އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓާއި ގުޅިގެން އެމްއެމްއޭއިން ދިން ލަފާ ރައްޔިތުން މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު (ގަޕޯ)އަށް ކަމު ނުގޮސްގެން ފާޑު ވިދާޅުވެއްޖެއެވެ.
ބަޖެޓް ދިރާސާ ކޮމެޓީގައި އެމްއެމްއޭއިން ހުށަހެޅި ލަފާ ކަމު ނުގޮސްގެން ވާހަކަ ދައްކަވަމުން ގަޕޯ ވިދާޅުވީ 2009 ވަނަ އަހަރު ޓެކްސްގެ ނިޒާމް ތައާރަފްކުރި އިރު ދައުލަތުގެ ރިޒާވްގައި ހުރީ 32 މިލިއަން ޑޮލަރު ކަމަށާއި މިއަދު ދައުލަތުގެ ރިޒާވުގައި 600 މިލިއަން ޑޮލަރު ހުރިކަމަށެވެ.
"[ލަފާގައި މި އޮތީ] ހަމަ އެކަނި ރާއްޖޭގައި މިކަން ވާނެ ގޮތް، ރާއްޖެ މި އޮތީ ދުނިޔެއާ ލާމެހިފައި، އޮތް އިރު ބޭރުގައި އެކަން ހިނގާ ގޮތް ސާފުކޮށްދޭން ޖެހޭނެކަމަށް އަޅުގަނޑުމެން މި ގަބޫލު ކުރަނީ. އެކަން ކީއްވެތޯ މަނިކުފާނުގެ ލަފާގައި ފާހަގަކޮށްފައި ނެތީ. ރާއްޖޭގެ އެތެރޭގެ އިންފްލެޝަންއަށްވުރެ ބޮޑަށް ރާއްޖެއިން ބޭރުން އައިސްއުޅޭ އިންފްލޭޝަންއެއް މި އުޅެނީ. އެ އިންފްލޭޝަން އަންނާނެ ކަމަށް ލަފާ މިކުރަނީ އަންނަ އަހަރުވެސް" ގަޕޯ ވިދާޅުވިއެވެ.
ގަޕޯ އިތުރަށް ވިދާޅުވީ ޓެކްސް ބޮޑު ކުރާ ވާހަކަ ވަރަށް ބޮޑަށް ލަފާގައި ފާހަގަކޮށްފައިވާކަމަށާއި އެ ލަފައަކީ ވަރަށް ބޮޑަށް އެއް ފަރާތަކަށް ޖެހިފައި އޮތް ލަފައެއްކަމަށެވެ.
ގަޕޯ ވިދާޅުވީ ޖުމުލަ ގޮތެއްގައި ލަފާގައި ރަނގަޅު އެއްވެސް ކަމެއްގެ ވާހަކަ ފާހަގަކޮށްފައި ނެތްކަމަށާއި ހައްތާހާވެސް ފާހަގަކޮށްފައި ހުރީ ގޯސް ކަންކަމުގެ ވާހަކަ ކަމަށެވެ.
މަރުކަޒީ ބޭންކުން ބަޖެޓާއި ގުޅޭގޮތުން ފޮނުވި ލަފާގައި ވަނީ ދައުލަތުގެ ޓެކްސް ބޮޑު ކުރުމުގެ ބަދަލުގައި ހަރަދު ކުޑަކުރަން ގޮވާލާފައެވެ. އަދި ސަރުކާރުން ފައިސާ ޗާޕުކުރަމުން ދިޔުމުގެ ސަބަބުން ދިވެހި ފައިސާގެ އަގު ދަށްވާނެ ކަމުގެ އިންޒާރުވެސް އެމްއެމްއޭއިން ދީފައިވެއެވެ.