ލަފާކުރާ ފައިސާކަމުގައިވާއިރު، އެއިން 1.5 ބިލިއަން ރުފިޔާ ހޯދަން ނިންމާފައިވަނީ "އެކިއެކި ޤައުމުތަކުން"ނެވެ. އެއީ ކޮން ޤައުމުތަކެއްކަން ސާފުކޮށް ބަޖެޓުގައި ބަޔާންނުކުރެއެވެ. މާނައަކީ އެ ފައިސާއަކީ ނުލިބުމުގެ އިހުތިމާލު ވަރަށް ބޮޑު ފައިސާއަށްވުމެވެ.

ބޭރުގެ ފައިނޭންސިން ހަމަނުޖެހި ބޭންކުތަކާއި ޕެންޝަން ފަންޑަށް ބުރަ ބޮޑުވަނީ

ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށް ކޮންމެ އަހަރަކުވެސް ދަރަންޏަށް ފައިސާ ހޯދައެވެ. ފައިސާ ހޯދަން ބަޖެޓުގައި ހިމަނާއިރު ބޮޑު ބައެއް ހޯދަން ހިމަނަނީ ބޭރުގެ ފައިނޭންސިން މެދުވެރިކޮށެވެ. 2022 ވަނަ އަހަރުގެ ބަޖެޓުގައި ފައިނޭންސިން ކުރަން ހިމެނި އަދަދަކީ 9.7 ބިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން 5.02 ބިލިއަން ރުފިޔާ ހޯދަން ނިންމާފައިވަނީ ބޭރުގެ ފައިނޭންސިން މެދުވެރިކޮށެވެ. އަދި ރާއްޖޭގެ ދާޚިލީ ބާޒާރުން ހޯދަން ނިންމާފައިވަނީ 4.7 ބިލިއަން ރުފިޔާއެވެ.

މިހާރު މިއަހަރުގެ ބަޖެޓު މުރާޖައާކޮށް ބަދަލުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މިހާރު އެ އަދަދުތައްވަނީ އެކޮޅުކޮޅުން ޖެހިފައެވެ. އެގޮތުން މިހާރު ބޭރުން ފައިނޭންސިން ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރަނީ 2.5 ބިލިއަން ރުފިޔާއެވެ. އަދި އެތެރޭގެ ބާޒާރުން މިހާރު ނަގަންޖެހޭނީ 11.1 ބިލިއަން ރުފިޔާއެވެ. އަދި ޖުމްލަ ފައިނޭންސްގެ ގޮތުގައި ހޯދާ އަދަދު މިހާރުވަނީ 13.6 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

އަންނަ އަހަރަށް ބޭރުގެ ފައިނޭންސިންގެ ގޮތުގައި 4.6 ބިލިއަން ރުފިޔާ ހޯދަން ނިންމާފައިވާއިރު އެތެރޭގެ ބާޒާރުން ޖުމްލަ 3.7 ބިލިއަން ރުފިޔާ ހޯދަން ނިންމާފައިވެއެވެ.

މި އަހަރުގެ ހިސާބުތަކަށް ބަލާއިރު 11 ބިލިއަން ރުފިޔާ ދާޚިލީ ބާޒާރުން ހޯދާއިރު އެ ފައިސާގެ ތެރެއިން ބޮޑު ބައެއް ހޯދާނީ ޓީބިލު ވިއްކައިގެންނެވެ. ޓީބިލު އެންމެ ގިނައިން ގަންނާނީ ވިޔަފާރި ބޭންކުތަކާއި، ޕެންޝަން ފަންޑުންނެވެ. ވިޔަފާރިތަކާއި ފަރުދުންނަށް ދޫކުރަން ބޭންކުތަކުގައި ހުރި ފައިސާއިން ބައެއް ސަރުކާރަށް އެނބުރިގެންދާނެ ކަމަށާއި، އަދި ޕެންޝަން ފަންޑުން ސަރުކާރަށް ފައިސާ ނަގާ މިންވަރުވެސް އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ. ނަތީޖާއަކަށްވާނީ ބޭންކުތަކުން ފައިސާ އިޤުތިޞާދީ ހަރަކާތްތަކަށް ހޭދަވާ މިންވަރު މަދުވެ، ޕެންޝަން ފަނޑު އިހުނަށްވުރެ ނާޒުކު ފައްތަރަކަށް ހުށަހެޅުމެވެ.

