ރ. އަތޮޅު ފުޓްސަލް ޗެލެންޖުގައި މިއަދު ކުރިއަށް ގެންދިޔަ އެއަތޮޅު އިނގުރައިދޫ އަދި ދުވާފަރު ބައްދަލުކުރި މެޗުގައި ދެރަށު ސަޕޯޓަރުންގެ މެދުގައި ޖެހުނު ހަމަނުޖެހުމެއްގައި ގިނަ ބަޔަކަށް އަނިޔާވެގެން ފަރުވާ ދޭން ފަށައިފިއެވެ.
އުނގޫފާރު ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ ހަމަނުޖެހުންތަކާ ގުޅިގެން އެ ހޮސްޕިޓަލަށް 18 މީހަކު ގެންގޮސް ފަރުވާދީފައިވާކަމަށެވެ. މީގެ ތެރޭގައި 18 އަހަރުނުވާ އަށް ކުދިން ހިމެނޭ ކަމަށާއި މިހާރު ހޮސްޕިޓަލުގައި ފަރުވާދެމުންދަނީ ތިން މީހަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ހަމަނުޖެހުން ހިނގި ވަގުތު ސަޕޯޓުކުރަން ގޮސް ހުރި ކުޑަކުއްޖަކު ފިޓު ޖެހުނު ކަމަށް ވެސް ޚަބަރު ލިބެއެވެ.
ދެރަށުގެ ސަޕޯޓަރުންގެ މެދުގައި މި ހަމަނުޖެހުން ހިނގަން މެދުވެރިވެފައި ވަނީ އެއްބަޔަކު އަނެއް ބަޔަކަށް ރައްދު ދެމުންގޮސް ކަމަށް މައުލޫމާތު ލިބެއެވެ.
އަދި މީގެ އިތުރުން މި ހަމަނުޖެހުމުގެ ތެރޭގައި އަނގަމަތީގައި ގާބުރިއަކުން ޖެހުނު ކުޑަ ކުއްޖަކަށް އެރަށު ހޮސްޕިޓަލުގެ ޑެންޓަލް ޑިޕާޓްމެންޓުގައި ފަރުވާދެމުން އަންނަ އިރު، މި މާރާމާރީ އާ ގުޅިގެން އެތައް ކުޑަކުދިންނަށް ނަފްސާނީ ގޮތުން ގެއްލުން ލިބިފައިވާ ކަމަށް މަންޒަރު ދުށް ފަރާތަތަކުން ކިޔައިދީފައިވެއެވެ.