ބުރާސްފަތި ވިލޭރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިވާން "މިޝަން ފޯ މައިގްރެންޓް ވޯކާޒް މޯލްޑިވްސް"އިން ހުޅުވައިލި ފަންޑަށް 69،000 އަށްވުރެ ގިނަ ރުފިޔާ ލިބިއްޖެއެވެ.
މި ފަންޑަކީ ބުރާސްފަތި ވިލޭރޭގެ އަލިފާނުގެ ހާދިސާގައި ހާލުގައިޖެހި މަގުމަތިވެފައިވާ ފަރާތްތަކަށް ޟަރޫރީ ބޭނުންތައް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހުޅުވި ފަންޑެކެވެ.
މިޝަން ފޯ މައިގްރަންޓް ވޯކާސް މޯލްޑިވްސްއިން ޤާއިމުކުރި ފަންޑަށް ފައިސާ ލިބުނު އަދަދު ހާމަކޮށް އެ ޖަމްއިއްޔާއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ އެ ފަންޑަށް ދެ ގަނޑިއިރު ތެރޭގައި 69،193.83 ރުފިޔާ ލިބުނު ކަމަށެވެ. އަދި ބޭރު ފައިސާއިން 588 ޑޮލަރުވެސް ލިބިފައިވާކަމަށް ބުނެފައިވެއެވެ.
އެ ޖަމްއިއްޔާއިން ބުނެފައިވަނީ މި ފަންޑަށް ލިބޭ ފައިސާ މެދުވެރިކޮށް އަލިފާނުގެ ހާދިސާގައި ބޯހިޔާވަހިކަން ގެއްލުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވާ ކަމަށެވެ.
ނިރުފެހިގޭގައި ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާގައި ޖުމްލަ 10 މީހަކު މަރުވެފައިވެއެވެ. އެ ހާދިސާގައި ޒަޚަމްވި މީހުންގެ ތެރެއިން އެކަކަށް މިހާރުވެސް އައިސީޔޫގައި އަންނަނީ ފަރުވާދެމުންނެވެ.