ބޭރުގެ ފައިނޭންސިން ލިބޭނެކަމަށް އަންދާޒާކުރާ މިންވަރަށް އަންނަ އަހަރު ފައިސާ ހަމަނުޖެހިއްޖެނަމަ މި އަހަރެކޭ އެއްފަދައިން ދާޚިލީ ބާޒާރުން ދަރަންޏަށް ފައިސާ ނަގާ މިންވަރު އިތުރުވެ ބޭންކުތަކާއި ޕެންޝަން ފަންޑަށް ބުރަ ބޮޑުވާނެއެވެ. ޕްރައިވެޓް ސެކްޓާއަށް އިންވެސްޓުކުރަން ހުރި ފައިސާއިން ބައެއް ސަރުކާރަށް ނަގަންޖެހޭނެއެވެ.

މި ހިރާސްތަކަށް ނުވިސްނުމުން އިޤުތިޞާދަށް ބުރަ ބޮޑުވޭ

މި ދެންނެވި ކަންކަމުގެ މައްޗަށް ބިނާކޮށް މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މި ހިރާސްތައް ފާހަގަކުރުމުން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެންބަރުންނަށް އެކަންވީ ވަރަށް ބޮޑު ގޯހަކަށެވެ. ބަޖެޓު ފާސްކުރުމަށްފަހު އަހަރު ނިމޭއިރު ބަޖެޓުގެ ހިސާބުތައް ދިމާނުވާތީ އެކަން ރަނގަޅުކޮށް ބަޖެޓުގެ މިންގަނޑުގެ ތެރޭގައި ކަންކަން ހިފަހައްޓަން ލަފާދިނުމުން ގަވަރުނަރު ސިޔާސީ ބޭފުޅަކަށް ހަދައި ލައްކަ ފަތިވަރު ސަރުކާރަށް ތާއީދުކުރައްވާ ބޭފުޅުން އަމުނައިލެއްވިއެވެ.

ނަމަވެސް އެ ހިރާސްތަކަށް ނުބަލައި ޚަރަދުކުރުމުގެ ޒިންމާދާރުވުމުގެ އުސޫލުތަކުން ނެއްޓިގެން ބަޖެޓު ތަންފީޒުކުރުމުގެ ނަތީޖާއަކީ ކޮބައި ހެއްޔެވެ؟ މި އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި ކުރިން އަންދާކުރި ގޮތުގައި މި އަހަރުގެ ނިޔަލަށް ދައުލަތުގެ ދަރަންޏަށްވާނީ 102.9 ބިލިއަން ރުފިޔާއެވެ. ނަމަވެސް ޚަރަދު ބޮޑުވެ އާމްދަނީ އިތުރުވުމުގެ ރާހަތެއް ނުލިބި ދައުލަތުގެ ދަރަނި މި އަހަރުގެ ނިޔަލަށް 105.7 ބިލިއަން ރުފިޔާއަށް އަރާނެކަމަށް މިހާރު ސަރުކާރުން އެއްބަސްވެއެވެ. މާނައަކީ ލަފާކުރި ވަރަށްވުރެ އަހަރު ނިމުނުއިރު ދަރަނި 2.8 ބިލިއަން ރުފިޔާއިން އިތުރުވީއެވެ.

މި އަހަރު ލިބުނު އާމްދަނީ އިތުރުވި ނަމަވެސް ޚަރަދު ބޮޑުވުމުގެ ސަބަބުން އަންދާޒާކުރި މިންވަރަށްވުރެ ދަރަނި އިތުރުވާނެކަމަށް މިހާރު ސަރުކާރުން ބުނާއިރު، އަންނަ އަހަރު އަނެއްކާވެސް ދަރަނި އިތުރުނުވާނެކަމަށް ބަލައި ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓު އެގޮތުގައި ތަންފީޒުވާނެކަމަށް ރައްޔިތުން ޤަބޫލުކުރަންވީ ސަބަބެއް މަޖިލީހާއި ޓުވިޓާގައި ސަރުކާރު ދިފާއުކުރައްވާ މަޖިލިސް މެންބަރުންނަށް ވިދާޅުވެނުދެއްވެއެވެ. ދަރަނި މިގޮތަށް ބޮޑުވާނަމަ ނަތީޖާއަކަށްވާނީ ދަރަނި އަދާކުރުމުގެ ބުރަ ބޮޑުވުމެވެ.

މި ލިއުމާއި ގުޅޭ